ހަބަރު

ރާއްޖެ ހުޅުވާލާ ދުވަސް ރައީސް މިއަދު އިއުލާން ކުރައްވަނީ

ރާއްޖޭގެ ޓޫރިޒަމް އަލުން ފަށަން ހަމަޖެހިފައިވާ ތާރީހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިއަދު އެވެ. ކޮވިޑް-19 ބަލި ފެތުރުން ހުއްޓުވަން ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށް ފަހު، އަލުން ހުޅުވާލުމަށް ސަަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ސަަރުކާރުން ކުރިން ނިންމާފައި އޮތް ގޮތުން، ޓޫރިޒަމް ހުޅުވާނީ އަންނަ މަހެވެ. ނަމަވެސް ސީދާ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމް އަލުން ހުޅުވައިލުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަނީ ނިމިފައި ކަަމަށެވެ. އެގޮތުން، އެޗްޕީއޭގެ އިރުޝާދުތަކަށް ޓޫރިޒަމް މިނިސްޓްރީން ވާންޖެހޭ ތައްޔާރީތައް ވެސް ހިމެނެ އެވެ. އަދި، ވިދާޅުވީ މިއަދުގެ ވަަގުތެއްގައި ރައީސް ގައުމާ މުހާތަބު ކުރައްވާ ފަތުރުވެރިކަން އަލުން ހުޅުވާލާނެ ތާރީހެއް އިއުލާން ކުރައްވާނެ ކަމަށް މިނިސްޓަރަށް ބެލެވޭ ކަމަށެވެ.

"މިއަދުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބުކުރައްވައި މިކަމަށް އަލި އަޅުވައިލައްވާނެ. މި ދެންނެވީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވައިލާނެ ތާރީޚެއް އިއުލާނު ކުރައްވާނެ ކަމަށް މި ބެލެވެނީ.." ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް ފާހަގަ ކުރެއްވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައިވެސް މިފަދަ ގެއްލުމެއް ލިބިިފައި ނުވާއިރު މިއީ ތަފާތު ފަހަރެއް ކަމަށެވެ. ޓޫރިޒަމަށް މީގެ ކުރިން އެންމެ ބޮޑެތި ގެއްލުންތައް ލިބުނު ކަމަށް ރެކޯޑްތަކުން ފެންނަން އޮތީ 26 ޑިސެމްބަރު 2004 ގެ ސުނާމީ ކާރިސާ އާއި 2009 ގައި މުޅި ދުނިޔެ އަށް ކުރިމަތިވި ފައިނޭންޝަލް ކްރައިސިސްގަ އެވެ. ނަމަވެސް، އެ ކާރިސާތަކަށްފަހު ވެސް އަވަހަށް ހާލަތު ރަނގަޅުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރު ދެ މަހެއްހާ ދުވަހަށްފަހު ހުޅުވާލަން މަސައްކަތް ކުރަމުންދާއިރު، ބޭރުން އަންނަ ޓޫރިސްޓުނަށް ހިދުމަތް ދޭން ތައްޔާރަށް އޮތް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެސް އިއްޔެ ވަނީ ބުނެފަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ޖުލައި މަހު ޓޫރިޒަމް ހުޅުވާލައި މި އަހަރު 980،000 ޓޫރިސްޓުން ގެނެވޭނެ އެވެ. ނަމަވެސް ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ އަންދާޒާއަކީ 600،000 އާއި 700،000 ދެމެދުގެ އަދަދެކެވެ. އެއީ ނޮވެމްބަރުން ފެށިގެން ޓޫރިސްޓުން އަންނަން ފަށައި އިތުރު 200،000 އެއްހާ މީހުން މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ގެނައުމެވެ.