ބޮލީވުޑް

ބޮލީވުޑް ތަރި ސުޝާންތު މަރުވެއްޖެ

Jun 14, 2020

ބޮލީވުޑްގެ ޒުވާން ތަރި ސުޝާންތު ސިންހް ރާޖްޕުޓް މިއަދުގެ ވަގުތެއްގައި މަރުވެއްޖެ އެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 34 އަހަރުގެ އެކްޓަރު މަރުވެފައިވަނީ ދަންޖެހިގެން އަމިއްލައަށެވެ.

ލޮކްޑައުންގައި އޭނާ އުޅެމުންދިޔައީ އެކަނި ކަމަށްވެ އެވެ. ނަމަވެސް އަމިއްލައަށް އޭނާ މަރުވި ސަބަބެއް ސާފެއް ނުވެ އެވެ. މިފަހުން އޭނާ އުޅުނީ ވަރަށް ބަލިވެ ކަމަށް ރިޕޯޓްތަކުގައިވެ އެވެ. މީގެ ހަ ދުވަސް ކުރިން ސުޝާންތުގެ މެނޭޖާކަން ކުރި ޒުވާން އަންހެނަކު ވެސް އަމިއްލައަށް މަރުވެފަ އެވެ.

ސުޝާންތު އަމިއްލައަށް މަރުވެފައިމިވަނީ އޭނާގެ ކެރިއަރު ވެސް ރަނގަޅު ދުވަސްވަރެއްގަ އެވެ. އެގޮތުން އޭނާގެ އެންމެ ފަހުގެ ފިލްމް "ޗިޖޯރޭ"އަކީ ސުޕަހިޓް ފިލްމެކެވެ.

ސުޝާންތުއަކީ ޓީވީ ސީރިއަލްތަކުން މަޝްހޫރުކަން ހޯދި ތަރިއެކެވެ. އެގޮތުން ޒީޓީވީގެ "ޕަވިތްރަ ރިޝްތާ"އިން އޭނާ ބޮޑު މަގުބޫލު ކަމެއް ހޯދި އެވެ. އޭގެ ފަހުން ފިލްމް "ކައިޕޯޗޭ"އިން ބޮލީވުޑަށް ނުކުތެވެ. އޭނާގެ އެކްޓިންއަކީ ފާޑުކިޔުންތެރިން ވެސް ވަރަށް ތައުރީފް ކުރާ އެކްޓިންއެކެވެ.

އޭނާގެ އެންމެ ތަފާތު އަދި މޮޅު ފިލްމަކީ އިންޑިއާގެ މޮޅު ކްރިކެޓް ކުޅުންތެރިޔާ ދޯނީގެ ބަޔޮޕިކްގެ ގޮތުގައި ގެނެސްދިން "އެމްއެސް ދޯނީ" އެ ފިލްމެވެ.

ސުޝާންތު އެންމެ ފަހުން އިންސްޓަގްރާމް ކޮށްފައިވަނީ އޭނާގެ މަންމަގެ ފޮޓޯއެކެވެ. ސުޝާންތުގެ މަންމަ ވަނީ އޭނާ ކުޑައިރު މަރުވެފަ އެވެ.

ޒުވާން، ހުނަރުވެރި އެކްޓަރުގެ ކުއްލި މަރާއެކު ބޮލީވުޑަށް ވަނީ ސިހުން ލިބިފަ އެވެ. ގިނަ ބަޔަކު ދަނީ ސުޝާންތުގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.