ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓްރީ އުވާލައިފި

ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުވާލައްވައިފި އެވެ.

ރައީސް ސޯލިހު މި ނިންމުން ނިންމެވީ، ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އާމިނަތު އާތިފާ އިސްތިއުފާ ދެއްވުމާއެކު އެވެ. އާތިފާ އިސްތިއުފާ ދެއްވާފައި ވަނީ އެކަމަނާގެ ސިއްހީ ހާލުކޮޅު ގޯސްވެގެނެވެ. މިއަދު އާތިފާގެ އިސްތިއުފާ ރައީސް ވަނީ ގަބޫލުފުޅު ކުރައްވާފަ އެވެ.

އެއަށްފަހު ރައީސް ސޯލިހު ނިންމާފައި ވަނީ ހައުސިން މިނިސްޓްރީ އުވާލައި، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލު ކުރައްވާށެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީއިން ކުރަމުން ގެންދިޔަ މަސައްކަތްތައް ދެން ކުރަމުން ގެންދާނީ ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރުމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލު ކުރަން ވެސް ވަނީ ނިންމާފަ އެވެ.

ޕްލޭނިން މިނިސްޓަރުގެ މަގާމުގައި މިވަގުތު ހުންނެވީ އެމްޑީޕީގެ މުހައްމަދު އަސްލަމެވެ. އާ މިނިސްޓްރީގެ މިނިސްޓަރުކަން ވެސް ކުރައްވާނީ އަސްލަމެވެ.

ރައީސް ސޯލިހު މި ބަދަލު ގެންނެވިއިރު، ހައުސިން މިނިސްޓްރީ ދެ ބަޔަށް ބައިކޮށްލެވީ ވެސް އެމަނިކުފާނެވެ. އޭގެ ކުރީ ސަރުކާރުގައި އެ ދެ މިނިސްޓްރީއިން ކުރަމުން އައި މަސައްކަތް ކުރަމުން ދިޔައީ ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރު ކަމުގައި އެއް މިނިސްޓްރީއަކުންނެވެ.

ހައުސިން މިނިސްޓްރީއަކީ މި ސަރުކާރުގައި އެމްއާރްއެމްއަށް ދީފައި އޮތް ސްލޮޓެކެވެ. އާ ހައުސިން މިނިސްޓަރަކަށް ވެސް ގެންނާނީ އެމްއާރްއެމްގެ ބޭފުޅެއް ކަމަށް ރައީސް އެ ޕާޓީގައި ދަންނަވާފައިވާ ކަމަށް އެމްއާރްއެމްގެ ބައެއް ބޭފުޅުން ރޭ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މި ބަދަލު ކުއްލި ގޮތަކަށް ގެންނަން ނިންމީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.