ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމްއެމްއޭ

ޖުމްލަ ރިޒާވް މަތިވެ، ބޭނުންކުރެވޭ ރިޒާވް އަށް ޕަސެންޓް ދަށްވުމެއް!

ރާއްޖޭގެ ޖުމްލަ ރިޒާވް މަތިވި ނަމަވެސް، ރާއްޖޭގެ ޔޫޒަބަލް ރިޒާވް (ބޭނުން ކުރެވޭ ރިޒާވް) ދަށަށް ގޮސްފައިވާ ކަމަށް، ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން އާއްމު ކޮށްފައިވާ އެޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށްފައިވާ، ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި އެޕްރީލްގެ ނިޔަލަށް ހުރީ 889 މިލިއަން މިލިއަން ޑޮލަރު (13.6 ބިލިއަން ރުފިޔާ) އެވެ. އަދި ޔޫޒަބަލް ރިޒާވްގައި ހުރީ 230 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3.5 ބިލިއަން ރުފިޔާ) އެވެ.

މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ރިޒާވް އެޕްރީލް މަސް ނިމުނުއިރު ހުރި 889 މިލިއަން ޑޮލަރަކީ މާޗް މަހު ހުރި 741 މިލިއަން ޑޮލަރާ އަޅާބަލާއިރު 14.3 ޕަސެންޓް އިތުރު ވުމެކެވެ. ނަމަވެސް ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރި 230 މިލިއަން ޑޮލަރަކީ މާޗް މަހާ އަޅާބަލާއިރު 39 މިލިއަން ޑޮލަރު ނުވަތަ 7.9 ޕަސެންޓް ނުވަތަ އަށް ޕަސެންޓުގެ ދަށްވުމެކެވެ. ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވްގައި އާއްމުކޮށް ހުންނަނީ ތިން މަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާ އެވެ.

ރާއްޖޭގެ ޖުމްލަ ރިޒާވް މަތިވެފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭރު ފައިސާ ލިބުން މަދުވެފައި ވާތީ، ސަރުކާރުން ބޭރުގެ އެހީ ހޯދަން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ބައެއް އަދަދުތައް ލިބިފައިވާތީ އެވެ. މިގޮތުން އިންޑިއާގެ މަރުކަޒީ ބޭންކާ ދެމެދު ސޮއި ކޮށްފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން ނަގާ 150 މިލިއަން ޑޮލަރު ލިބިފައިވުމާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދޭ 28.9 މިލިއަން ޑޮލަރުގެ ލޯނު އެހީ ލިބިފައިވުމެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމެކެވެ. އެހެންވެ، ކޮންމެ މަހަކު ވެސް ބޮޑު އަދަދެއް އިމްޕޯޓަށް ހޭދަވެ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައިވާތީ އިމްޕޯޓު ވަނީ މިދިޔަ މަހުވެސް 26 ޕަސެންޓް ދަށްވެފަ އެވެ. މީގެ ސަބަބުން ޑޮލަރަށް އޮތް ޑިމާންޑް ދަށެވެ.