މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެކެވެ؛ ފެންނަން ހުރީ، މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ފޮޓޯ ތަކެކެވެ. އެ އިމާރާތް ރީއްޗަށް ފޮޓޯ އިން ފެންނަން ހުރި އިރު، ޖެހިގެންް ހުރި ދަމަނަވެށި އިމާރާތް ވެސް ފެނެ އެވެ. ދެ ތަނުގެ ހުރި ތަފާތު، އެ ފޮޓޯއިން އެކަނިވެސް ފެނެ އެވެ. ތެލަސީމިއާ ސެންޓަރު ހުންނަ އިމާރާތުގެ ބޭރު ފާރުގައި އެންމެ ފަހުން ކުލަކޮޅެއް ލީ ކޮން ދުވަހަކު ކަމެއް ނޭނގެ އެވެ.
ފޮޓޯ އާއެކު ލިޔެފަައި ވެ އެވެ. "ހިދުމަތް ކީއްކުރަންތޯ. އާއްމުންނަށް ފެންނަ ބޭރު ފާރުވެސް މި ހުރީ އަޅުގަނޑުމެން [ތެލަސީމިއާ މީހުން] ވީމަ ހުރި ހާލު. މިއީ މިނިސްޓްރީ އިން ބަލަހައްޓާ ޖެހި ޖެހިގެން ހުރި ދެ އިމާރާތުގެ ތަފާތު. ދެން ވިިސްނާލާ އެތެރޭގެ ތަފާތު!"
މި ފޮޓޯ ގަނޑާއެކު އެތައް ބަޔަކުު މި ވާހަކަ އަނެއްކާވެސް ދައްކަން ފަށައިފި އެވެ. ހާއްސަކޮށް ރާއްޖޭގައި ތިބި ތެލަސީމިއާ މީހުންނެވެ. މާލެ ސިޓީ އާއި އަތޮޅުތެރެއިން ކޮންމެ މަހަކު ބައެއް ކުދިން ނަމަ ކޮންމެ ހަފްތާ އަކު ކަހަލަ ގޮތަކަށް އައިސް، ލޭ އެޅުމާއި ބޭނުންވާ ފަރުވާ ހޯދާ އެމީހުންގެ ދެވަނަ "ގެ" ހުރި ހާލަކީ މިއީ ކަމަށް ބުނެ، ކުރަނީ އާދޭހެކެވެ. މި އާދޭސް ކުރާތާ މިހާރު ވަރަށް ދުވަސް ވެއްޖެ އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގައި ތެލެސީމިއާގެ 800 އެއްހާ ދިވެހިން ވަނީ ރަޖިސްޓާ ކޮށްފަ އެވެ. އޭގެ ތެރެއިން 50 ޕަސެންޓް މީހުން މާލޭގައި ދިރިއުޅޭއިރު އަނެއް 50 ޕަސެންޓް މީހުން އުޅެނީ އެކި ރަށްރަށުގަ އެވެ. މި މީހުންނާ ގުޅިގެން އެކި ފަހަރު އެކި ކަންކަމުގައި ކަންބޮޑުވުންތައް އެމީހުންނާއި އާއިލާތަކުން ކުރެ އެވެ.
މިދިޔަ ފަސް އަަހަރު ތެރޭ، 77 ތެލަސީމިއާ ކުދިން ތެލަސީމިއާ އަށް ރެޖިސްޓާ ކުރި އެވެ. އަދި، 40 ކުދިން ފަސް އަަހަރު ތެރޭ މަރުވި ކަމަށް ތެލަސީމިއާ ސޮސަައިޓީގެ ރެކޯޑްތަކުން ދައްކަ އެވެ.
ތެލަސީމިއާ ޕޭޝަންޓް އެއް، އަދި އެޑްވޮކޭޓެއްގެ ގޮތުގައި މަސައްކަތް ކުރާ އަބްދުލް މުއިއްޒު ހަސަން ކިޔައިދިން ގޮތުގައި، އެމީހުންގެ ކަންބޮޑުވުންތަކާއެކު މި ސަރުކާރު އައި ފަހުން، ނައިބު ރައީސް އާ އަދި ހެލްތު މިނިސްޓަރާ ބައްދަލުކުރެވުނެވެ. ކޮންމެ ބައްދަލުވުމެއްގައިވެސް ޔަގީންކަން ދެއްވަަނީ މައްސަލަތައް ބައްލަވައި އެކަމަށް ހައްލު ހޯދައިދިނުމަށެވެ. އެހެންނަމަވެސް މިއަދުވެސް އެއިން ކަމަކަށް ހައްލެއް ނުލިބެ އެވެ.
