ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ސްރީލަންކަން ހަފުތާއަކު ތިން ފްލައިޓުން ފަށައި އިތުރު ކުރަނީ

ރާއްޖޭގެ ހުޅުވުލާއިރު، ހަފުތާއަކު ތިން ފްލައިޓުން ފެށި ނަމަވެސް ވަރަށް އަވަހަށް ފްލައިޓުތައް އިތުރު ކުރާނެ ކަމަށް ސްރީލަންކަން އެއާލައިންސް އިން ބުނެފި އެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން އެއާލައިންސްތަކާއި ވައިގެ ދަތުރު ފަތުރުގެ ދާއިރާ އަށް ހާއްސަކޮށްގެން ބޭއްވި ވެބިނާގައި ވާހަކަ ދައްކަވަމުން ސްރީލަންކަން އެއާލައިންސްގެ ކަންޓްރީ މެނޭޖަރު ފައުޒާން ފަރީދު ވިދާޅުވީ ފްލައިޓް އިތުރު ކުރުމުގައި ސްރީލަންކާގެ ބޯޑަރު ހުޅުވިގެން އަންނަ ހަރަކާތްތަކާއި ޑިމާންޑް އަންނަ ވަރު މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށެވެ. އެހެންކަމުން އޮގަސްޓް ނޫނީ ސެޕްޓެމްބަރު މަހު ދުވާލަކު ތިން ފްލައިޓަށް ބަދަލު ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ހުޅުވާއިރު ހަފުތާއަކު ތިން ފްލައިޓް ރާއްޖެ އަށް އަޅާނެ. އެކަމަކު ކޮންމެ ދުވަހަކު ލަންޑަން އާއި ޓޯކިއޯ އަށް ކަނެކްޓިވީ ބާއްވަން މަސައްކަތް ކުރާނަން. މީގެ އިތުރުން ވެސް އެހެން ދިމަ ދިމާލުން ކަނެކްޓިވިޓީ ހޯދަން ވާހަކަ ދައްކަމުން މިދަނީ،" ފައުޒާން ވިދާޅުވި އެވެ.

ޓިކެޓުގެ އަގު ބޮޑެއް ނުކުރާނަން

ފައުޒާން ވިދާޅުވި ގޮތުގައި ބައެއް އެއާލައިންތަކުން ކޮވިޑް-19 ގެ މިހާލަތުގެ ސަބަބުން އިތުރު ފީތައް ނަގަމުންދާ ކަމަށާ، ނަމަވެސް ސްރީލަންކަން އެއާލައިންސް އިން މިފަދަ އިތުރު ފީއެއް ނެގުމުގެ ވިސްމުމެއްނެތް ކަމަށާ، މީގެ ބަދަލުގައި ސްރީލަންކަން އެއާލައިންސް އިން ބެލީ ބޯޑަރު ހުޅުވަނީ ކޮން ގައުމެއް ތޯ ބަލައި އެ ދިމާލަކަށް އަވަހަށް ހިދުމަތް ފަށަން ކަމަށާ، އެގޮތުން މިހާރު ލަންޑަން އާއި ޓޯކިއޯ އަދި މެލްބަން އަށް ޝެޑިއުލް ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެ އުފެދިފައި އޮތް ގޮތުން، ރާއްޖެ އަށް ގިނަ އެޑްވާންޓޭޖް ތަކެއް އެބަހުރި ކަމަށާ، މީގެ ފައިދާ ނެގޭނެ ކަމަށެވެ. އަދި އެމްއޭސީއެލް އިން އެއާލައިން ތަކަށް މި އަހަރާއި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ދީފައިވާ ހާއްސަ ޑިސްކައުންޓްތަކުގެ ސަބަބުން ރާއްޖެ އަންނަ އެއާލައިންތައް އިތުރު ވެގެންދާނެ ކަމަށެވެ.

ސްރީލަންކަން އެއާލައިންސް އިން ކޮވިޑް-19 ގެ ކުރިން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓް ބޭއްވި އެވެ. ނަމަވެސް ކޮވިޑް-19 އަށްފަހު އަލުން ހުޅުވާއިރު ކޯޑް ޝެއާކޮށްގެން ނަމަވެސް ދަތުރު ފެށިދާނެތޯ، ވެބިނާގެ ހޮސްޓް މުހައްމަދު އަލީ ޖަނާހު ސުވާލު ކުރެއްވުމުން ފައުޒާން ވިދާޅުވީ މަޝްވަރާ ކުރަމުންދާ ކަމަށާ ގަމަށް ދަތުރު ނުފެށުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް ދަތުރު ފަށަން އޮތް ހުރަހަކީ އައްޑޫގައި ޓޫރިސްޓު އެނދުތައް މަދުވުމާއި ޓޫރިޒަމް ފެސިލިޓީތައް ގިނަ ރާއްޖޭގެ ހިސާބުތަކަށް ވައިގެ މަގުން ޓޫރިސްޓުން ގެންދެވޭނެ ކަނެކްޓިވިޓީ ނެތުން ކަމަށެވެ.

"ގއ އާއި ގދ. އަށް ކަނެކްޓިވިޓީ ބޭނުންވޭ، އެކަމަށް މޯލްޑިވިއަންއާ މިދަނީ މަޝްވަރާ ކުރަމުން،" ފައުޒާން ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުންކޮށްފައި އޮތް ނަމަވެސް ސްރީލަންކަން އިން ގެންދިޔައީ ޗާޓަރު ފްލައިޓްތައް އަޅަމުންނެވެ. އެގޮތުން ސްރީލަންކަން އިން މިހާތަނަށް ތިން މަސް ތެރޭ 68 ފްލައިޓެއް އަޅައި، 120 ޓަނުގެ ތަކެތި ރާއްޖޭން އެކްސްޕޯޓްކޮށްފައިވެ އެވެ. އަދި ރާއްޖެ އަށް 2،100 މީހުން ވަނީ ގެނެސްދީފައިވެ އެވެ.