ހަބަރު

ނުކުޅެދޭ ކުޑަކުއްޖާ ރޭޕްކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ރޭޕް ކުރުމުން އޭނާ ބަލިވެ އިން މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން ބުނީ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކޮށް، ބަލިވެއިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ ދެވަނަ ދުވަހު ހައްޔަރުކޮށްފައިވާ ފ. ފީއަލީ، ފީރޯޒްގޭ އިބްރާހިމް ޝާފިއު 37، އެ މައްސަލައިގެ ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބަހައްޓަން ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ. ޝާފިއު ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި ވަނީ އިއްުޔެ އެވެ.

އެ އަމުރުގައި ބުނެފައިވަނީ މި މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރި މައްސަލައަކަށްވާތީ، އޭނާ ދޫކޮށްލައިފިނަމަ މި މައްސަލާގައި ހިމެނޭ ފަރާތްތަކަށް ނުފޫޒުފޯރުވައި ހެކި ނައްތާލުމަށް މަސައްކަތްކޮށްފާނެތީ އާއި އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ފެންނާތީ ތަހުގީގު ނިމެންދެން ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށާއި ހުކުމެއް ނުވަތަ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރު ކުރާ ކަމަށެވެ/.

ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިން ވެސް ހިމެނޭގޮތަށް ޗައިލްޑް އެބިއުސް އަދި އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރަމުންދާ މައްސަލައާއި އަންހެނުން ރޭޕް ކުރަމުންދާ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މިފަދަ މައްސަލަތަކާއި ދެކޮޅަށް އެތަށް ބަޔަކު ގެންދަނީ އަޑު އުފުލަމުންނެވެ.