ވިޔަފާރި

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ޓްރާންސިޓް ހޮޓާ ތަކަށް

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ގެސްޓްހައުސްތައް ޓްރާންސިޓް ހޮޓާތަކުގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ ދޭން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި މަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލުމާގުޅޭ މަސައްކަތްތަކުގެ ތެރެއިން މިހާރު ނެރެފައިވާ "ގައިޑްލައިން ފޯ ރީ-ސްޓާޓިން ޓޫރިޒަމް އިން މޯލްޑިވްސް" ގެ ސެކްޝަން ޑީ2 ގައި ބަޔާންކޮށްފައިވާ ގޮތަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ހޮޓާތައް 15 ޖުލައިގައި ޓްރާންސިޓް މޫވްމަންޓްތަކަށް ބޭނުން ކުރަން ނިންމާފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ ގައިޑްލައިނާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މިންގަޑުތަކުގެ ތެރެއިން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ގެސްޓްހައުސްތައް ޓްރާންސިޓް ހޮޓަލުގެ ގޮތުގައި ބޭނުން ކުރަން ހުއްދަދޭނެ ކަމަށެވެ.

ނަމަވެސް، މިނިސްޓްރީން ހުއްދަ ދޫކުރާ ފަރާތްތަކުން، ހުޅުވުމުގެ ކުރިންނާއި ހުޅުވުމަށް ފަހު ގެސްޓްހައުސް އޮޕަރޭޓް ކުރުމަށް، ގައިޑްލައިންގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަ ކުރަންވާނެ ކަމަށެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ބޯޑަރު މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލައި ރިސޯޓުތައް ވެސް ހުޅުވަން ހުއްދަ ދީފަ އެވެ. ނަމަވެސް ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދެނީ އޯގަސްޓް އެއްވަނަ ދުވަހުން ފެށިގެނެވެ.