ހަބަރު

ރަހީނުކޮށްފައިވާ ދިވެހިން ސަލާމަތްކޮށްފި

Jul 3, 2020
1

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި ރަހީނުކޮށްފައިވާ ދިވެހިންތައް ސަލާމަތް ކޮށްފި އެވެ. ސަލާމަތް ކޮށްފައިވަނީ 12 ދިވެހިންނެވެ.

މާލޭއިން ފުރިހަމަ ތައްޔާރީއާ އެކު ފުލުހުން ގޮސް ބޮޑުފިނޮޅަށް އަރާފައިވަނީ މިއަދު ހެނދުނެވެ. އޭރު ބިދޭސީން ވަނީ އަމާންދީފަ އެވެ.

މީގެކުރިން ރަށަށް އަރަން އުޅުނު ފުލުހުންނަށް ބިދޭސީން ދަގަނޑު ހޮޅި އާއި ގަލުން ހަމަލާދީފައިވެ އެވެ. މި ހަމަނުޖެހުން ފެށުނީ އިއްޔެ ހެނދުނުން ފެށިގެންނެވެ.

މިހާރު ފުލުހުން ދަނީ ބިދޭސީންނާ މަޝްވަރާ ކުރަމުންނެވެ. ބަންގްލަދޭޝް ތަރުޖަމަނެއް މެދުވެރިކޮށް މަޝްވަރާ ކުރަމުން ދަނީ ފަސް ވަރަކަށް ބިދޭސީންނާ އެވެ. އެހެން ބިދޭސީން ރަށު ތެރެއިން ފެންނާކަށް ނެތެވެ.

ހަމަނުޖެހުން ފެށިއިރު ރަށުގައި ތިބީ 15 ދިވެހިންނެވެ. އޭގެ ތެރެއިން ހަތަރު ދިވެއްސަކު ވަނީ މީގެކުރިން ސަލާމަތް ކޮށްފަ އެވެ. އެމީހުން މިވަގުތު ތިބީ ތުޅާދޫގަ އެވެ.

ބޮޑުފިނޮޅަކީ ސީލް މޯލްޑިވްސް ކުންފުނީގެ ފަރާތުން ތަރައްގީ ކުރަމުންދާ ރިސޯޓެކެވެ. އެ ރިސޯޓްގެ މަސައްކަތް ކުރަމުން ދަނީ ރިޒް ޕްރައިވެޓް ލިމިޑެޓުންނެވެ. ރިޒް ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސް ކުންފުނީގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކޮންމެ މަސައްކަތު މީހަކަށް 7،000 ރުފިޔާ އާއި ކެއުމުގެ ހަރަދު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެ މުސާރަތައް ދެމުން ނުދާ ކަމަށެވެ.

އެކަމާ ގުޅިގެން ހަމަނުޖެހުން ހިނގަދާނެތީ އެކަން ސީލް މޯލްޑިވްސް ކުންފުންޏާއި ފުލުހުންގެ ސަމާލު ކަމަށް މީގެކުރިން ގެނެސްފައިވާނެ ކަމަށް ވެސް ރިޒް ކުންފުނިން ބުންޏެވެ.

ރިޒް ކުންފުނިން ބުނި ގޮތުގައި އެ ބިދޭސީންގެ ވަރަށް އަސާސީ ހައްގުތަކުން މަހުރޫމްކޮށް މީހުން ޓްރެފިކް ކުރުން ކަމުގައި ބެލެވިދާނެ ފަދައިން އެމީހުން ލައްވާ މަޖުބޫރު ކުރުވައިގެން މަސައްކަތް ކުރުވާފައިވާ ކަމަށެވެ. އެ މުވައްޒަފުން މުސާރަ ދީފައިނުވާއިރު ސީލް މޯލްޑިވްސްގެ މުވައްޒަފުންނަށް މުސާރަ ދެމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. ރިސޯޓްގެ ބޮޑު ބައެއް މިހާރު ވަނީ ހަދާ ނިމިފަ އެވެ.