ހަބަރު

ސަފާރީ މައްސަލާގައި އެންއައިސީއަށް އެއްބާރުލުންދެން: ފުލުހުން

Jun 30, 2020

ސަފާރީއެއްގެ ތެރޭގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ފުލުހުން އަމަލު ކުރި ގޮތް ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިމިވަނީ އެންއައިސީއިން ފުލުހުންގެ އެއްބާރުލުން ލިބެމުން ނުދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މިއަދު ބުނެފައިވަނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސަފާރީގައި ހިނގި ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން މިހާތަނަށް އެންއައިސީއިން ފުލުހަށް ފަސް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

"އެއިން އެއްވެސް ސިޓީއެއްގައި ކޭސް ލޮގް ހޯދުމަށް އެދިފައެއް ނުވޭ، އަދި މިހާތަނަށް އެދިފައިވާ ކަންކަމަށް ފުރިހަަމައަށް އެއްބާރުލުން ދީފައިވާނެ ވާހަކަ ދަންނަވަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެންއައިސީގެ ރައީސް އަހުމަދު ސުލައިމާން ވިދާޅުވީ، ސޯޝަލް މީޑިއާއަށް މައްސަލަ ފެންމަތިވުމާއެކު ކޮމިޝަނުން އިސް ނަގައިގެން މައްސަލަ ބަލަން ފެށި ކަމަށެވެ. އިތުރު ފަރާތްތަކުން ވެސް މައްސަލަ ހުށަހެޅި، މައްސަލައިގެ ހައްސާސްކަމުން މައްސަލަ ބެލުމުގެ ގޮތުން ތިން މެންބަރުންގެ ކޮމިޓީއެއް ނެގި ކަމަށެވެ.

އެންއައިސީގެ ކޮމިޓީގެ އިސް މެންބަރަކަށް ހުންނެވި އަހުމަދު ޖިހާދު ވިދާޅުވީ، މައްސަލައިގެ މައުލޫމާތު ހޯދަން ފުލުހުންނަށް ސިޓީއެއް ފޮނުވުމުން ހާދިސާ ހިނގައި ދިޔަ ގޮތުގެ މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ ތަހުގީގުގެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށް ފުލުހުންގެ ސިޓީގައިވާ ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ ފަރާތުން އިތުރު ލިއެކިއުންތައް ބޭނުންވާތީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް އިއްޔެ ހަވީރު އެންއައިސީ މެންބަރުން ވަޑައިގެން، ހަތަރު ފުލުސް އޮފިސަރެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. އެއީ ސީނަށް ދިޔަ ފުލުސް އޮފިސަރުންނާއި ޑިއުޓީ އިންޗާޖް އޮފިސަރުގެ ބަޔާން ކަމަށް ޖިހާދު ވިދާޅުވި އެވެ.

އެހެން ނަމަވެސް ފުލުހަށް މައްސަލަ ރިޕޯޓް ކުރެވި، މައްސަލަ ލޮގްވެގެން ދިޔަ ޕްރޮސީޖާތަކުގެ ލިއެކިއުންތައް އަދިވެސް ނުލިބޭ ކަމަށް ޖިހާދު ވިދާޅުވި އެވެ. ޖިހާދު ވިދާޅުވި ގޮތުގައި މައްސަލަ ކުރިއަށް ދެން ގެންދާނެ ގޮތެއް ނިންމޭނީ އެ ޕްރޮސީޖާގެ ލިއެކިއުންތައް ވެސް ލިބިގެން ކަމަށެވެ. އެ ލިއެކިއުންތަކަށް އެދިފައިވާނެ ކަމަށެވެ.

ކޮމިޝަންގެ ރައީސް ސުލައިމާން ދެން ވިދާޅުވީ މި މައްސަލާގައި ވެސް މައްސަލަ ލޮގްވުމުގެ ޕްރޮސީޖާގެ ލިއެކިއުންތައް ލިބުމުގައި ލަސްވާއިރު، ތަހުގީގުގެ ބައެއް މައުލޫމާތުތައް ހިއްސާ ނުކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. މީގެ ކުރިން ވެސް މައްސަލަތަކުގައި ފުލުހުން މައުލޫމާތު ހިއްސާކުރުމުގައި ވަރަށް ބޮޑަށް ލަސްވަމުންދާ ކަމަށް ވިދާޅުވި އެވެ.

"މި މައްސަލާގައި ވެސް ބައެއް މައުލޫމާތުތައް ހިއްސާ ނުކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވޭ، އަޅުގަނޑުމެން ގަބޫލު ކުރަނީ އެންއައިސީގެ ގާނޫނުގެ ތެރެއިން ފުލުހުންނަށް އެންއައިސީއާ އެ މައުލޫމާތުތައް ހިއްސާ ނުކުރެވޭނެ ސަބަބެއް ނެތް،" ސުލައިމާން ވިދާޅުވި އެވެ.

އެންއައިސީއަށް ފުލުހުންގެ ފަރާތުން ގިނަ ލިއެކިއުންތައް ލިބިފައި ނުވާ ކަމަށް ކޮމިޝަންގެ މެންބަރުން ވިދާޅުވުމުން، އެ މައްސަލަ ދިރާސާ ކުރުމުގެ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ފަރާތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މައްސަލަ ފޮނުވައި ބަލައި ދިނުމަށް އެދޭ ކަމަށެވެ.