ހަބަރު

ޖަމާއަތް ހަދައިގެން ރަށްރަށަށް އަރާ ވައްކަން ކުރާ ބަޔަކު ހައްޔަރުކޮށްފި

ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންކޮށް މުދަލަށް ގެއްލުންދޭ މައްސަލައެއްގައި ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރު އަދި 28 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުން ބުނި ގޮތުގައި، އެމީހުންގެ ތެރެއިން 5 މީހަކު ކޯޓު އަމުރެއްގެ ދަށުން ރ. އުނގޫފާރުން ހައްޔަރުކޮށް އެމީހުންނާ ގުޅުންހުރި މަޑުއްވަރީގެ 3 ތަނެއް ބަލައި ފާސްކޮށްފައި ވެ އެވެ. އޭގެ އިތުރުން އެމީހުން ދިރިއުޅުނު ރ. އަތޮޅުގެ ފަޅުރަށެއްވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. އެ ތަންތަނުން މައްސަލައާ ގުޅުންހުރި ބައެއް ތަކެތިވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

އަދި މި މައްސަލައިގައި ހަވަނަ މީހަކު އިއްޔެ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ތުހުމަތު ކުރެވޭ މީހުން ރ. އަތޮޅުގެ ފަޅުރަށެއްގައި ދިރިއުޅެފައިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާ ނުލައި އެރަށައް ދިއުމަށްފަހުއެވެ.

މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.