ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައިޑީކާޑު މުއްދަތު ހަމަވިޔަސް ޖުލައިގެ ނިޔަލަށް ހިދުމަތް ދޭނެ

އައިޑީކާޑު ގެއްލިފައި ނުވަތަ، މުއްދަތު ހަމަވެފައި ވިޔަސް، ކާކު ކަން އަންގައިދޭނެ ލިޔުމަކާއެކު ހިދުމަތް ދެވޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އަންގައިފި އެވެ. މި ގޮތަށް ހިދުމަތް ދޭން ނިންމާފައިވަނީ އަންނަ ޖުލައި މަހުގެ ނިޔަަލަށެވެ.

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، އައިޑީކާޑު ހެއްދުމުގެ ހިދުމަތް ވަނީ މެދުކަނޑާލައިފަ އެވެ.

އެގޮތުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ހިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބެން ފެށުމުގެ ސަބަބުން، ޑީއެންއާރުން ވަނީ ޖޫން 30ގެ ނިޔަލަށް އައިޑީ ކާޑު ނެތް ނަމަވެސް އަދި އައިޑީ ކާޑުގެ މުއްދަތު ހަމަވެފައި ވީނަމަވެސް ހިދުމަތް ދިނުމަށް އަންގައިފަ އެވެ.

ޑީއެންއާރުން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ، އެ އެންގުމުގެ މުއްދަތު ޖުލައި މަހުގެ 31 ދުވަހުގެ ނިޔަލަަށް އިތުރުކޮށްފައިވާ ކަަމަށެވެ.

އެހެންްކަމުން، އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނޫނީ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު އާއި ޑްރައިވިން ލައިސެންސް އަދި މުއްދަތު ހަމަވީ އައިޑީކާޑު ބޭނުންކޮށްގެން ވިޔަސް މި މުއްދަަތުގައި ހިދުމަތް ދެވޭނެ ކަމަށެވެ.

މި ގޮތަށް، ކާކުކަން އެނގޭ ލިޔުމަކާއެކު ހިިދުމަތް ދިނުމަށް އަންގާފައިވަނީ އަންނަ މަހުގެ ނިޔަލަށް ކަމަށް ހިދުމަތް ދޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ.