ހަބަރު

މުއިއްޒު އަނެއްކާވެސް ފުލުހަށް ހާޒިރުވާން އަންގައިފި

Jun 11, 2020
5

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމް އިން ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.

މާދަމާ ރޭ 8:15 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ފުލުހުން އަންގާފައިވާ ކަން މުއިއްޒު ވަނީ އަވަސްއަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އޭނާ ފުލުހަށް ހާޒިރު ކުރަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލައާ ގުޅިގެނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ އެ މައްސަލާގައި މުއިއްޒު ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ނޫމަޑިއަށް ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން 848 މިލިއަން ރުފިޔާ ދޭން ޖެހުމާ ގުޅިގެން މުއިއްޒުގެ މައްސަލަ ފުލުހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ދިޔައީ ބަލަމުންނެވެ. އަދި މަޖިލީހަށް ވެސް މުއިއްޒު ހާޒިރުކޮށް ސުވާލު ކުރި އެވެ. އަދި ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހަށް ހުށަހަޅަން މަޖިލީހުން ނިންމި އެވެ.