ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޓޫރިޒަމަށް ރާއްޖެ ހުޅުވާލުން ޖުލައި 15 ގައި

ކޮވިޑް-19 ބަލި ފެތުރުން ހުއްޓުވަން ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށްފަހު، އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ތައްޔާރު ވަމުންދާކަން އެނގިއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ ބޯޑަރު ހުޅުވާލަން ޓޫރިޒަމް މިނިސްޓްރީން ކުރަން ޖެހޭ މަަސައްކަތް ނިންމައިރައީސް އޮފީހަށް ވަނީ ފޮނުވާފަ އެވެ. އަދި ޓޫރިޒަމް ހުޅުވާލުމުގެ ގޮތުން ހަދަން ޖެހޭ ގައިޑްލައިންގެ މަސައްކަތް ނިންމާ މިހާރު ވަނީ ފައިނަލްކޮށްފައެވެ. ޓޫރިޒަމަށް ރާއްޖެ ހުޅުވާލާނެ ތާރީހު އިއުލާނު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އެނގިފައިވާ ގޮތުގައި މާދަމާ މެންދުރު ފަހު ރައީސް އޮފީހުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި ރައީސް ސޯލިހް ގައުމާ މުހާތަބު ކުރައްވާނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ފުރަތަމަ ބުނެފައިވަނީ ޓޫރިޒަމް ޖުލައި މަހު ކަމަށެވެ. ނަމަވެސް ވަކި ދުވަހެއް ނުބުނެ އެވެ. އެނގިފައިވާ ގޮތުގައި ފުރަތަމަ ހުޅުވަން ބެލީ ޖުލައި 10 ގަ އެވެ. ނަމަވެސް އެނގިފައިވާ ގޮތުން މިހާރު ޓޫރިޒަމް ހުޅުވާލަން ނިންމާފައި އޮތީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

ރާއްޖޭގެ ބޯޑަރު ދެ މަހެއްހާ ދުވަހަށްފަހު ހުޅުވާލަން މަސައްކަތް ކުރަމުންދާއިރު، ބޭރުން އަންނަ ޓޫރިސްޓުނަށް ހިދުމަތް ދޭން ތައްޔާރަށް އޮތް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެސް އިއްޔެ ވަނީ ބުނެފަ އެވެ.

މަޖިލީހުގެ އެސްއީއޯ ކޮމެޓީގައި ވާހަކަ ދައްކަވަމުން، އެމްއޭސީއެލްގެ އެކްޓިން އެމްޑީ މޫސާ ސޯލިހު ވިދާޅުވި ގޮތުގައި ހުޅުވުމާއެކު، އިންޓަނޭޝަނަލް 10 ފްލައިޓެއް ޖައްސަން ޝައުގުވެރިކަން ފާޅުކޮށް، ޖާގައަށް އެދިފައިވާ ކަމަށެވެ.

"ދިހަ ފްލައިޓް މިހާތަނަށް ފައިނަލް ކޮށްފައި އޮތީ، މި އަދަދު އިތުރު ވެސް ވެދާނެ..ފްލައިޓުތަކުން ސްލޮޓްތައް ދޫކޮށެއް ނުލާ. އެހެންވެ ގަބޫލު ކުރަނީ ޑޮމެސްޓިކް ފްލައިޓުގެ އަދަދު ވިއްސަށް އިތުރު ވާނެ ކަމަށް. ފްލައިޓްތައް އެތިބީ އަޅުގަނޑުމެންގެ ޑޭޓަކަށް ބަލަން. އެކަން ފައިނަލްވީމަ ކުރިއަށް ދާނީ. ނޭޝަނަލް ލެވަލްގައި އެކަން ނިންމަން ޖެހޭނީ،" ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން އެއް ފަހަރާ 1000 މީހުންނަށް ހޭންޑްލް އިންޓަނޭޝަނަލް އެރައިވަލްގައި ގައި ސޯޝަލް ޑިސްޓެންސިންއާއެކު ހިދުމަތް ދެވޭނީ 577 މީހުން ވަރު ކަމަށެވެ. އަދި އިންޓަނޭޝަނަލް 1200 މީހުން ޑިޕާޗާގައި ހިދުމަތް ދެވުނު ނަމަވެސް އަލުން ހުޅުވާއިރު ހިދުމަތް ދެވޭނީ 750 ފަސިންޖަރުންނަށް ކަމަށެވެ.

"ދެން އޮންނާނީ ބޮޓުލް ނެޓް ލިމިޓްވާ ތަންތަން ބަލައި އެ ތަންތަން އެކްސްޕެންޑް ކުރަން. ރަށުތެރޭގައި އެޗްޕއޭގޭގެ ގައިޑްލަސްއާ އެއްގޮތަށް ބަލަހައްޓާނަން. މާސްކް އަޅައިގެން އުޅެންވާނީ،" ސޯލިހު ވިދާޅުވި އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު އެއާޕޯޓް ހުޅުވިނަމަވެސް، ޝެޑިއުލް ފްލައިޓްތައް އަންނަން ފަށާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މިހާތަނަށް ބައެއް ފްލައިޓްތަކުން ދަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހަށް ޝެޑިއުލް ކުރަމުން ކަމަށް އެނގިފައިވެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ޖުލައި މަހު ޓޫރިޒަމް ހުޅުވާލައި މި އަހަރު 980،000 ޓޫރިސްޓުން ގެނެވޭނެ އެވެ. ނަމަވެސް ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ އަންދާޒާއަކީ 600،000 އާއި 700،000 ދެމެދުގެ އަދަދެކެވެ. އެއީ ނޮވެމްބަރުން ފެށިގެން ޓޫރިސްޓުން އަންނަން ފަށައި އިތުރު 200،000 އެއްހާ މީހުން މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ގެނައުމެވެ.

ޓޫރިޒަމް ހުޅުވާލިނަމަވެސް ރާއްޖެ އަށް ލިބޭ އާމްދަނީ ދެ ދެބައިކުޅަ އެއްބައި ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ފިނޭންސުން ބުނެފައިވާ ގޮތުގައި މި އަހަރު ޓޫރިޒަމް 50 ޕަސެންޓް ދަށްވެ، ދައުލަތަށް އާމްދަނީގެ ގޮތުގައި ކުރިން އަންދާޒާކުރި 30 ބިލިއަން ރުފިޔާގެ ބަދަލުގައި ލިބޭނީ 15 ބިލިއަން ރުފިޔާ އެވެ.