ރޭޕް

ސަފާރީ ރޭޕް: ބޮޑު މީހާއަށް ބޮޑު އިންސާފު!

މި އަހަރު ފެށިގެން އައީވެސް ރޭޕްގެ ހުތުރުކަން ބޮޑު އަމަލަކުން މުޅި މުޖްތަމައުއަށް ސިހުން ގެނުވަމުންނެވެ. ދެކުނުގައި ކުޑަކުޑަ އާބާދީއެއް އޮންނަ ގއ. ކަނޑުހުޅުދޫގައި އުމުރުން އެއް އަހަރާއި، ނުވަ މަހުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެގެން ދިޔައީ ވަރުގަދަ ނިންޖަކުން ރާއްޖެ ހޭލައްވާލުމަކަށެވެ. ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ނުތެދުވާ ހަމަ އެކަކުވެސް ނެތެވެ. މުޅި ރާއްޖޭގައި އޮތީ އެ ކުއްޖާއަށް ދިން އަނިޔާގެ ވާހަކަތަކެވެ. އެފަދަ ކަމެއް ދެން ތަކުރާރުވިޔަ ނުދިނުމަށް މުޅި ދައުލަތާއި ރައްޔަތުން އެކައްޗަކަށްވި އެވެ.

އެ އިހުމާލުގެ ތުހުމަތަކާއެކު ޖެންޑާ މިނިސްޓަރު ވެސް މަގާމުން "ދުރުކުރި" އެވެ.

އެ ހާދިސާއަށް ފަސް މަސް ވީއިރު އެ ދެމެދަށް ހިނގި އެފަދަ އެތައް މައްސަލައަކާއެކު ހުނއަނެއްކާ ވެސް މި ވަނީ ރޭޕްގެ ބޮޑު މައްސަލައެކެވެ. މިފަހަރު ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލަ އެކެވެ. ހާދިސާ ހިނގީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭގަ އެވެ. މިއީ ފުރަތަމަ ބަޔަކު ވާހަކައެއް ދެއްކި މައްސަލައެއް ނޫނެވެ. ރޭޕްގެ މި މައްސަލައަކީ ތުހުމަތުގައި ކުށުގެ ވެށިން އުމުރުން 39 އަހަރުގެ ދެ ފިރިހެނަކު ހައްޔަރު ކުރި ކަމަށް ފުލުހުން އިސްވެ އިއުލާން ކުރި މައްސަލަ އެކެވެ.

ނަމަވެސް ހަމަ ވަގުތުކޮޅެއްގެ ތެރޭ މައްސަލައިގެ ވާހަކަތައް ބަދަލު ކުރާން ފަށައިި ތަހުގީގަށް އިތުރަށް ބަންދުގައި ބައިތިއްބާނެ ތަނެއް ނެތް ކަމަށް ބުނެ އެ ދެ މީހުން ދޫކޮށްލައިފި އެވެ. ފުލުހުން ބޭނުންވީ މައްސަލަ އެ ހިސާބުގައި ބާއްވާށެވެ. ނަމަވެސް އޭރު ޝޯޝަލް މީޑިއާ ކެކިގެންފި އެވެ. ތުހުމަތުވާ މީހުންގެ ވަނަވަރު ހާމަކޮށް، ފޮޓޯއާއެކު ސަރުކާރާ އޮތް ގުޅުން ވެސް ހާމަކޮށް ނިންމާލައިފި އެވެ.

އެ ހަގީގަތް މީޑިއާގެ މެއިންސްޓްރީމަށް ގެނައުމަށް ނޫސްވެރިން ތަކުރާރުކޮށް ސުވާލުތައް ކުރަމުން ދިޔަ އެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދޭތީ އާއި ނޫސްވެރިންނަށް "ޖެއްސުން" ކުރާތީ އިހަށް ދުވަހު އިސްލާހުކުރި "ޕޮޮލިސް މީޑިއާ" އަށް އެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނުލިބުނެވެ. ބުނަމުން ދިޔައީ "ހާމަކުރަން ހުރި މައުލޫމާތުތައް ހާމަކޮށް ނިމިއްޖެ" އެވެ ނޫސްވެރިންގެ ސުވާލުތަކަށް އޮތީ އިހްތިރާމެވެ. އެ ނޫން އެއްވެސް ޖަވާބެއް ނެތެވެ.