ކުރިއެރުމެއް ނުލިބޭ، ހިދުމަތް ހޯދާ ކުުދިން ބައިވަރު
މުއިއްޒު ފާހަގަ ކުރާ ގޮތުގައި އިމާރާތުގެ ބޭރުފުށުން ފެންނަ ފެނުމަށް ވުރެ ދެމުން އަންނަ ހިދުމަތްތައް އަދި މާ ދަށްފެންވަރެވެ. ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އުމުރާ ގުޅޭ ގޮތަށް ބަދަލު ކުރަމުން ނުދާ ކަން މިއީ އެމީހުންގެ ބޮޑު އެއް ކަންބޮޑުވުމެވެ. އަަދި ޒުވާން އުމުރުުގައި މަރުވުމަކީ އެމީހުންނަށް ލިބެންޖެހޭ ފަރުވާ އެކަށީގެންވާ ގޮތުގައި ނުލިިބޭ ކަމުގެ ހެއްކެއް ކަމަށްވެ އެވެ. އެކަމުގެ ސަބަބުން އެކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އެކި ގޮތްގޮތުން އަސަރު ކުރަމުން އަންނަ ކަމަށް ފާހަގަ ކުރި އެވެ.
"ކުޑަ ކުޑަ ކުދިން އުމުރުން 8-9 އަހަރުގެ ކުދިން އެބަތިބި 'ސޫސައިޑަަލް ތޯޓްސް' ހުންނަ. އެ ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީ އެއް ނުލިބޭ. ސެންޓަރުގެ އިތުރުން ސްކޫލްތަަކުންވެސް އެވެއާނެސް ޕްރޮގްރާމެއް، މި ކަމާ ގުޅިގެން ހިންގަނީ މަދު ފަހަރަކު. އަދި ރަށްރަށުގައި މި ކުދިންނަށް ބުލީ ކުރުމާއި ދެރަވާ އެއްޗެހި ބުނުން މާ ގަދަ އަށް ހިނގާ. ދެން އެކުދިން ބޭނުންވާ ބޭސް ނުކައި ހުއްޓާލުމުން ބުނަނީ ފަރުވާ ކުޑައީ އޭ. ބޭސް ނުކަނީ ކީއްވެގެންތޯ އެއްވެސް ފަހަރަކު ނާހަ"
މުއިއްޒު ބުނި ގޮޮތުގައި، ތެލަސީމިއާ ކުދިންނަށް ބޭނުންވާ ހާއްސަ ފަރުވާ ދެވޭނެ ހިމަޓޮލޮޖިސްޓެއް އެ ސެންޓަރުގައި ނެތި 20 އަހަރު ވެދާނެ އެވެ. ސްޕެޝަލިސްޓުން އަޔަސް، އަަންނަނީ ވިޒިޓިން ޑޮކްޓަރުން ކަން ފާހަގަ ކުރި އެވެ.
"ވަރަށް މުހިއްމު އަސްލު ތެލަސީމިއާ ކުދިން ބޮޑުވެގެން އަންނަ އިރު އެމީހުންގެ ކަންކަން ބެލެހެއްޓުން. އެ ކުއްޖާ ޓީނޭޖް އުމުރަށް ދާ ހިސާބުން، މޮނީޓާ ކުރެވެން ޖެހޭނެ އެތައް ކަމެއް. ރާއްޖޭގައި ތިބި ތެލަސީމިއާ ކުދިން ޒުވާން އުމުރަށް އެޅިއަސް ތިބޭނީ އުމުރަށް ވުރެ ކުޑަ ގޮތަކަށް. ފޭޝަލް ހެއާ އެއް ނުހުރުމާއި އެތައް ކަމެއް. ރަނގަޅަށް މޮނީޓާ ކުރެވޭނަމަ މިއަށްވުރެ ސިއްހަތު ރަނގަޅުކޮށް ތިބޭނީ. އެހެން ގައުމުތަކުގައި އެބަ އުޅޭ ބީޓާ ތެލަސީމިއާ (އެންމެ ސީރިއަސް) ކުދިންވެސް 60 އަހަރުވެފަ. ބީޓާ ތެލަސީމިއާ މީހަކަށް ރާއްޖޭގައި ހުރީ 40 އަހަރުގެ މީހެއް"
ކަންބޮޑުވުންތަކާއެކު ދާންވީ ކާކު ކައިރިއަށް؟
މިދިޔަ އަހަރު އޮގަސްޓު މަހު، ތެލަސީމިއާ ސޮސަައިޓީ އިން ތެލަސީމިއާ އަށް ކުދިން ކައިރި ކައިރީ މަރުވި ސަބަބު ހޯދަން ގޮވާލި އެވެ. ދެ މަސް ތެރޭ ތެލަސީމިއާ އަށް ކުދިންގެ މަރާއެކު، ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ހަގީގަތް ބެލުމަށް ތެލަސީމިއާ ސޮސައިޓީއިން ގޮވާލީ، އެމީހުންގެ ކަންބޮޑުވުންތައްވެސް ލިސްޓު ކުރުމަށްފަަހު އެވެ.
