ރައްޔިތުންގެ މަޖިލިސް

ފުލުހުންގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ދިވެހި ފުލުހުންގެ މުއައްސަސާއަށް އިސްލާހީ ބަދަލުތައް ގެނައުމުގެ މަގްސަދުގައި ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ފުލުހުންގެ ބިލު ދިރާސާ ކުރަމުން ދަނީ މަޖިލީހުގައި އޮންނަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިންނެވެ.

މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ވަނީ 241 ކޮމިޓީން ދިރާސާކުރާ ފުލުހުންގެ ހިދުމަތުގެ ބިލަށް ހިޔާލު ހޯދަން ބޭނުންވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ލިޔުމުން ނުވަތަ މެއިލުން ފޮނުވައި ދިނުމަަށެވެ.

ފުލުހުންގެ ބިލަށް އާންމުންގެ ހިޔާލު ލިއުމަކުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެ ބިލަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ހޯދަން ޖެހޭ ކަމަށެވެ. މަޖިލީހުގެ އިދާރާގައި ބައްދަލުވުމެއް ބޭއްވުމުގެ އިތުރުން އަތޮޅުތަކުގައި ބައްދަލުވުންތައް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރާއި ކޮމިޝަނަރުގެ ޒިންމާތައް

މިހާރު އޮންނަ ފުލުހުންގެ ގާނޫނަށް ވުރެ ބޮޑަށް ހޯމް މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި، ކޮމިޝަނާ އޮފް ޕޮލިސް އާއި، ފުލުހުންގެ ޒިންމާތައް ވެސް ބިލުގައި މާ ބޮޑަށް ތަފުސީލުކޮށްދީފައިވެ އެވެ. އެ ގޮތުން ވަކިވަކި ފުލުހުންނަށް މިނިސްޓަރަށް އަމުރު ނުކުރެވޭ ކަމުގައި ބިލުގައި ކަނޑައަޅާފައިވެ އެވެ.

ވަކިވަކި ފުލުހުންނަށް އަމުރުކުރުމުގެ ބާރު މިނިސްޓަރަށް ނުލިބޭ ގޮތަށް އެ ބިލުގައިވާއިރު، މިހާރު ފުލުހުންގެ ގާނޫނު އޮންނަ ގޮތުން ފުލުހުންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ވަކިވަކި ފުލުހުންނާއި ހުރިހާ ފުލުހުންގެ މައްޗަށް ވެސް އަމުރު ކުރުމުގެ ބާރު ހޯމް މިނިސްޓަރަށް އޮވެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މީހުން އައްޔަން ކުރުމުގެ އިޖުރާއަތް އިތުރަށް ހަރުދަނާކޮށް، މަގާމުގެ ޝަރުތުތައް އިތުރަށް ބިލްގައި ތަފްސީލް ކޮށްފައިވެ އެވެ. އަދި ފުލުހުންގެ ހިދުމަތް ހިންގުމަށް ކޮމިޝަނަރަށް ލަފާ ދޭ ބަޔަކު ތިބެން ވާނެ ކަމަށް ބިލްގައިވެ އެވެ.

އެއްވުންތައް ރުޅާލުމުގައި ފުލުހުން އަމަލު ކުރާނެ ގޮތްތަކަކާއި ބާރުގެ ބޭނުން ކުރަން ޖެހޭނެ ހާލަތްތަކާއި ބާރުގެ ބޭނުން ކުރަން ނުޖެހޭ ހާލަތެއްގައި ބޭނުން ނުކުރުމަށް ވެސް ބިލުގައި ކަނޑައެޅިގެން ބަޔާން ކޮށްފައިވެ އެވެ. ކުށްކުރުން ހުއްޓުވުމާއި އަމަން ބެލެހެއްޓުމުގައި ފުލުހުންނަށް ލިބިދޭ ބާރުތައް ތަފުސީލްކޮށް ބިލުގައި ބަޔާން ކޮށްފައިވެ އެވެ.

241 ކޮމިޓީއަށް ބާރުތަކެއް

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަކުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދެވޭނެ އުސޫލުތަކެއް ވެސް ބިލުގައި ހިމެނެ އެވެ. އަދި ފުލުހުންގެ ހިދުމަތް ބަލައި، ފުލުހުންގެ މުއައްސަސާ ޖަވާބުދާރީ ކުރުމަށް މަޖިލީހުގައި އޮންނަ 241 ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ބަޔާންކޮށްފައިވާައިރު، އެ ކޮމިޓީއަށް އިތުރު ބާރުތަކެއް ލިބޭ ގޮތަށް ބިލުގައިވެ އެވެ.

ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ އެކިއެކި ބަދަލުތަކަށާއި، ފުލުހުންނަށް ލިބޭ އިނާޔަތްތަކާ ގުޅޭ ކަންކަމަކަށް ބަދަލު ގެންނަން ހޯމް މިނިސްޓަރަށާއި ޕޮލިސް ކޮމިޝަނަރަށް އެންގުމުގެ ބާރު ކޮމިޓީއަށް އޮންނާނެ ކަމަށް ބިލުގައިވެ އެވެ. ތަހުގީގަށް ބަންދު ކުރާ މީހުންނާ މެދު އަމަލު ކުރާ އުސޫލުތައް ބަދަލު ކުރަން އެންގުމުގެ ބާރު ވެސް އޮންނާނެ އެވެ.

ފުލުހުންގެ މުއައްސަސާއާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހަޅާ ޝަކުވާތައް ބަލައި އެއިން ޝަކުވާއެއްގައި ގަބޫލު ކުރެވޭ ކަމެއް އޮތްނަމަ އެ ކަން ތަކުރާރުވިޔަ ނުދިނުމަށްޓަކަިއ ފިޔަވަޅު އަޅަން ހޯމް މިނިސްޓަރަށާއި ޕޮލިސް ކޮމިޝަނަރަށް އެންގުމުގެ ބާރު ވެސް ކޮމިޓީއަށް ލިބޭނެ ކަމަށް ބިލުގައި އޮވެ އެވެ.

241 ކޮމިޓީއަށް ބާރުތަކެއް ލިބޭ ގޮތަށް އޮތުމުން ބިލަށް ފާޑުކިއުންތަކެއް ވެސް އަމާޒުވެފައިވެ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެއީ ފުލުހުންގެ މުއައްސަސާގެ ތެރެއަށް މިހާރުގެ ސަރުކާރުންނާއި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުންގެ ސިޔާސީ ނުފޫޒު ވެއްދޭ ގޮތަށް ފަރުވާކޮށްފައިިވާ ބިލެކެވެ.