މީޑގައި ހިމެނޭ ނޫސްތަކާއި ޓީވީ / ރޭޑިއޯތައް ބަލައި އޮންނަނީ ހަމަ އެކަނި ޖަވާބެއް ނުދޭ ޕޮލިހަކަށް ނޫނެވެ. އެހެންވެ އެގޮތް މިގޮތް ހަދައި ހޯދުނު ތަނަކުން ހޯދައިގެން ރޭޕްގެ ހާދިސާއާ ގުޅޭ ތަފާތު ވާހަކަތައް މެއިންސްޓްރީމަށް ގެނައީ އެވެ.

އޭގެ ބައެއް ރިޕޯޓްތައް އައީ ސީދާ އަނިޔާ ލިބުނު މީހާއާ ހަވާލާދީ އެވެ. އަދި އޭނާއާއެކު ވަޒީފާ އަދާކުރާ މީހުންގެ ދުލުންނެވެ. އެ ވާހަކަތަކުން މި މައްސަލާގައި ފުލުހުންލައްވާ ބަޔަކު ހަދާފައިވާ ބޮޑެތި ގޯސްތަކެއް ބޭޒާރު ވިއެވެ. ބިދޭސީ އަންހެން މީހާއަށް އިންސާފު ހޯދައިދޭން ފުލުހުން ފެށި މަސައްކަތް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަނެއް ކޮޅަށް ޖަހާފައިވާކަން ފަޅާ އެރިއެވެ. އޭގެ ތެރެއިން އެކަން ސިއްރުކުރަން ތަފާތު ހުށައެޅުންތައް އެ މީހާއަށް ހުށައެޅުނު ކަމަށް ޝައްކުތައް އުފެދިއްޖެ އެވެ.

އެ ހުރިހާ ވާހަކަތަކެއް ފެތުރެން ފެށުމުން ކޮންމެވެސް ޖަވާބެއް ދޭން ފުލުހަށް މަޖުބޫރުވި އެވެ. އެހެން ކަމުން ރޭގެ ވަގުތެއްގައި ފުލުހުން ނެރުނީ ނޫސްބަޔާނެކެވެ. އެއީ މިފަދަ ހާލަތްތައް މާޒީގައި ދިމާވި ކޮންމެ ފަހަރަކު ފުލުހުން ހަދާ ގޮތެވެ. މި މައްސަލާގައި ނެރުނު ތިން ސޮފުހާ ހިމެނޭ ބަޔާނުގައި ކުރިން ނުދައްކާހުރި ބައެއް ވާހަކަތައް ހިމަނާފައި ހުއްޓެވެ. މައްސަލަ ފުުލުހުންގެ ސަމާލުކަމަށް ދިޔަގޮތް ތިން ހަތަރު ދުވަސް ފަހުން ބުނެދޭން އުޅެފައި ވެއެވެ.

ފުލުހުން ބުނި ގޮތުގައި ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ރާއްޖޭގައި މަސައްކަތް ކުރަމުންދާ އުމުރުން 27 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުގެ ސަމާލު ކަމަށް އައި މިދިއަ ހުކުރު ދުވަހުގެ ރޭ ފަތިހު 5:00 ޖަހާ އެހާކަންހާއިރު ހުޅުމާލެ، ލަކުޑި ޖެޓީ ސަރަހައްދުގައި އަންހެން މީހާ އާއި އިތުރު ދެ ފިރިހެނުން ތިއްބާ ފުލުހުން ގޮސް މައުލޫމާތު އޮޅުންފިލުވި ހިސާބުންނެވެ.

އެ ބަަޔާން ބުނާ ގޮތުން ލަކުޑި ޖެޓީ ކައިރިން އަންހެންމީހާ ފުލުހަށް މައުލޫމާތު ދިނެވެ. އޭނާ ބުނި ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތަކަށް، ތުހުމަތުވާ ދެ މީހުނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި އެވެ. އަދި އެމީހުން އެ ސަފާރީ ތެރޭ އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރި އެވެ. އެމީހުންގެ އަމަލުތައް ހުރި ގޮތުން އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވުމުގެ ގޮތުން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެ މީހުން ގޮސް އޭނާ ޑިންގީއަށް ނަގައި ޖެޓީއަށް ބޭލީ އެވެ.

