ބ. ބޮޑުފޮނިނޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓްގެ މަސައްކަތް ކުރަމުންދާ ރިޒް ކުންފުންޏަށް މުވައްޒަފުންގެ މުސާރައަށް ބޭނުންވާ ފައިސާ ދީފައިވާނެ ކަމަށް އެ ރިސޯޓްގެ ވެރި ފަރާތް ސީލް މޯލްޑިވްސް ކުންފުނިން ބުނެފި އެވެ.
ސީލް މޯލްޑިވްސްއިން މިހެން ބުނިއިރު، ރިޒް ކުންފުނީގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސް ކުންފުނީގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކޮންމެ މަސައްކަތު މީހަކަށް 7،000 ރުފިޔާ އާއި ކެއުމުގެ ހަރަދު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެ މުސާރަތައް ދެމުން ނުދާ ކަމަށެވެ.
އެކަމާ ގުޅިގެން ހަމަނުޖެހުން ހިނގަދާނެތީ އެކަން ސީލް މޯލްޑިވްސް ކުންފުންޏާއި ފުލުހުންގެ ސަމާލު ކަމަށް މީގެކުރިން ގެނެސްފައިވާނެ ކަމަށް ވެސް ރިޒް ކުންފުނިން ބުންޏެވެ.
ރިޒް ކުންފުނިން ބުނި ގޮތުގައި އެ ބިދޭސީންގެ ވަރަށް އަސާސީ ހައްގުތަކުން މަހުރޫމްކޮށް މީހުން ޓްރެފިކް ކުރުން ކަމުގައި ބެލެވިދާނެ ފަދައިން އެމީހުން ލައްވާ މަޖުބޫރު ކުރުވައިގެން މަސައްކަތް ކުރުވާފައިވާ ކަމަށެވެ. އެ މުވައްޒަފުން މުސާރަ ދީފައިނުވާއިރު ސީލް މޯލްޑިވްސްގެ މުވައްޒަފުންނަށް މުސާރަ ދެމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. ރިސޯޓްގެ ބޮޑު ބައެއް މިހާރު ވަނީ ހަދާ ނިމިފަ އެވެ.
އެކަމަށް ރައްދުދީ ސީލް މޯލްޑިވްސް ކުންފުނީގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނީ ރިޒް ކުންފުނިން ފައިސާ ނުދޭ ކަމަށް ބުނެފައިވީ ނަމަވެސް އެއްބަސްވުމުގައި ބުނާ އަދަދަށްވުރެ އިތުރަށް ވެސް އެ ކުންފުންޏަށް ސީލް މޯލްޑިވްސްގެ ފަރާތުން ފައިސާ ދީފައިވާނެ ކަމަށެވެ. އެފޮތުން ރިޒް ކުންފުނިން ހަވާލުވި މަސައްކަތަށް 12 މިލިއަން ރުފިޔާ އެއްބަސްވުމާ އެއްގޮތަށް ދޭން ޖެހޭއިރު މިހާތަނަށް 21 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައިވާނެ ކަމަށެވެ.
ރިޒް ކުންފުންޏަކީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުންޏެވެ. އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ރިސޯޓްގެ ވަރަށް ކުޑަ މިންވަރެއްގެ މަސައްކަތް ކަމަށް ވެސް ރިސޯޓް ޑިވެލޮފާ ކުންފުނި، ސީލް މޯލްޑިވްސްއިން ބުނެ އެވެ.
ސީލް މޯލްޑިވްސްއިން ބުނި ގޮތުގައި ރިޒް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެ މިންވަރަށް ފައިސާ ހަމަޖައިދިން ކަމަށެވެ. އެ ކުންފުނިން މަސައްކަތް ކުރުވާފައިވާ މީހުންގެ ތެރޭގައި ސައްހަ ލިޔެކިއުން ނެތް މީހުންނާއި އިންޝޫރެންސް ނެތް މީހުންނާއި ވިސާ ނެތް މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް ބުންޏެވެ.
ރިޒް ކުންފުނީގެ މުވައްޒަފުންނަށް މަހު މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސްގެ ޒިންމާއެއް ކަމަށް އެ ކުންފުނިން ބުނި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށް ސީލް މޯލްޑިވްސްއިން ބުންޏެވެ. ސީލް މޯލްޑިވްސްއިން ބުނީ އެއްބަސްވުމުގައިވާ ގޮތުން މަހު މުސާރައިގެ އިތުރުން މުވައްޒަފުން އިންޝުއަކޮށް މުވައްޒަފުންގެ ބޭސް ފަރުވާ އާއި ވިސާ ނެގުން ފަދަ އެންމެހާ ކަންކަމެއް ބަލަހައްޓައި އެކަމުގެ ހަރަދު ކުރާނީ ކޮންޓްރެކްޓަރު ކަމަށެވެ.
ސީލް މޯލްޑިވްސްއިން ބުނީ، ރިޒް ކުންފުންޏަށް އިތުރަށް ދޭން ޖެހޭ ފައިސާއެއް ނެތް ކަމަށާއި ނަމަވެސް މުވައްޒަފުން އެ ރަށުން ބާލާނީ އިތުރު އެއް މިލިއަން ރުފިޔާ ދިނުމުން ކަމަށް މީގެކުރިން ޑިމާންޑް ކޮށްފައިިވާ ކަމަށެވެ. ރިޒް ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ރިސޯޓްގެ އުޅަނދުތަކަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި އެ ވަޒަން ކުރުމަށްފަހު ފަހުން މީޑިއާއާ ހިއްސާ ކުރާނެ ކަމަށް ވެސް ބުންޏެވެ.
އިއްޔެއިން ފެށިގެން ބިދޭސީންތަކެއް ހިންގަމުން ދިޔަ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު ހެނދުނެވެ. ފުލުހުންގެ ޓީމްތައް މާލެއިން ބޮޑުފިނޮޅަށް ގޮސް އެތަނުގައި ރަހީނުކޮށްފައި ތިބި 12 ދިވެހިން ވަނީ ސަލާމަތް ކޮށްފަ އެވެ. އަދި 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.