ފަހުގެ ތާރީހެއްގައި ސްރީ ލަންކާގައި ބޭއްވި އެންމެ ވާދަވެރި ރިޔާސީ އިންތިހާބުގެ ވޯޓުުލުން، އެ ގައުމުގެ ގަޑިން ހަވީރު 4:00 ޖެހުމާ އެކު ހުއްޓާލައި ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި އެވެ.
ވެރިކަމުގައި 2005 ވަނަ އަހަރުން ފެށިގެން ހުންނަވާ ރައީސް މަހިންދަ ރާޖަޕަކްސައާ ވާދަކުރައްވާފައި ވަނީ ރާޖަަޕަކްސަގެ ކުރީގެ ހެލްތު މިނިސްޓަރު މައިތިރީޕަލާ ސިރިސޭނާ އެވެ.
ސަރުކާރަށް އަމާޒުވެފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު ރާޖަޕަކްސަ އަށް ތާއީދު ކުޑަވެފައިވާ މި ދަނޑިވަޅުގައި ބޭއްވި އިންތިހާބުގެ ނަތީޖާ ލިބޭވަރު ވާނީ މާދަމާގެ ވަގުތެއްގަ އެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނަނީ ކޮންމެ ބޭފުޅަކު އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް ނަތީޖާގައި މާބޮޑު ފަރަގެއް ނުހުންނާނެ ކަމަށެވެ.
މިއަދު ހެނދު 7:00 ގައި ވޯޓުލުން ފެށިގެން ވޯޓުލާ ނިމެންދެން ވެސް ޖުމުލަ ގޮތެއްގައި ކަންކަން ދިޔައީ އަމާންކޮށެވެ. ނަމަވެސް އުތުރުގެ ބައެއް ހިސާބުތަކުގައި މީހުން ވޯޓުލުމަށް ހުރަސްތައް އަޅާފައިވާ ކަމަށް އޮބްޒާވަރުން ބުނެ އެވެ. އަދި ޖަފްނާގައި ވޯޓުލާ މަރުކަޒެއްގެ ކައިރީ އަތުބޮމެއް ވެސް ގޮއްވާލި އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
ކުރީގެ ހެލްތު މިނިސްޓަރު ސިރިސޭނާ އަކީ ކޮރަޕްޝަންގެ ތުހުމަތު ނެތް ބޭފުޅަކަށް ވުމުން ރާޖަޕަކްސަގެ މައްޗަށް ކުރި ހޯދަން ފަސޭހަވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ރާޖަޕަކްސަ އަށް އެންމެ ގިނައިން ލިބޭނީ ސިންހަޅައިންގެ ވޯޓް ކަމަށް ވިޔަސް ސިރިސޭނާ އަށް ވެސް ސިންހަޅައިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތާއީދުުކުރާ ކަމަށް ހިޔާލު ހޯދުންތަކުން ދައްކަ އެވެ. އަޣުލަބިއްޔަތު އޮތް ސިންހަަޅައިން ފިޔަަވައި ލަންކާގައި އުޅޭ އެހެން ނަސްލުތަކުގެ މީހުން ވެސް ގިނައިން ވޯޓު ދޭނީ ސިރިސޭނާ އަށް ކަމަށް ބެލެވެ އެވެ.
ބައި މަދު ނަސްލުތަކުގެ މީހުން ގައުމުގެ ޖުމުލަ އާބާދީގެ 30 ޕަސެންޓް ހިއްސާކުރެ އެވެ. ނަމަވެސް ސިންހަޅައިންގެ ބޮޑު އާބާދީއެއް ރާޖަޕަކްސަ އަށް އަދިވެސް ވަރަށް ބޮޑަށް ތާއީދުކުރެ އެވެ.