ހަބަރު

ރޭޕްގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފި

Jul 2, 2020

އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއް ރޭޕްކޮށްފައިވާ މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ. މިއަދު މެންދުރުފަހު ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ފިރިހެނެކެވެ.

މިކަން ހިނގާފައިވަނީ ފ އަތޮޅު ރަށެއްގަ އެވެ. މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ ބަނޑު ވެސް ބޮޑެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ.

މި މައްސަލަ ފެންމަތިވި އިރު 18 އަހަރު ނުފުރޭ އެހެން ކުއްޖެއް ރޭޕްކުރި މައްސަލައެއް ވެސް ފުލުހަށް ހުށަހަޅާފައިވެ އެވެ. އެއީ 17 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ވެސް ބަނޑުބޮޑެވެ. އެ ކުއްޖާގެ މައްސަލަ ފުލުހަށް ހުށަހެޅީ ރަށު ސިއްހީ މަރުކަޒުންނެވެ.

އެނގިފައިވާ ގޮތުގައި ކޯޓުން ބޭރުގައި އެ ކުއްޖާއާ މީހަކު އިނދެގެން އުޅުނެވެ. ނަމަވެސް އެކަން އެއްވެއް ފަރާތަކުން ކަށަވަރެއް ނުކޮށްދެ އެވެ. މި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

މި ދެ މައްސަލަ ފެންމަތިވެފައި މިވަނީ ހުޅުމާލޭ ފަޅުގައި އަޅާފައިވާ އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެކަށީގެންވާ ފިޔަވަޅު ނާޅާތީ އާންމުން ރުޅިގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ ކުރިން ގދ. ކަނޑުހުޅުދޫގައި ހިނގައިދިޔަ ޖިންސީ އަނިޔާގެ ހާދިސާއަކަށްފަހު ވެސް މިފަދަ އެތައް މައްސަލައެެއް ފެންމަތިވި އެވެ.