ރާއްޖޭގައި ތިބި ބަލިހާލު ބޮޑުވެފައިވާ 36 މީހަކު އިންޑިއާ އަށް ދިޔުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވާ މިއަދު ވިދާޅުވީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީީހުންނަށް އިންޑިއާ އަށް ދެވޭނެ ކަމުގެ ޔަގީންކަން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ.
އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ބަލިހާލު ބޮޑުވެފައިވާ 36 ދިވެހިން، ބޭސް ފަރުވާ ކުރުމަށް އިންޑިއާގެ ކޮޗިން އަށް ދިއުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ކެންސަރު ބައްޔަށް ރޭޑިއޭޝަން ތެރަޕީ ބޭނުންވެފައިވާ މީހުން ހިމެނޭ ކަމަށްވެސްް އެ ބަޔާނުގައި ބުންޏެވެ.
ކޮވިޑް-19 ގެ ސަބަބުން އިންޑިއާގެ ބޯޑަރުތައް އަދިވެސް ބަންދުކޮށްފައިވާއިރު، ދެ ގައުމުގެ މެދުގައިވާ ޒަމާންވީ ވަރުގަދަ ގުޅުމުގެ ސަބަބުން އެންމެ އަވަސް ފުރުސަތުގައި ބަލިމީހުންނަށް އިންޑިއާއަށް ދަތުރުކުރެވޭނެ މަގު ފަހި ކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް ހައިކޮމިޝަނުން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ މީހުން އިންޑިއާއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައި ކަމަށާ އެ މަސައްކަތް އާސަންދަ ކުންފުނިން ކުރަމުންދާ ކަމަށެވެ.