ކުޅުދުއްފުށި ސިޓީގެ ހޮސްޕިޓަލުގައި ވެސް ކޮވިޑް-19 އަށް ޓެސްޓު ކުރެވޭ ގޮތް ހަދަން މަަސައްކަތް ފަށައިިފި އެވެ.
ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީީ) ގެ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ، ކުޅުދުއްފުށީގައި ހުންނަ އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި ޕީސީއާރް މެޝިނެއް ކުރިއަށް އޮތް 10 ދުވަހު ތެރޭގައި ބަހައްޓައި ކޮވިޑަށް ޓެސްޓު ކުރަން ފަށާނެ ކަމަށެވެ.
އެ މެޝިނުން، ދުވާލަކަށް 100 އާއި 150 ޓެސްޓު ކުރެވޭނެ ކަމަށް ވެސް އޭނާ މިއަދު ވިދާޅުވި އެވެ.
މީގެ މެޝިނެއް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް ބަހައްޓާނެ ކަމަށް މަބްރޫކް މިއަދު ވިދާޅުވެފައި ވެއެވެ. އުތުރާއި ދެކުނުގައި ބަހައްޓާ މި ދެ މެޝިނުގެ މަސައްކަތަށް ބޭނުންވާ ލެބް ޓެކްނީޝަނުން ތަމްރީން ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.
މިއަދު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ވެސް ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރަން ފަށާފަ އެވެ. އައްޑޫގައި މިހާރު ޓެސްޓު ކުރާ މެޝިނުން، ދުވާލަކަށް ކުރެވޭނީ 24 ސާމްޕަލެވެ. އަދި މި ޓެސްޓުތައް ކުރަނީ ބަޔޯ ފަޔާ މެޝިނަކުނެވެ.
ރާއްޖޭގެ އަތޮޅުތައް ފަސް ޒޯނަކަށް ބަހާލައިގެން، ފަސް ރަށެއްގައި ކޮވިޑް ފެސިލިޓީ ގާއިމު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.