ހަބަރު

ބޮޑު ދެ މައްސަލައިން ފުލުހުންގެ މިނިވަން ކަމާމެދު ސުވާލު

Jul 4, 2020
3

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކާ ގުޅުންހުރި ދެ މައްސަލައެއް ވަރަށް ބޮޑަށް ހޫނުވެފައި ވާއިރު، އެ ދެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ މިނިވަންކަމާމެދު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުވާލު އުފައްދަވައި، ވަރަށް ބޮޑަށް ފާޑު ވިދާޅު ވެއްޖެ އެވެ.

މިދިޔަ ހަފުތާގައި ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ފުލުހުންގެ އިހުމާލު ބޮޑު ކަމަށް ގިނަ ބައަކު ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތުކުރާއިރު، ބަނުގަރަލަށް ޓެސްޓު ނުކުރާ ކަމަށް ފުލުހުން ބުނުމުން ވަރަށް ބޮޑަށް ފާޑުކިއުންތައް ވަނީ އިތުރުވެފަ އެވެ.

ކުރިން ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި ޖަމީލް އެކަމާ ގުޅުވައި ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ ފުލުހުންގެ ލީޑަޝިޕަށް އިތުރުބާރު ކުރި މަދު ބައެއްގެ އިތުބާރު ވެސް މިހާރު ގެއްލިފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ފުލުހުން ނުފޫޒުގައި ޖެހި ވާޖިބުން އެއްކިބާވެފައިވާކަން ހާމަވެފައިވާ ކަމަށް ވެސް ޖަމީލް ތުހުމަތު ކުރެއްވި އެވެ.

"ތުހުމަތު ކުރެވުނު މީހުންގެ ޔޫރީން ވެސް ނުނަގާ މަސްތު، ނުވާ ކަމަށް ނިންމީ ގާނޫނީ ކޮން ހަމައަކުންތޯ؟" ޖަމީލް ސުވާލު އުފެއްދެވި އެވެ.

ޖަމީލް އިތުރަށް ވިދާޅުވީ ޣައިރު ގާނޫނީ އަމުރަށް ތާބާވާ ފުލުހުން ވެސް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރެވެންޖެހޭ ކަމަށާއި، މިހާރު ފުލުހުންގެ ލީޑަޝިޕް އެކްޓިވިސްޓުންގެ ދަރަޖައަށް ވެއްޓުނަ ދީގެން ނުވާނެ ކަމަށެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލަ ހިލިފައި އޮއްވާ ބ. އަތޮޅުގައި ހަދަމުންދާ ބޮޑުފިނޮޅު ރިސޯޓުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގާ ދިވެހިންތަކެއް ރަހީނުކުރި މައްސަލަ ވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ކުންފުނި، ރިޒް ޕްރައިވެޓް ލިމިޓެޑްގެ ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގަން ފެށީ، މައުލޫމާތު ލިބޭ ގޮތުގައި ހަ މަހުގެ މުސާރަ ނުލިބޭ ކަމުގެ ޝަކުވާއާ އެކުގަ އެވެ.

އެ ރަށުގައި ބިދޭސީން ވަނީ 12 ދިވެހިން ރަހީނު ކުރިއިރު އެ މީހުން ސަލާމަތް ކުރުމަށް ފުރަތަމަ ދިޔަ ފުލުހުންގެ ޓީމަށް ބިދޭސީން ހުރަސްއަޅާ ބިރުދައްކާފައި ވެއެވެ. އޭގެ ސަަބަބުން މާލެއިން ފުލުހުންގެ ޓީމެއް ވަނީ އެ ރަށަށް ގޮސް ދިވެހިން ސަލާމަތް ކޮށްފަ އެވެ. ނަމަވެސް ފަހުން އިތުރު ހަމަނުޖެހުމެއް ނުހިނގަ އެވެ.

ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ 19 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އެ މައްސަލާގައި ބިދޭސީން ހިންގި ހަމަނުޖެހުމުގެ އިތުރުން، ކުރި މަސައްކަތަށް އުޖޫރަ ނުދީ ގެންގުޅުނު މައްސަލަ ބަލަން ވެސް ގިނަ ބައަކު ގޮވާލަމުން ދާއިރު، އެމްޑީޕީގެ މެމްބަރަކަށް ނިސްބަތްވާ މައްސަލަ މިނިވަންކަމާއެކު ބެލޭނެކަމާމެދު ޖަމީލް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"ދިވެހިން ރަހީނުކޮށް ޖަރީމާ ހިންގަން މެދުވެރިވި ސަބަބު. ޒިންމާ އުފުލާނެ މީހަކު ހޯދޭނެކަމާމެދު ޝައްކު،" ޖަމީލް ވިދާޅުވި އެވެ.