ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަައިސީޔޫގެ ޕޮޒިޓިވް ކޭސްތަކާއެކު އުސޫލަށް ބަދަލުގެނެސްފި

ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އައިސީޔޫ ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ނަރުހުންތަކަކާއިި އަދި އެ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދިޔަ ބަލި ދެ މީހަކަށް ކޮވިޑް ޖެހި، މިހާރު އަމަލު ކުރަަމުން އަަންނަ އުސޫލު ބަދަލުކޮށް އިތުރު ފިޔަވަޅުތަކެއް އަޅައިފި އެވެ.

އައިޖީއެމްއެޗް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާ ދެނިކޮށް މަރުވި އިންޑޮނޭޝިއާގެ 39 އަހަރުގެ މީހާ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އައިސީޔޫގައި އޭރު ތިބި ހުރިހާ ބަލި މީހުންނާއި އައިސީޔޫ އިން އެހެން ވޯޑަކަށް ބަދަލުކުރި މީހަކު ކޮވިޑް-19 އަށް ޓެސްޓު ކޮށްފައިވާ ކަމަށެވެ. އަދި އެ ހުރިހާ ޕޭޝަންޓުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ދެ މީހެއް ކަމަށެވެ.

މީގެ އިތުރުން، ކޮންޓެކްޓް ޓްރޭސްކޮށް، ޑޮކްޓަރުންނާއި ނަރުހުންގެ ގިނަ ބަޔަކު ޓެސްޓުކޮށް ނިމިފައިވާއިރު މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ ހަތަރު މުވައްޒަފުން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

"މި ބައްޔަށް ޕޮސިޓިވްވި ޕޭޝަންޓުން މިހާރު ޑީއެޗްް11 އަށް ބަދަލު ކުރެވިފަައިވާއިރު މި ފަރާތްތަކުގެ ހާލު ރަނގަޅު. އަދި މުވައްޒަފުންގެ ހާލުވެސް ރަނގަޅު.."

އެ ހޮސްޕިޓަލުން އިތުރަށް ބުނީ، އައިސީޔޫގައި މި ވަގުތު ކޮވިޑްގެ ޕޮޒިޓިވް ޕޭޝަންޓެއް އަދި މުވައްޒަފެއް ވެސް ނެތް ނަމަވެސް ރައްކާތެރިވުމަށް އިތުރަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިވަގުތަށް އިތުރު ޕޭޝަންޓުން އައިސީޔޫ އަށް ވެއްދުން މަޑުޖައްސާލައިފައިވާ ކަމަށާއި އައިސީޔޫ އިން ދޭންޖެހޭ ފަރުވާ ދެވޭނެ ގޮތް ހޮސްޕިޓަލުގެ އެހެން ތަނެއްގައި ވަނީ ހަމަޖައްސާފައި ކަމަށެވެ.

އަދި ބުނީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ޕޭޝަންޓުން ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް، ހުރިހާ ޕޭޝަންޓުން ވެސް ކޮވިޑް-19 އަށް ޓެސްޓު ކުރާގޮތަށް މިހާރު ވަނީ ހަމަޖެހިފައި ކަމަށެވެ.

"ޕޭޝަންޓެއްގެ ފުރާނަ ސަލާމަތް ކުރަންޖެހޭ ފަދަ ނުވަތަ އެނޫން ވެސް ބޮޑު އެމާޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކޮވިޑް-19 ގެ ނަތީޖާ ލިބެންދެން މަޑުނުކޮށް، ދޭންޖެހޭ ފަރުވާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ދޭނެކަމުގެ ޔަގީންކަން އަރުވަން.." ހޮސްޕިޓަލުން ބުންޏެވެ.

ފުރަބަންދަށް ލުއި ދިން ނަމަވެސް، ވިޒިޓިން އަވާސް އަދިވެސް މަނާ ވާނެ ކަމަށާއި ބަލިމީހާ ކައިރީ ވޯޑުގައި މަޑުކުރެވޭނީ އެކަކަށް ކަމަށް ހޮސްޕިޓަލުން ބުންޏެވެ. މީގެ އިތުރުން، ރޯގާ އަށް ސްކްރީން ކުރުން ފަދަ ސަލާމަތީ ފިޔަވަޅުތައް އަަދިވެސް އަަޅާނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.