އިދިކޮޅު ފަރާތްތައް

ލޮކްޑައުން ޖޫރިމަނާ މައާފުކޮށްދިނުމަށް ގޮވާލައިފި

Jun 13, 2020
2

ރައްޔިތުން ބިކަހާލުގައި ޖެހިފައިވާ މިވަގުތު ލޮކްޑައުންއާއި ގުޅިގެން ކޮށްފައިވާ ޖޫރިމަނާ މައާފުކޮށްދިނުމަށް ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ނިމާލް ގޮވާލައްވައިފި އެވެ.

ލޮކްޑައުންއާ ހިލާފުވެގެން ވަރަށް ގިނަ ބަޔަކު ވަނީ ޖޫރިމަނާކޮށްފައެވެ. ލޮކްޑައުންގެ އަމުރާ ހިލާފަށް ބޭރަށް ނިކުންނަ މީހުން ފުރަތަމަ ފަހަރުން 1،000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. އެގޮތުން 8،187 މީހުން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ނިމާލް ވިދާޅުވީ ރައްޔިތުން ބިކަހާލުގައި ތިބި ވަގުތެއްގައި އިތުރު ޖޫރިމަނާއެއް ކުރުމަކީ ލިބޭނެ ހިތްދަތި ކަމެއް ކަމަށެވެ. އެހެން ކަމުން ޖޫރިމަނާތައް މައާފުކޮށް ދިނުމަށް އޭނާ ގޮވާލެއްވިއެވެ.

"ރައްޔިތުން ތިބީ ބިކަހާލުގައި. ސަރުކާރުގެ ބޮޑުން ފިޔަވާ އަނގަޔާ އަތާ ދިމާވާ ދިވެހި އާއިލާއެއް ނެތް. ކޮވިޑުން ދިވެހި މުޖްތަމައު ބިރު ގަންނަވާލެވި މިވަނީ ގޭބަންދުގައި. ލޮކްޑައުން ޖޫރިމަނާކުރުން އިތުރު ހިތްދަތި ކަމެއް، ޖަޒީރާ ރައްޔިތުން އަބަދު ރުއިމުގައި. ޖޫރިމަނާ މައާފުކޮށްދިނުމަށް ގޮވާލަން." ނިމާލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. ލޮކްޑައުންގެ ސަބަބުން ވަރަށް ގިނަ އާއިލާތަކަށް މާލީ މައްސަަލަތައް ދިމާވެފައިވެއެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން ލޮކްޑައުންއަށް ބޮޑެތި ލުއިތަކެއްދީ ގިނަ ވަގުތު ބޭރުގައި އުޅުމުގެ ހުއްދަ ވަނީ ދީފައެެވެ.