ވިޔަފާރި

ލޮކްޑައުންގެ ސަބަބުން ޕެޓްރޯލް އިމްޕޯޓް 42 ޕަސެންޓް ދަށަަށް

މި އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެ އަށް ޕެޓްރޯލް އެތެރެ ކުރި މިންވަރު 42 ޕަސެންޓް ދަށްވެފައިވާ ކަމަށް، މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ނެރެފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މެއި މަހުގެ ނިޔަލަށް 247 މިލިއަން ރުފިޔާގެ ޕެޓްރޯލް އެތެރެކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާ ބަލާނަމަ 42 ޕަސެންޓުގެ ދަށް ވުމެކެވެ.

ރާއްޖެ އަށް އާއްމުކޮށް އެންމެ ގިނައިން އެތެރެކުރާ ތެލުގެ ބާވަތް ކަމަށްވާ ޕެޓްރޯލް އެތެރެކުރި މިންވަރު ދަށްވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ދެ މަސް ދުވަހުގެ ލޮކްޑައުން ކޮށްފައި އޮތުމުންނެވެ.

މީގެ ސަބަބުން ވެހިކަލް ދުއްވާ އަދަދު މަދުވެ، އާއްމުން ޕެޓްރޯލް ބޭނުންކުރާ ނިސްބަތް ވެސް ވަނީ ދަށްވެފަ އެވެ. އަދި ޓޫރިޒަމް ހުއްޓިފައި އޮތުމުގެ ސަބަބުން އެންމެ ގިނައިން، ކޮވިޑް-19 ގެ ކުރީގައި ރާއްޖޭގައި އޮތް ދަތުރުފަތުރުގެ ހިދުމަތްތައް ހުއްޓުމުންނެވެ.

ތެލުގެ ބާވަތްތަކުގެ އިތުރުން މެރީން ގޭސް އެތެރެ ކުރި މިންވަރު ވެސް ވަނީ 33 ޕަސެންޓް ދަށްވެފަ އެވެ. މި އަހަރުގެ މިހާތަނަށް 1.6 ބިލިއަން ރުފިޔާގެ ތެޔޮ އެތެރެކޮށްފައިވެ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 51 މިލިއަން ރުފިޔާގެ ފިޔާ އެތެރެކޮށްފައިވެ އެވެ. ފިޔާ އެތެރެ ކުރި އަދަދު ވަނީ 82 ޕަސެންޓް އިތުރުވެފަ އެވެ.

އަދި 120 މިލިއަން ރުފިޔާގެ ކުކުޅު އެތެރެކޮށްފައިވެ އެވެ. އަދި ކުކުޅު އިތުރުކުރި މިންވަރު ވަނީ 26 ޕަސެންޓް އިތުރުވެފަ އެވެ. އަދި 93 މިލިއަން ރުފިޔާގެ ބިސް އެތެރެކޮށްފައިވެ އެވެ. ނަމަވެސް ބިސް އެތެރެކުރި މިންވަރު ވަނީ 13 ޕަސެންޓް ދަށްވެފަ އެވެ. އަދި އަލުވި 27 މިލިއަން ރުފިޔާގެ އަލުވި އެތެރެކޮށްފައިވެ އެވެ. އަލުވި އެތެރެކުރި މިންވަރު ވަނީ ތިން ޕަސެންޓް އިތުރުވެފަ އެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ އިން އެތެރެކޮށްފައިވަނީ ކާޑުގެ ބާވަތް ތަކެވެ. މި އަހަރުގެ މިހާތަނަށް 358 މިލިއަން ރުފިޔާގެ ހަނޑޫ، ހަކުރު އަދި ފުށް އެތެރެކޮށްފައިވެ އެވެ. ކާޑުގެ ބާވަތްތައް އެތެރެކުރި އަދަދު ވަނީ 39 ޕަސެންޓް އިތުރުވެފަ އެވެ. އަދި 41 މިލިއަން ރުފިޔާގެ ހޭންޑް ވޮޝް އާއި ޑިސްއިންފެކްޓް އެތެރެކޮށްފައިވެ އެވެ. އަދި 60 މިލިއަން ރުފިޔާގެ މާސްކް އެތެރެކޮށްފައިވެ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 16.1 މިލިއަން ރުފިޔާގެ މުދަލުގެ ޑިއުޓީ މައާފުކޮށްދީފައިވެ އެވެ.