އުމަރު ނަސީރު

މިސްރާބު ބަދަލުނުކޮށްފިނަމަ އެންމެން ރަހީނުވާނެ ދުވަސް އަންނާނެ

ގައުމު ދަތުރުކުރާ މިސްރާބު ބަދަލު ނުކޮށްފިނަމަ ހުރިހާ ދިވެހިން އެންމެން ރަހީނުވާ ދުވަސްވެސް އަދި އަންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ ބ. އަތޮޅުގައި ހަދަމުންދާ ބޮޑުފިނޮޅު ރިސޯޓެއްގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގާ ދިވެހިންތަކެއް ރަހީނުކުރި މައްސަލައާއި ގުޅިގެންނެވެ. ބިދޭސީން ވަނީ 12 ދިވެހިން ރަހީނުކޮށްފައެވެ.

އެ މީހުން ސަލާމަތް ކުރުމަށް ފުރަތަމަ ދިޔަ ފުލުހުންގެ ޓީމަށް ބިދޭސީން ހުރަސްއަޅާ ބިރުދައްކާފައިވެއެވެ. އެކަމުގެ ސަަބަބުން މާލެއިން ފުލުހުންގެ ބޮޑު ޓީމެއް ވަނީ އެ ރަށައްގޮސް ދިވެހިން ސަލާމަތްކޮށްފައެވެ. ނަމަވެސް ފަހުން އިތުރު ހަމަނުޖެހުމެއް ނުހިނގައެވެ.

ބޮޑުފިނޮޅުގައި ހިނގާދިޔަ ހާދިސާއާމެދު ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސިޔާސީ ޕާޓީތަކާއި ޕާޓީތަކުގެ ލީޑަރުން އަދި މަޖިލީސް މެންބަރުންވެސް ވަނީ އެ ހާދިސާއާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ގައުމު ދަތުރުކުރާ މިސްރާބު ބަދަލު ނުކޮށްފިނަމަ ހުރިހާ ދިވެހިން އެންމެން ރަހީނުވާ ދުވަސްވެސް އަދި އަންނާނެ ކަމަށެވެ. މިހާރުވެސް މި ގައުމުގައި 213،000 ވުރެ ގިނަ ބިދޭސީ މަސައްކަތް އެބައުޅޭ ކަމަށާ ބާރުގަދަ ހައުމެއްގެ 150 ސިފައިން އެމީހުން ގެންގުޅޭ ހެލްކޮޕްޓަރުތަކުގައި އުދުހެމުންދާ ކަމަށެވެ. އެހެން ކަމުން މިއީ މިސްރާބު ބަދަލުކޮށް އައު މަގަކުން ހިނގަންޖެހޭ ވަގުތު ކަމަށް އުމަރު ވިދާޅުވިއެވެ.

މި ގައުމު މި ދަތުރުކުރާ މިސްރާބު ބަދަލު ނުކޮށްފިނަމަ، އަޅުގަޑުމެން އެންމެން ރަހީނުވާ ދުވަސްވެސް އަދި އަންނާނެ. 213،000 ބިދޭސީ މަސައްކަތްތެރިންނާ، ބާރުގަދަ ގައުމެއްގެ 150 ސިފައިން އެމީހުންގެ އުދުހޭ އުޅަދު ތަކާއެކު، މިފަސްގަޑުގައި އެބަތިބި. އާމިސްރާބަކަށް ހިންގަވާ
އުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު

ބ. އަތޮޅުގައި ހަދަމުންދާ ބޮޑުފިނޮޅު ރިސޯޓެއްގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގި މައްސަލާގައި 19 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ ޕަބްލިކް އޯޑާ ރެސްޕޮންސް ޔުނިޓާއި ތަހުގީގީ ޓީމް އެ ރަށަށް ދިޔަ ފަހުން އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި ބަންގްލަދޭޝް ހައި ކޮމިޝަންގެ އެހީތެރިކަމާއެކުގައި އެ މީހުންނާ މުއާމަލާތް ކޮށްފައިވާ ކަމަށާއި އެ ރަށުގައި ހިނގައިދިޔަ ހަމަނުޖެހުމުގައި ބައިވެރިވިކަމަށް ބެލެވޭ 19 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.