ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ސަމޫރާއީ ބޮންޑު ނުވިއްކައި، 300 މިލިއަން ޑޮލަރުގެ ސުކޫކް ވިއްކަނީ

ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން، ސަރުކާރުން އިންޓަނޭޝަނަލް މާކެޓުގައި 300 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.6 ބިލިއަން ރުފިޔާ) ގެ ސުކޫކްއެއް ވިއްކަން ނިންމައިފި އެވެ.

ގައުމާ މުހާތަބު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ކުރިން ސަރުކާރުން ނިންމާފައި އޮތީ، ޖަޕާނުގެ ބާޒާރަށް "ސަމުރާއީ ބޮންޑް" ވިއްކުމަށް ކަމަށާ، ނަމަވެސް އެ މަސައްކަތް ވަގުތީ ގޮތުން މަޑު ޖައްސާލައި 300 މިލިއަން ޑޮލަރުގެ ސުކޫކް އެއް ވިއްކަން ނިންމާފައިވާ ކަމަށެވެ.

"ސަމުރާއީ ބޮންޑު ވިއްކުން މަޑު ޖައްސާލައި، ދުނިޔޭގެ މާލީ ބާޒާރަށް އައި ހީނަރުކަމާއެކު،" ސޯލިހު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ 300 މިލިއަން ޑޮލަރު ސުކޫކް ވިއްކާލެވިއްޖެނަމަ، ދައްޗެއް ނެތި ރާއްޖެ އަށް ކުރިއަށް ދެވޭނެ ކަމަށެވެ.

"މީގެ އިތުރުން ވެސް ދޭދޭ ގައުމުތަކާ ގުޅިގެން މި ދަނީ އެހީ ހޯދަން މަސައްކަތް ކުރަމުން. މިކަމުން އެދެވޭ ނަތީޖާއެއް ފެންނާނެ،" ރައީސް ވިދާޅުގި އެވެ.

ރައީސް ވިދާޅުވީ ދައުލަތަށް ލިބެމުންދާ އާމްދަނީ ދަށްވުމުން އަންނާތީ، އިތުރު 900 މިލިއަން ޑޮލަރާއި އެއް ބިލިއަން ޑޮލަރު އިތުރަށް ބޭނުންވާ ކަމަށެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން 102 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.

ސަރުކާރުން ކުރިން މަސައްކަތް ކުރަމުން ގޮސްފައިވަނީ މި އަހަރުގެ މެދުތެރޭގައި 300 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކާށެވެ. މި ބޮންޑް ވިއްކަން ނިންމާފައި އޮތީ ޖަޕާން ބޭންކް ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖޭބިކް) މެދުވެރިކޮށް، ގެރެންޓީ ދޭ ގޮތަށެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިގްތިސޯދު ހީނަރުވެފައިވާތީ، ރާއްޖެ ރޭޓްކޮށްފައިވާ ފިޗް އާއި މޫޑީސް އިން ވަނީ ރޭޓިން ދަށްކޮށްފަ އެވެ. އަދި ރާއްޖޭގެ ދަރަނި މަތިވެފައިވާތީ ބޮންޑު ފަދަ އިންސްޓޫމަންޓްތައް ވިއްކަން ދަތިވާނެ ކަމަށް ލަފާ ދީފައިވެ އެވެ.