ހަބަރު

ކޯލިޝަން ޕާޓީތަކުގެ ހިއްސާ ދަމަހައްޓާނަން: ރައީސް

ސަރުކާރު ކޯލިޝަންއާމެދު އޮތް ނުތަނަވަސްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖަވާބު ދެއްވައިފި އެވެ. ރައީސް ވިދާޅުވީ ކޯލިޝަން ދެމިއޮންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް އެމްޑީޕީ މެންބަރުން ގެންދަވަނީ ކޯލިޝަން ރޫޅާލައި އެހެން ޕާޓީތަކުގެ މިނިސްޓަރުން ވަކި ކުރުމަށް ގޮވާލަމުންނެވެ. އެކަމާ ގުޅިގެން އެހެން ޕާޓީތަކުގެ ނުތަނަވަސްކަން އޮތީ ވަރަށް ބޮޑުވެފަ އެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ކޯލިޝަން ދެމިއޮންނާނެ ކަމަށާއި މިއީ އަބަދުވެސް ކޯލިޝަން ސަރުކާރެއް ކަމަށެވެ.

"ކޯލިޝަން ދަމަހައްޓަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން، ކޯލިޝަން ތެރޭގައި ޕާޓީތަކުގެ ހިއްސާ ދަމަހައްޓަދޭނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވި ނަމަވެސް މީގެކުރިން ކެބިނެޓް ވަނީ އަދާލަތު ޕާޓީގެ ސްލޮޓެއް ވެސް ގެއްލިފަ އެވެ. އަދި ހައުސިން މިނިސްޓްރީ އުވާލުމާއެކު އެމްއާރްއެމްގެ ސްލޮޓެއް ވެސް ވަނީ މަދުވެފަ އެވެ.

ހައުސިން މިނިސްޓްރީގެ މައްސަލާގައި އެމްއާރްއެމްގެ ނުރުހުން ވެސް ކޮންމެވެސް ވަރަކަށް ސަރުކާރަށް އަމާޒުވި އެވެ. ނަމަވެސް އެމްއާރްއެމްއިން ދަނީ އަބަދުވެސް ސަރުކާރާއެކު ދެމިއޮންނާނެ ކަމަށް ބުނަމުންނެވެ.

މިފަހުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ގެންދަވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.