ފުލުހުންގެ މައި އިދާރާގެ ނަން ބަލައި ނުގަނެވެނީ ޝަހީދުންގެ ލޭގެ އަގު ވަޒަން ކުރަން ބޭނުންވާ ނުވާ ބައެއް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިގޮތަށް ވިދާޅުވެފައިވަނީ، ފުލުހުންގެ މައި އިދާރާ ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަމާއި، ކުލަ ބަދަލު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް މަޖިލީހުގައި ކުރިއަށް ގެންދިއަ ބަހުސް، މިދިއަ އަންގާރަ ދުވަހު ނިމުމަކަށް ގެންނަވަމުން، ނަޝީދު ވިދާޅުވީ، ދިވެހި ފުލުހުންގެ މަރުކަޒާއި، ކުލަ އާއި ނަން ބަދަލު ކުރުމަށް ބިލުގެ ބަހުސްގައި މެމްބަރުން ހުށަހަޅާފައިވާ ކަމަށެވެ.
"މެންބަރުން ވިދާޅުވަނީ، އެހެން ފުލުސް އޮފީހެއް ބޭނުންވެޔޭ، އެހެން ނަމެއް ވެސް ބޭނުން ވެޔޭ، އެހެން ކުލައެއްވެސް ބޭނުން ވެޔޭ، އަދި އެތަން ހުންނަންވީ މައިމަރުކަޒު ވެސް ހުންނަންވީ އެހެން ތަނެއްގައޭ، މިދިޔަ ހުރިހާ ދުވަހު އެދިޔަތަން ނިމުނީއޭ، މުޅިން އާ ބާބެއް ފެށުނިއްޔޭ،" ނަޝީދު ވިދާޅުވި އެވެ.
އެކަމަށް އިޝާރާތް ކުރައްވަމުން ޑރ، ޖަމީލް ވިދާޅުވީ، ޝަހީދުންގެ ލޭގެ އަގު ވަޒަން ކުރަން ބޭނުންނުވާ މީހުނަކީ އެންމެ ބޮޑެތި "ހާއިނުން" ކަމަށެވެ.
"ބާޣީންގެ އަތް ދަށުން ގައުމު ސަލާމަތްކުރި އަބުތޯލުންގެ ދިފާއުގައި މުޅި ގައުމުގެ ތެދުވާނެ. ޝަހީދުންގެ ޒިކުރާ ފަނޑުވިޔަކަ ނުދޭނެ،" ޖަމީލް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލު ފަރުމާކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އޮންނަ 241 ކޮމިޓީއަށް ބައެއް ބާރުތަކެއް ލިބިދޭ ގޮތަށް ކަމަށް ވާތީ އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަން އިން ވަނީ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ.
އެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މެންބަރުން ދެއްކެވި ވާހަކަތައް ހުންނެވީ ފުލުހުންގެ އަގު ވެއްޓިގެންދާނެ ގޮތަކަށް ކަމަށް ބުނެ ވެސް އިދިކޮޅު ފަރާތްތަކުން ފާޑުކިޔާފައިވެ އެވެ. އެމްޑީޕީގެ ބައެއް މެންބަރުން ދައްކާފައިވާ ވާހަކަތަކަށް މިހާރުގެ ފުލުހުންގެ އިސް ބޭފުޅުން ވެސް ރައްދު ދެއްވައިފަ އެވެ.
އެކަމަށް އިޝާރާތް ކުރައްވަމުން، ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، ގައުމުގެ މުޅި ޖުޑިޝަރީވެސް މިހާރު އޮތީ މަޖިލީހުގެ ރައީސްގެ މުށު ތެރޭގައި ކަމަށާއި، މައްސަލަތައް ތާވަލުކުރުމުގެ ކޮންޓްރޯލް ކޯޓުތަކަށް ނެތް އިރު، ތަހުގީގު ކުރާ ފުލުހުންވެސް މަޖިލީހުގެ ބާރުގެ ދަށަށް ގެންނަން މަސައްކަތް ކުރާ ކަމަށެވެ.
"ދައުވާ ކުރާ ފަރާތް މަޖިލިސް ރުހޭ ގޮތަށް އުޅެންޖެހޭ. މިހާރު މިވީތޯ ރިފޯމް؟" ކުރީގެ ހޯމް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޖަމީލް ސުވާލު ކުރެއްވި އެވެ.
މަޖިލީހުގައި ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެންބަރުން ވަނީ އެ އިދާރާއަށް ވަރަށް ބޮޑަށް ފާޑު ކިޔާ ބާރުތައް ނުދިނުމަށް ގޮވާލައިފަ އެވެ. އަދި ފުލުހުން ފެބްރުއަރީ 8، 2012 ގައި އެމްޑީޕީގެ މެންބަރަކަށް އަނިޔާ ކުރާ ވީޑިއޯއެއް ވެސް މަޖިލީހުގެ ތަޅުމުގައި އެޅުވި އެވެ. އޭގެ އިތުރުން ފުލުހުންނަށް ޓޭޒާ ގަން ދިނުން ކުށްވެރިކޮށް އެކަމާ ގުޅޭ ގޮތުން ވެސް މަޖިލީހުގައި ދަނީ ހޫނު ބަހުސެއް ކުރަމުންނެވެ.