އަދި ސީރިއަސް ކަމެއްގެ ގޮތުގައި ބެލުމަށް އެހުރިހާ ކަމެއް، މިނިސްޓްރީ އާވެސް ހިއްސާ ކުރި އެވެ. މީގެ ހަފްތާ އެއްހާ ދުވަސް ކުރިން، އަނެއްކާވެސް ހަމަ އެ ބަޔާން އެކި ފަރާތްތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރި އެވެ. އެއިން އެއްވެސް ކަމަކަށް ހައްލެއް ލިބިފަ އެއް ނެތް ކަމަށް ބުނެ އެވެ.
"ހަނދާން ހުންނަ ފެށިއިރުވެސް ތެލަސީމިއާ ސެންޓަރެއް ހުރޭ. އެކަމަކު އެތަނުން ލިބޭ ހަމައެކަނި ފަރުވާ އަކީ ލޭ އެޅުން، އެޗްބީ ބެލުމާއި ދަގަނޑު ބައި ދަށްކުރާ ބޭސް ދޫކުރުން. މި ނޫން ކުރި އެރުމެއް، އަންނަ ތަނެއް ނުފެނޭ. އަދިވެސް ތެލަސީމިއާ ކުދިންނަށް ހާއްސަ ޑޮކްޓަރެއް، ހެމޮޓޮލޮޖިސްޓެއް ނުލިބޭ. ކޮންމެ ކުއްޖަކަށް އަހަރަކު ދެފަހަރަަށް ޓެސްޓުތައް ހަދަން ބޭރަކަށް ނުދެވޭނެ. މިއީ ލޭ އަޅާ މައި ތަނުގެ ވާހަކަ" ނަން ނުޖަހަން އެދި ތެލަސީމިއާ ކުއްޖެއް އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.
އޭނާ ބުނާ ގޮތުގައި، ތެލަސީމިއާގެ ސަބަބުން ކިތަންމެ ކުދިންނެއް އެކި ކަންކަމާ ކުރިމަތިވެ މާޔޫސްވެފައި ތިބެ އެވެ. އެކުދިންނަށް ނަފްްސާނީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވިފައެއް ނެތް އިރު، މިއަށް ވުރެ ރަނގަޅަށް ހިދުމަތް ދެވެން ޖެހޭނެ ކަމަށް ދެކެ އެވެ.
"ތެލަސީމިއާ ގާނޫނުގައި ބުނެފައި ހުރި ކަންކަންވެސް ނުވޭ. މޯލްޑިވްސް ބްލަޑް ސާވިސަސްގައި ނެތް ޑީޖީ އެއްވެސް.. އަހަރުމެންނަށް ނޭނގޭ ޝަކުވާތައް ހިފައިގެން ދާންވީ ކާކު ކައިރި އަށް ކަމެއްވެސް!"
2013 ވަނަ އަހަރާއި 2014 ވަނަ އަހަރު ތެލަސީމިއާ މާހިރުންގެ ޓީމެއް ރާއްޖެ ގެނެސް ރާއްޖޭގައި ތެލަސީމިއާގެ ހާލަތު އަދި ތެލަސީމިއާ ކުދިންނާއި މީހުންނަށް ދެވޭ ފަރުވާގެ ހާލަތު ދެނެގަތުމަށްޓަކައި އެސެސްމަންޓެއް ހެދި ކަމަށްވެ އެވެ. އަދި އެ ރިޕޯޓު ހެލްތު މިނިސްޓްރީ އާއި ތެލަސީމިއާ ސެންޓަރު އަދި ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރި ނަމަވެސް، ރިޕޯޓުގައި ފާހަގަ ކުރެވުނު މައްސަލަތަކަށް ބަދަލެއް ގެނެވިފައި ނެތްކަން މީގެ 10 މަަސް ކުރިން ތެލަސީމިއާ ސޮސަައިޓީ އިން ނެރުނު ބަޔާނުގައި ވެ އެވެ.
އަދި ވެސް، މިއަދުވެސް ތެލަސީމިއާ ހުންނަ ފަރާތްތަކަށް ދެވޭ ފަރުވާއަށް ބަދަލެއް އައިސްފައި ނުވާކަން ފަރުވާ ހޯދާ މީހުން ބުނެ އެވެ.