ބަަޔާން މެދުވެރިކޮށް ދެން ފުލުހުން މަސައްކަތް ކޮށްފައި ވަނީ އަންހެން މީހާ އާއި އޭނާގެ އެކުވެރިންނާ ހަވާލާދީ އެކި ނޫސްތަކުގައި ޖަހާފައިވާ ހަބަރުތައް ދޮގު ކުރާށެވެ. ފުލުހުން ބުނާ ގޮތުން އަންހެން މީހާ އެއްވެސް ނޫސްވެރިއަކަށް އިންޓަވިއެއް ނުދެ އެވެ. އޭނާއާ ގުޅޭގޮތުން ނޫސްތަކުގައި ލިޔެފައިވަނީ ދޮގު ވާހަކަތަކެކެވެ. އެއީ ކޮން ތަހުގީގެއް ކޮށްފައި ފުލުހުން ނިންމި ނިންމުމެއް ކަމެއް މިހާތަނަށް ސާފެއް ނުވެއެވެ.

ނޫސްތަކުގައި ލިޔެފައިވާ ވާހަކަތައް ފުލުހުން ދޮގު ކުރި ނަމަވެސް ފުލުހުންގެ ބަޔާނުގައި ހުރި ހުރިހާ ވާހަކަތައް ނޫސްތަކުގައި ލިޔެފައި ވެއެވެ. އެހެން ކަމުން ކޮންމެވެސް ހަގީގަތެއް އެބަ ފޮރުވާ ނޫން ހެއްޔެވެ؟ މި ހާދިސާގެ މައުލޫމާތު އެ އަންހެން މީހާ އެތައް ބަޔަކާ ހިއްސާ ކޮށްފައި ވެއެވެ. ނޫނީ އެ ވާހަކަތައް ފުލުހުންގެ ތެރެއިން ބޭރުވެއްޖެ އެވެ. އެހެން ނޫންނަމަ ފުލުހުންގެ ބަޔާނުގެ ކުރިން މި ވާހަކަތައް ނޫސްތަކުގައި ލިޔާނީ ކިހިނެއް ހެއްޔެވެ؟

ފުލުހުންގެ އިހުމާލު އެބައޮތް

ފުލުހުންގެ ބަޔާނުގައި ބުނާ ގޮތުން ސަފާރީ ތެރޭގައި އެ އަންހެން މީހާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާ ކުރަން މަސައްކަތް ކޮށްފައި ވެއެވެ. އަދި އެމީހުން އެ އަމަލު ހުއްޓާ ނުުލުމުން ސަލާމަތްވާން އޭނާ މޫދަށް ފުންމާލީ އެވެ. އަދި ފަހުން އެ މީހާ މޫދުން ނަގާފައިވަނީ ވެސް ތުހުމަތުވާ ދެ މީހުން ޑިންގީއެއްގައި ގޮހެވެ.

މިއީ އަންހެން މީހާ ދިން ބަޔާނުގެ މައްޗަށް ބިނާކޮށް ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ވާހަކަތަކެވެ. ސުވާލަކީ މިއީ ތަހުގީގަށްޓަކައި ތުހުމަތުވާ މީހުން ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނޫން ހެއްޔެވެ؟ މުޅި މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނުމުގެ ޖާގަ ހުޅުވޭ ފުރަަތަމަ ކަމަކީ މިފަދަ ސީރިއަސް ތުހުމަތެއް ކުރެވިފައި ވަނިކޮށް މުއްދަތު މަޖިލީހަށް ހާޒިރު ނުކޮށް ފުލުހުން އެ ދެ މީހުން ދޫކޮށްލުމެވެ.

