ހަބަރު

މުސާރަ ދޭން ޖެހެނީ ސީލްއިން: ރިޒް

Jul 3, 2020
4

ބ. ބޮޑުފިނޮޅުގައި ތިބި ކޮންޓްރެކްޓް މުވައްޒަފުންނަށް މުސާރަ ދޭން ޖެހެނީ ރަށުގެ ޑިވެލޮޕާ، ސީލް މޯލްޑިވްސް ކުންފުނިން ކަމަށް ރިޒް ކުންފުނިން ބުނެފި އެވެ.

ބޮޑުފިނޮޅަކީ ސީލް މޯލްޑިވްސް ކުންފުނީގެ ފަރާތުން ތަރައްގީ ކުރަމުންދާ ރިސޯޓެކެވެ. އެ ރިސޯޓްގެ މަސައްކަތް ކުރަމުން ދަނީ ރިޒް ޕްރައިވެޓް ލިމިޑެޓުންނެވެ. ރިޒް ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސް ކުންފުނީގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކޮންމެ މަސައްކަތު މީހަކަށް 7،000 ރުފިޔާ އާއި ކެއުމުގެ ހަރަދު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެ މުސާރަތައް ދެމުން ނުދާ ކަމަށެވެ.

އެކަމާ ގުޅިގެން ހަމަނުޖެހުން ހިނގަދާނެތީ އެކަން ސީލް މޯލްޑިވްސް ކުންފުންޏާއި ފުލުހުންގެ ސަމާލު ކަމަށް މީގެކުރިން ގެނެސްފައިވާނެ ކަމަށް ވެސް ރިޒް ކުންފުނިން ބުންޏެވެ.

ރިޒް ކުންފުނިން ބުނި ގޮތުގައި އެ ބިދޭސީންގެ ވަރަށް އަސާސީ ހައްގުތަކުން މަހުރޫމްކޮށް މީހުން ޓްރެފިކް ކުރުން ކަމުގައި ބެލެވިދާނެ ފަދައިން އެމީހުން ލައްވާ މަޖުބޫރު ކުރުވައިގެން މަސައްކަތް ކުރުވާފައިވާ ކަމަށެވެ. އެ މުވައްޒަފުން މުސާރަ ދީފައިނުވާއިރު ސީލް މޯލްޑިވްސްގެ މުވައްޒަފުންނަށް މުސާރަ ދެމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. ރިސޯޓްގެ ބޮޑު ބައެއް މިހާރު ވަނީ ހަދާ ނިމިފަ އެވެ.

އިއްޔެއިން ފެށިގެން ބިދޭސީންތަކެއް ހިންގަމުން ދިޔަ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު ހެނދުނެވެ. ފުލުހުންގެ ޓީމްތައް މާލެއިން ބޮޑުފިނޮޅަށް ގޮސް އެތަނުގައި ރަހީނުކޮށްފައި ތިބި 12 ދިވެހިން ވަނީ ސަލާމަތް ކޮށްފަ އެވެ. އަދި 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.