ހަބަރު

ހިތަދޫގައި ދެ އެކްސިޑެންޓެއް، ތިން މީހަކަށް އަނިޔާ

އައްޑޫ ސިޓީ ހިތަދޫގެ ބޮޑު މަގުގައި މިރޭ ދެ އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުން މިރޭ ބުނީ އައްޑޫ ސިޓީގެ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލެއް ޖެހި މިރޭގެ 19:40 އެހައިކަންހާއިރު އެކްސިޑެންޓެއް ހިނގި ކަމަށެވެ. މި އެކްސިޑެންޓުގައި ބަޔަކަށް އަނިޔާވެ އެ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ދެވަނަ އެކްސިޑެންޓު ހިނގީ ފުރަތަމަ އެކްސިޑެންޓުވި ސަރަހައްދުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހަކު ސައިކަލު ދުއްވާލި ވަގުތު ކާރެއްގައި ޖެހިގެންނެވެ. ފުލުހުން ބުނީ، މި ދެ ހާދިސާގައި އަނިޔާވި މީހުންގެ ހާލުވެސް ސީރިއަސް ނޫން ކަމަށެވެ.

ދެ އެކްސިޑެންޓުން އަނިޔާވި ތިން މީހުންގެ އަތުގައިވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

އައްޑޫ ސިޓީގެ ހިތަދޫ ބޮޑު މަގުގައި ނުރައްކާތެރި އެކްސިޑެންޓުތައް އަބަދުވެސް ވެ އެވެ.