އެއީ ނުރަނގަޅު ނިންމުމެވެ. މިފަދަ މައްސަލައެއްގައި ހަގީގަތަށް ވާސިލްވުމުގެ ކުރިން ފުލުހުން އަމަލު ކޮށްގެންވާނެ ގޮތެއް ނޫނެވެ. ތުހުމަތުވާ ދެ މީހުންނާއެކު ބިދޭސީ އަންހެން މީހާ ފުލުހުންނަށް ފެނިފައި ވަނީ އެ ރޭގެ ފަތިހު 5:00 ޖެހިއިރު އެވެ. މިއީވެސް ގޯހެއް އުޅޭ ކަމުގެ ހެއްކަކަށް ފުދެއެވެ. މި ހުރިހާ ކަމަކަށް ވިސްނާލުމުން މި މައްސަލާގައި ފުލުހުންގެ މައްޗަށް ކޮންމެވެސް ނުފޫޒެއް އެބައޮތްކަން ދޭހަވެ އެވެ. ކިތަންމެ ވަރަކަށް ސިއްރު ކުރި ނަމަވެސް ފުލުހުންގެ އަމަލުތައް ހުރީ ބާރުގަދަ ފަރާތެއްގެ ނުފޫޒެއް ފުލުސް މައްޗަށް އޮތް ގޮތަށެވެ. އެހެން ނޫންނަމަ ކުށުގެ ވެށިން ހައްޔަރުކުރި ކަމަށް ބުނެ މީޑިއާއަށް އިއުލާނު ކުރުމަށް ފަހު އެ ދެ މީހުން ފުލުހުންގެ ބަންދުން ވީއްލިގެނެއް ނުދާނެ އެވެ.

އަންހެން މީހާއަށް ލިބިފައިވާ ޖިންސީ އަނިޔާތައް ދެނެގަތުމަށް ޑޮކްޓަރަށް ނުދައްކާ ކަމުގެ ތުހުމަތު ވެސް ފުރަތަމަ ކުރެވުނެވެ. އެ އަންހެން މީހާ ވާހަކަ ދެއްކި އޭނާގެ އެކުވެރިން އެހެން ބުނެ އެވެ. ނަމަވެސް ފުލުހުން ވަނީ އެ ވާހަަކަތައް ދޮގު ކޮށްފަ އެވެ. އެއްވެސް އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނާ ގޮތުގައި 26 ވަނަ ދުވަހުގެ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް އޭނާ ޑޮކްޓަރަށް ދެއްކި އެވެ. ކަމެއް ނުހިނގަންޏާ ޑޮކްޓަރަށް ދެއްކީ ކީއްކުރަން ހެއްޔެވެ؟ އަދި ދެއްކިއްޔާ ޑޮކްޓަރުން ބުނި އެއްޗެއްވެސް އޮންނާނެ އެވެ. ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވާ ނަމަ އެކަން ޔަގީން ކުރެވޭނެ ގޮތްގޮތް ހުންނާނެ އެވެ.

އެ ދެ މީހުން ކޯޓަށް ހާޒިރު ނުކޮށް ދޫކޮށްލީ ޑޮކްޓަރުގެ ބަހެއް ހޯދުމަށްފަހު ހެއްޔެވެ؟ ޝައްކެއް ނެތް މިންވަރަށް މިކަމުގައި ގޯހެއް ނޫޅޭކަން ޔަގީން ކުުރުމަށްފަހު ހެއްޔެވެ؟ މިއީ ތަހުގީގު މަރުހަލާއެއް ނަމަވެސް އެންމެ ކުޑަ މިނުން މިވަރު ސާފުކޮށް ދޭން ޖެހެ އެވެ. ފުލުހުންގެ ތަހުގީގެއް މިހާ ދެރަވަރުގައި ކުރިއަށް ގެންގޮސްގެން ނުވާނެ އެވެ. ސުވާލު އުފެދޭ ގޮތަށް މީހަކު ނުވަތަ ބަޔަކު ފުލުހުންގެ ބަންދުން ވީލިއްޖެނަމަ އެ ސުވާލުތަކަށް ޖަވާބުދޭން ޖެހޭނެ އެވެ.

