ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކުރިއަށް އޮތް ކުއާޓަރުގައި ވިޔަފާރިތަކުގެ ދުވެލި މަޑުޖެހޭނެ: އެމްއެމްއޭ

މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި ހުރިހާ ސިނާއަތް ތަކަށް ކުރިއެރުން ލިބުނު ނަމަވެސް، ކުރިއަށް އޮތް ކްއާޓަރުގައި ވިޔަފާރިތަކުގެ ދުވެލި މަޑު ޖެހިގެންދާނެ ކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާ ކޮށްފި އެވެ.

އެމްއެމްއޭ އިން ކޮންމެ ކްއާޓަރެއް ނިންމުމުން ނެރޭ "ކްއާޓަލީ ބިޒްނަސް ސާވޭ" ގައި ބުނާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ސާވޭގެ ޓޫރިޒަމް ޕީކް ސީޒަނަށް ވުމުން ޑިމާންޑު އިތުރު ވެގެން ދިޔަ އެވެ. ނަމަވެސް، މިދިޔަ އަހަރުގެ ހަތަރު ވަނަ ކްއާޓަރާ އަޅާބަލާއިރު، ވިޔަފާރިތައް ކުރިއަރާ ދުވެލި މަޑު ޖެހިގެން ދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ވިޔަފާރި ތަކުން ގަބޫލު ކުރާ ގޮތުގައި ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތަކާއި، ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް ވަނީ މަތިވެފަ އެވެ. އަދި ކުރިމަގަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް އިތުރަށް މަތި ވެގެންދާނެ ކަމަށް ބެލެވެ އެވެ.

ޓޫރިޒަމް ސިނާއަތާއި އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ މި ފަދަ އަގުތައް އިތުރުވެގެންދާ މިންވަރު މިދިޔަ އަހަރުގެ ހަތަރުވަނަ ކްއާޓަރާ އަޅާބަލާއިރު މަޑު ޖެހިގެންދާނެ ކަމަށް މި ވިޔަފާރި ތަކުން ލަފާކުރެވެ އެވެ.

ވިޔަފާރި ތަކުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހުރިހާ ސިނާއަތްތަކެއް ވެސް ވަނީ ކުރިއަރާފަ އެވެ. މިދިޔަ އަހަރުގައި އިމާރާތް ކުރުމުގެ ސިނާއަތުގައި ހިމެނޭ ވިޔަފާރިތައް ފިޔަވާ ސާވޭގައި ބައިވެރިވި އެހެން ހުރިހާ ސިނާއަތްތަކުގެ ވިޔަފާރިތަކުގެ މާލީ ހާލަތާއި ވިޔަފާރީގެ ހާލަތު ރަނގަޅުވެފައިވާ ކަމަށް ބުނެފައިވެ އެވެ. މިގޮތުން، މާލީ ހާލަތާއި ވިޔަފާރީގެ ހާލަތަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައި ވަނީ ޓޫރިޒަމް ސިނާއަތާއި ދަތުރުފަތުރު އަދި މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކުގެ އެވެ.

ކުރިމަގަށް ބަލާއިރު، އިމާރާތްކުރުމުގެ ސިނާއަތުގައި ހިމެނޭ ވިޔަފާރިތައް ފިޔަވާ އެހެން ހުރިހާ ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިޔަފާރިތަކުގެ މާލީ ހާލަތު ކުރިއަރާނެކަމަށް އަންދާޒާކޮށްފައިވެ އެވެ.

ސާވޭ ދައްކާ ގޮތުން ޓޫރިޒަމް ސިނާއަތާއި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދު ހަތަރު ވަނަ ކުއާޓަރުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. ނަމަވެސް ހަމަ މި މުއްދަތުގެ ތެރޭގައި ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތަކުގެ ސިނާއަތާއި އިމާރާތްކުރުމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އިތުރަށް މަދުވެގެންދާނެ ކަމަށް ވިޔަފާރި ތަކުން ފާހަގަކޮށްފައިވެ އެވެ

ސާވޭގެ ބައިވެރިންގެ ތެރެއިން ޓޫރިޒާއި ހޯލްސޭލް އަދި ރީޓެއިލް އަދި ޓޫރިޒަމާއި މުއާސަލާތީ ހިދުމަތްތަކުގެ ސިނާއަތްތަކުގައި ހަރަކާތްތެރިވާ ގިނަ ވިޔަފާރިތަކުގެ އާމްދަނީ މި އަހަރުގެ ފުރަތަމަ ކުއާޓާރުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު، އިތުރު ވެގެން ދާނެ ކަމަށް ލަފާކޮށްއިވެ ފައެވެ.

އެމްއެމްއޭ އިން ކުރާ ކުއާޓަލީ މި ސާވޭއަކީ 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަތަރު ފަހަރު ނެރޭ ސާވޭ ރިޕޯޓެކެވެ. މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ބިޒްނަސް ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ 24 ޑިސެންބަރު 2020 އިން 13 ޖަނަވަރީ 2021 ގެ ނިޔަލަށެވެ. އެގޮތުން، ޓޫރިޒަމާއި އިމާރާތްކުރުން އަދި ދަތުރުފަތުރު އަދި މުއާސަލާތީ ހިދުމަތްތަކާއި ހޯލްސޭލް އަދި ރީޓެއިލް ހިމެނޭ ގޮތަށް ހަތަރު ސިނާއަތަކުން ޖުމްލަ 177 ބޮޑެތި ކުންފުންޏަކަށް މި ސާވޭގައި ބައިވެރިވާން ފޯމު ފޮނުވި އެވެ. މީގެ ތެރެއިން 121 ކުންފުންޏަކުން ސާވޭގައި ބައިވެރިވެފައިވެ އެވެ.