ދިވެހި ފުލުހުންގެ މުއައްސަސާއަށް އިސްލާހީ ބަދަލުތައް ގެނައުމުގެ މަގްސަދުގައި ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ދިރާސާ ކުރަން އެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލު ތަޅުމަށް ބަލައިގަންނަން ފާސްކުރީ 71 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. ބިލު ތަޅުމަށް ބަލައިގަތުމުން ބިލު ދިރާސާކުރަން ފޮނުވީ 241 ކޮމިޓީއަށެވެ.
ފުލުހުންގެ ހިދުމަތާ ގުޅޭ ކަންކަމުގައި ހޯމް މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަށް މިހާރުގެ ފުލުހުންގެ ގާނޫނުގައިވާ ވަރަށްވުރެ ސާފުކޮށް ބަޔާން ކުރުން އެ ބިލްގައި ހިމެނެ އެވެ. އެ ގޮތުން ވަކިވަކި ފުލުހުންނަށް މިނިސްޓަރަށް އަމުރު ނުކުރެވޭނެ ކަމުގައި ބިލްގައި ކަނޑައަޅާފައިވެ އެވެ.
ވަކިވަކި ފުލުހުންނަށް އަމުރުކުރުމުގެ ބާރު މިނިސްޓަރަށް ނުލިބޭ ގޮތަށް އެ ބިލުގައިވާއިރު، މިހާރު ފުލުހުންގެ ގާނޫނު އޮންނަ ގޮތުން ފުލުހުންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ވަކިވަކި ފުލުހުންނާއި ހުރިހާ ފުލުހުންގެ މައްޗަށް ވެސް އަމުރު ކުރުމުގެ ބާރު ހޯމް މިނިސްޓަރަށް އޮވެ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މީހުން އައްޔަން ކުރުމުގެ އިޖުރާއަތް އިތުރަށް ހަރުދަނާކޮށް، މަގާމުގެ ޝަރުތުތައް އިތުރަށް ބިލްގައި ތަފްސީލް ކޮށްފައިވެ އެވެ. އަދި ފުލުހުންގެ ހިދުމަތް ހިންގުމަށް ކޮމިޝަނަރަށް ލަފާ ދޭ ބަޔަކު ތިބެން ވާނެ ކަމަށް ބިލްގައިވެ އެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލެވޭނެ ގޮތަށް ވެސް ބިލުގައިވެ އެވެ. ނަމަވެސް އެމްޑީޕީގެ ގިނަ މެންބަރުން ތާއީދު ކުރައްވަނީ މިހާރު ވެސް އޮންނަ ގޮތަށް އެ ފުރުސަތު ހުޅުވާލުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ބޭފުޅަކު ކޮމިޝަނަރަށް އައްޔަން ކުރައްވާ ގޮތަށް އޮތުމެވެ.
އެއްވުންތައް ރުޅާލުމުގައި ފުލުހުން އަމަލު ކުރާނެ ގޮތްތަކަކާއި ބާރުގެ ބޭނުން ކުރަން ޖެހޭނެ ހާލަތްތަކާއި ބާރުގެ ބޭނުން ކުރަން ނުޖެހޭ ހާލަތެއްގައި ބޭނުން ނުކުރުމަށް ވެސް ބިލުގައި ކަނޑައެޅިގެން ބަޔާން ކޮށްފައިވެ އެވެ. ކުށްކުރުން ހުއްޓުވުމާއި އަމަން ބެލެހެއްޓުމުގައި ފުލުހުންނަށް ލިބިދޭ ބާރުތައް ތަފުސީލްކޮށް ބިލުގައި ބަޔާން ކޮށްފައިވެ އެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަކުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދެވޭނެ އުސޫލުތަކެއް ވެސް ބިލުގައި ހިމެނެ އެވެ. މަޖިލީހުގެ 241 ކޮމިޓީއަށް ފުލުހުންގެ ހިދުމަތް ބެލުމުގައި އޮންނާނެ ދައުރާއި ތަހުގީގުތައް ހިންގުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ދައުރާއި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކެއް ވެސް ހިމަނާފައިވެ އެވެ.
ނަމަވެސް ފުލުހުންގެ ހިދުމަތުގެ އެ ބިލަށް ފާޑުކިއުންތަކެއް ވެސް އަމާާޒުވެފައިވެ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެއީ ފުލުހުންގެ މުއައްސަސާގެ ތެރެއަށް މިހާރުގެ ސަރުކާރުންނާއި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުން ސިޔާސީ ނުފޫޒު ވެއްދޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެކެވެ.