ވިޔަފާރި

ރިސޯޓުތަކުގައި އުޅެނީ ދިވެހި އަންހެނުންގެ ތިން ޕަސެންޓް!

ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި އަންހެނުންގެ ނިސްބަތަކީ ތިން ޕަސެންޓް ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުނެފި އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް އޮޕަރޭޓް ކުރަމުން ދިޔަ 147 ރިސޯޓަށް ސާވޭގައި ކަރުދާސް ފޮނުވައިގެން، 93 ރިސޯޓް (67 ޕަސެންޓް) ރިސޯޓުގެ ބައިވެރިވުމާއެކު އެންބީއެސް އިން ހަދާފައިވާ "އެމްޕޮއިމަންޓް އިން ޓޫރިސްޓް ރިސޯޓް ސާވޭ 2019" އިން ދެއްކި ގޮތުގައި ޓޫރިޒަމް ސިނާއަތުގައި މިދިޔަ އަހަރާހަމަ އަށް ޖުމްލަ 44،957 މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ އެވެ. މީގެ ތެރޭގައި ހިމެނެނީ 21،322 ދިވެހިންނާއި 32،622 ބިދޭސީންނެވެ.

އެންބީއެސް އިން 2014 ގެ ބޯހިމެނުމުން ދެއްކި ގޮތުގައި، ރާއްޖޭގެ 111 ރިސޯޓުގެ 23,917 އެނދުގައި ހިދުމަތް ދޭން އޭރު ތިބި މުވައްޒަފުންގެ ޖުމްލަ އަދަދަކީ 27,828 އެވެ. މީގެތެރޭގައި ހިމެނެނީ 2,184 އަންހެނުންނާއި 25,644 ފިރިހެނުންނެވެ. އެހެންވެ މި ސާވޭއާ އަޅާ ކިޔާއިރު، ވޭތުވެދިޔަ ހަ އަހަރު ތެރޭގައި ރިސޯޓުގެ މުވައްޒަފުންގެ އަދަދު ވަނީ 67 ޕަސެންޓް އިތުރު ވެފަ އެވެ.

މިދިޔަ އަހަރުގެ ސާވޭ އިން ދެއްކި ގޮތުގައި ރިސޯޓްތަކުގައި މަސައްކަތް ކުރާ ބިދޭސީ ފިރިހެނުންނާއި ދިވެހިންގެ ފަރަގު އުޅެނީ 45 ޕަސެންޓުގަ އެވެ. ނަމަވެސް ބިދޭސީ އަންހެން މުވައްޒަފުންގެ ނިސްބަތް އުޅެނީ ހަތް ޕަސެންޓުގަ އެވެ. އަދި މި ދާއިރާގައި މަސައްކަތް ކުރާ ދިވެހި އަންހެނުންގެ ނިސްބަތަކީ ތިން ޕަސެންޓެވެ.

ރިސޯޓުތަކުގެ 67 ޕަސެންޓަކީ ފަސް ތަރި

މިދިޔަ އަހަރާ ހަމަ އަށް ރާއްޖޭގައި 147 ރިސޯޓު ހިންގަމުން ދިޔައިރު، މީގެ ތެރެއިން 67 ޕަސެންޓް ރިސޯޓަކީ ފަސް ތަރީގެ ތަންތަނެވެ. އަދި 30 ޕަސެންޓް ރިސޯޓަކީ ހަތަރު ތަރީގެ ތަންތަނެވެ. އަދި ތިން ތަރީގައި ހިންގާ ރިސޯޓުތަކުގެ ނިސްބަތް އުޅެނީ ތިން ޕަސެންޓުގަ އެވެ. ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ ފަސް ތަރީގެ ރިސޯޓުތަކުގަ އެވެ. ފަސްތަރީގެ ރިސޯޓުތަކުގައި 30،128 މީހުން މަސައްކަތް ކުރެ އެވެ. އަދި ހަަތަރު ތަރީގެ ރިސޯޓުތަކުގައި 13،652 މީހުން މަސައްކަތް ކުރާއިރު، ހަތަރު ތަރީގެ ޕްރޮޕަރީޓަކުގައި އުޅެނީ އެންމެ 1،173 މީހުންނެވެ.

ފަސް ތަރީގެ ރިސޯޓުތަކުގައި މަސައްކަތް ކުރަނީ 21،000 އެއްހާ ދިވެހިންނެވެ. ނަމަވެސް ބިދޭސީންގެ 27،000 އަށްވުރެ ގިނަ މީހުން މި ޕްރޮޕަޓީތަކުގައި އުޅެ އެވެ.

އެވްރެޖުކޮށް ރިސޯޓެއްގައި 295 މުވައްޒަފުން

ސާވޭ އިން ދެއްކި ގޮތުގައި އެވްރެޖު ގޮތެއްގައި ރިސޯޓެއްގައި 295 މުވައްޒަފުން މަސައްކަތް ކުރެ އެވެ. ރާއްޖޭގެ ރިސޯޓުތަކުގެ ނުވަ ޕަސެންޓުގައި ހުންނަނީ 50 އެނދެވެ. އެ ފަދަ ރިސޯޓުތަކުގައި އެވްރެޖު ގޮތެއްގައި 120 މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ ދެބައިކުޅަ އެއްބައި (53 ޕަސެންޓް) ރިސޯޓުގައި ހުންނަނީ 50-150 އެނދެ އެވެ. މި ރިސޯޓުތަކުގައި 262 މުވައްޒަފުން އުޅެ އެވެ. އަދި 20 ޕަސެންޓް ރިސޯޓުގައި ހުންނަނީ 151-250 އެނދެވެ. މި ރިސޯޓުތަކުގައި
288 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އަދި 251-350 އެނދު ހުންނަނީ 10 ޕަސެންޓް ރިސޯޓުގަ އެވެ. މި ފަދަ ރިސޯޓުތަކުގައި 390 މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ރާއްޖޭގައި 351-450 އެނދު ހުންނަނީ އެންމެ ފަސް ޕަސެންޓް ރިސޯޓުގަ އެވެ. މި ރިސޯޓުތަކުގައި މަސައްކަތް ކުރަނީ 541 މުވައްޒަފުންނެވެ. އަދި 450 އަށް ވުރެ ގިނަ އެނދު ހުންނަނީ ރާއްޖޭގެ ރިސޯޓުތަކުގެ އެންމެ ތިން ޕަސެންޓުގަ އެވެ. މިފަދަ ރިސޯޓުތަކުގައި 563 މީހުން މަސައްކަތް ކުރެ އެވެ.

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ބޮޑުބައި މަސައްކަތް ކުރަނީ ކެއިން ބުއިމުގެ ހިދުމަތް ދޭ، ފުޑް އެންޑް ބެވަރޭޖަސް (އެފްއެންބީ) ދާއިރާގަ އެވެ.

ސާވޭއިން ދެއްކި ގޮތުގައި ރާއްޖޭގެ ރިސޯޓުތަކުގައި އައުޓްސޯސް ކޮށްގެން ހިންގާ ތަންތަނުގައި 3،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ. ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ 66 ޕަސެންޓް ފިހާރަތައް ހިންގަނީ ތިންވަނ ފަރާތަކަށް އައުޓްސޯސް ކޮށްގެންނެވެ. މި ފިހާރަތަކުގައި 230 މީހުން މަސައްކަތް ކުރެ އެވެ. އަދި 21 ޕަސެންޓް ޑައިވް ސެންޓަރުތައް ހިންގަނީ އައުޓްސޯސް ކޮށްގެންނެވެ. މިގޮތުން އައުޓްސޯލް ކޮށްފައިވާ ޑައިވިން އަދި ވޯޓާ ސްޕޯޓްސް ސެންޓަރުތަކުގައި 1170 މީހުން މަސައްކަތް ކުރެ އެވެ.