ހަބަރު

3.7 މިލިއަން ދައްކަން ހުކުމްކުރި ޝަރީއަތް އުސޫލާ ހިލާފު

މިދިޔަ ހޯމަ ދުވަހު، މައްސަލައިގެ ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ތިން މިލިއަނަށް ވުރެ ގިނަ ޑޮލަރު ދޭން ހުކުމްކުރީ ހައިކޯޓުން ހަދާފައިވާ ހާއްސަ ހާލަތުގައި ހައި ކޯޓުގެ ޝަރިއަތްތައް ދުރުން ކުރިއަށް ގެންދާނެ ގޮތުގެ އުސުލާ ހިލާފަށްކަން ހާމަ ވެއްޖެ އެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު ރިޔާސަތު ބެލެހެއްޓެވި މި މައްސަލައިގަ ހޯމަ ދުވަހު ވަނީ، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ޝުޖާއުގެ ބޭބެ، ގ. ޗާންދަނީމާގެ އިސްމާއިލް ޝުޖާއުއަށް ތިން މިލިއަނަށްވުރެ ގިނަ ޑޮލަރު ދޭން މއ. ވަހާރި ހުސެއިން ހިލްމީ އާއި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓޭޑްގެ މައްޗަށް ހުކުމް ކޮށްފަ އެވެ.

މި މައްސަލައިގެ ހުކުމް ކޮށްފައި ވަނީ ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގަ އެވެ. މި މައްސަލައަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ޖޭއެސްސީން ގިނަ މައްސަލަތަކެއް ބަލަމުންދާ ޝުޖާއު އުސްމާން ރިޔާސަތު ބެލެހެއްޓެވި މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އާއްމުކޮށް ހުޅުވާ ނުލަ އެވެ. ހައިކޯޓުގެ ބައެއް މައްސަލަތައް ޔޫޓިއުބް މެދުވެރިކޮށް ލައިވް ސްޓްރީމް ކުރި ނަމަވެސް މި މައްސަލަ ލައިވް ސްޓްރީމް ކޮށްފައެއް ނުވެއެވެ.

މި މައްސަލަ ޔޫޓިއުބް މެދުވެރިކޮށް ލައިވްކޮށްފައި ނުވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ހައިކޯޓުގެ މީޑިއާ އޮފިސަރު އަމީން ފައިސަލް، މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާ ހަވާލާދީ އަވަސްއަށް ވިދާޅުވީ މައްސަލަ ލައިވް ނުކުރީ މައްސަލައިގާ ހިމެނޭ މީހުންގެ ޒާތީ މައުލޫމާތު ހުރުމުން ކަމަށެވެ.

"މައްސަލައިގައި ހިމެނޭ މީހުންގެ ބޭންކް އެކައުންޓްގެ ނަންބަރު ފަދަ ޒާތީ މައުލޫމާތު ހިމެނޭތީ މައްސަލަ ލައިވް ނުކުރީ،" އަމީން ވިދާޅުވި އެވެ.

މައްސަލަ ލައިވް ނުކުރީ، މައްސަލައިގަ ހިމެނޭ މީހުން ޒާތީ މައުލޫމާތު ހިމެނޭތީ ކަމަށް ހައިކޯޓުން ބުނި ނަމަވެސް، މި މަހުގެ ހަތް ވަނަ ދުވަހު ހައިކޯޓުން އާއްމު ކުރި، ހާއްސަ ހާލަތުގައި ހައިކޯޓުގެ ޝަރީއަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ އުސޫލު"ގެ ހަތަރު ވަނަ ނަންބަރުގެ (ރ) ގައި ބުނެފައިވަނީ ގާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، ހުކުމް ކުރާ މައްސަލައިގެ ހުކުމް ކުރާ ޝަރީއަތުގެ މަޖިލީސް އޮންލައިންކޮށް ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރަން ވާނެ ކަމަށެވެ. ހައިކޯޓުގެ އުސޫލުގައި ސާފުކޮށް މިހެން ބުނެފައި އޮތް ނަމަވެސް މި މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ އުސޫލުގައި ބުނެފައިވާ ގޮތާ ހިލާފަށެވެ.

ގާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިވާ މައްސަލަތަކަކީ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލަތަކާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައްސަލަތަކެވެ. ހޯމަ ދުވަހުގެ މި މައްސަލައަކީ ޗެކުން ލިބޭން ޖެހޭ ފައިސާގެ މައްސަލައެއް ކަމުން މިއީ ސިއްރުކުރަން ޖެހޭ ބާވަތުގެ މައްސަލައެއް ނޫނެވެ.

މި މައްސަލަ ނިމުނު ގޮތުގެ ހުލާސާ ރިޕޯޓް، ހައިކޯޓުގެ ވެބްސައިޓުގައި އެންމެ ފުރަތަމަ ޝާއިއުކުރި އިރު، ބޭންކް އެކައުންޓް ނަންބަރުތައް ހުއްޓެވެ. ހައިކޯޓުން ފަހުން ވަނީ ހުލާސާ ރިޕޯޓުގައި ހުރި އެކައުންޓް ނަންބަރުތައް އުނި ކޮށްފަ އެވެ. ނަމަވެސް މިފަދަ އެތައް މައްސަލައެއްގެ އެތައް ބައެއްގެ އެކައުންޓް ނަންބަރުތައް ހައިކޯޓުގެ ވެބްސައިޓްގައި ހުރި ހުލާސާ ރިޕޯޓްތަކުގައި މިހާރު ވެސް އެބަހުއްޓެވެ. މީގެ ކުރިން ހުލާސާ ރިޕޯޓްތަކުން އުނިކޮށްފައި ހުންނަނީ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ ޝަރީއަތްތަކުގައި އެ ކުދިންގެ އައިޑެންޓިޓީ އެނގޭނެ ފަދަ މައުލޫމާތުތައް އެކަންޏެވެ. ބެލެވޭ ގޮތުގައި އެކައުންޓް ނަންބަރުތައް އުނިކުރި މިއީ ފުރަތަމަ ފަހަރެވެ.

މި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ ޑިސެމްބަރު 19، 2019 ގައެވެ. ހައިކޯޓުން ކުރި ހުކުމުގައިވަނީ 15 ޖޫން 2020 ވަނަ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ތިން މިލިއަން ހަތް ލައްކަ ސައްބީސްހާސް ނުވަސަތޭކަތ ހަތްދިހަ ހަތް ޑޮލަރު އިސްމާއިލް ޝުޖާއަށް ދެއްކުމަށް، މއ. ވަހާރި ހުސެއިން ހިލްމީ އާއި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓޭޑްގެ މައްޗަށް ހުކުމްކޮށްފައެވެ.

މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ހައިކޯޓުގެ އިސްފަނޑިޔާރަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވުނު މަނީލޯންޑްރިން ތުހުމަތުގެ މައްސަލައިގައި، ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކޮށްފައި ވަނިކޮށް އެ ކަން ބާތިލުކުރި ފަނޑިޔާރުންގެ ބެންޗުގައި ވެސް ހިމެނޭ ފަނޑިޔާރެކެވެ. އެ މައްސަލައިގެ ބެންޗު ބަދަލުކޮށް ބެންޗުގައި ޝުޖާއު އުސްމާނު ހިމެނިވަޑައިގަތީ އަމިއްލައަށެވެ.