އިދާރާތަކުން މައްސަލަ ބަލަން ފެށުން

މި މައްސަލަ ވަރަށް ބޮޑުވެ ނުހިފެހެއްޓޭ ހިސާބަށް ދިއުމުން އެ މައްސަލަ ބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމެޓީން ވަނީ ބުނެފަ އެވެ. އެޗްއާރުސީއެމުން ވެސް ވަނީ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ބުނެފަ އެވެ. މިދެން މި އަންނަ ކޮން ކަމެއްގައި ވާ ގޮތެވެ. ދެން އޮންނާނީ މަޖިލީހަށް ވައްދާ ގަރާރަކާއި އާޓިފިޝަލް ބީޗު ކައިރިއަށް ބަޔަކު އެއް ކުރުވައިގެން އިހުތިޖާޖެއް ކުރުމެވެ. އޭރަށް އެހުރީ އިންސާފު އަރާ ހަމަކޮށްފަ އެވެ.

މިއީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މައްސަލައެކެވެ. އެހެންވީމަ މައްސަލައިގެ މުޅި ތަހުގީގު ނިމުމުގެ ކުރިން އޭގެ ތެރެއަށް އެހެން އިދާރާތަކުން ވަންނަން ޖެހޭ ސަބަބެއް ނެތެވެ. އެ އިދާރާތަކަށް އޮތީ ފާރަވެރިވުމެވެ. އޮންނާނީ ސީރިއަސް މި މައްސަލަ ފުލުހުން ބަލަމުން ދަނީ ރަނގަޅަށް، އިންސާފުވެރިކަމާއެކުގައިތޯ ޔަގީން ކުރުމެވެ. މައްސަލައިގެ ތެރެއަށް ވަންނަންވާނީ ފުލުހުންގެ ތަހުގީގަށްފަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމެޓީން މި މައްސަލަ ބަލަން މިއަދު ފަށާނެ އެވެ. ކޮމެޓީ ބައްދަލުވުން އޮތީ މެންުދުރު 2:00 ޖަހާއިރު އެވެ. ކޮމެޓީގެ މުގައްރިރަކީ މައްސަލައިގެ ތުހުމަތުވާ އެކަކާ ގުޅުން އޮތް ފަރާތެކެވެ. ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި ކޮމެޓީގެ މުގައްރިރު އެ މައްސަލައިން މިއަދު ތަނާޒުލުވެ އެހެން ބޭފުޅަކަށް ރިޔާސަތު ދޫކޮށްލައްވާނެ އެވެ.

ނަމަވެސް މައްސަލަ މިހާރު ގޮސް އޮތް ހިސާބުން، އަދި ކުރެވުނު ތުހުމަތުތަކަށް އެކަށީގެންވާ ޖަވާބެއް ދެވިފައިނުވާތީ އާއި ސުވާލު އުފެދޭ ގޮތަށް ކުރެވުނު އެތައް ކަމެއްގެ ސަބަބުން މަޖިލީހަށް މި މައްސަލަ އިންސާފުވެރިކޮށް ބެލިދާނެތޯ ސުވާލު އުފެދެއެވެ. އޭގެ ކުރިން ޖިނާއީ ތަހުގީގު ނިމުމުގެ ކުރިން މަޖިލީހުން މަސައްކަތް ފެށުން ވެސް ގޯހެވެ. އެއީ މި މައްސަލާގައި އުފެދިފައިވާ ތުހުމަތުތައް އިތުރުވާ ކަމެކެވެ.

ރޭޕްގެ ތުހުމަތާއެކު އެކަން ކުށްވެރިކޮށް އަނިޔާވެރިންނަށް ހައްގު އަދަބު ދިނުމަށް ވަޒީރުންނާއި ސިޔާސީ ޕާޓީތަކުން އަދި ޖަމިއްޔާތަކާއި އާންމުން ވެސް ދަނީ ގޮވާލަމުުންނެވެ. ނަމަވެސް މި މައްސަލާގައި ސަރުކާރުގެ ބަހެއް އަދި ނެތެވެ. އާންމުކޮށް ސަރުކާރުން މިފަދަ މައްސަލަތަކުގައި ބަސް ބުނެ އެވެ. އިންސާފު ހޯދައި ދޭނެ ކަމުގެ ޔަގީންކަން ދެއެވެ. ނަމަވެސް މި މައްސަލާގައި ސަރުކާރު އޮތީ ހަނުގަ އެވެ.