ހަބަރު

މުސާރަ ދޭން އާދޭސް ކުރުމުން މަރާލާނެ ކަމަށް ބުނި: ހައްޔަރުކުރި ބިދޭސީން

ބ. އަތޮޅުގައި ރިސޯޓު ހަދަމުންދާ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންނަށް މުސާރަ ނުދޭތާ އެތައް މަހެއްވެފައިވާއިރު އެ މީހުން މުސާރަ ދޭން ބުނުމުން މަރުގެ އިންޒާރު ދިން ކަމަށް އެ މީހުން ބުނެފި އެވެ.

ބުރާސްފަތި ދުވަހު ހެނދުން ފެށިގެން ހިންގަން ފެށި ހަމަނުޖެހުމުގައި ބިދޭސީން ވަނީ ފުރަތަމަ އެ ރަށަށް ދިޔަ ފުލުހުންނަށް ހަމަލާދީފަ އެވެ. ގަލާއި ދަގަނޑު އުކުމުގެ ސަބަބުން ފުލުހެއްގެ ބޯފަޅައިގެން ގޮސްފައިވެ އެވެ. ރަށުގައި 12 ދިވެއްސަކު ރަހީނު ވެސް ކުރި އެވެ.

އެ މައްސަލާގައި ހައްޔަރު ކުރި 19 މީހަކު އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެ މީހުން ވަނީ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. ރޮއެ ގިސްލަމުން ވާހަކަ ދެއްކި އެކަކު ބުނި ގޮތުގައި އޭނާއަށް މުސާރަ ނުދޭތާ ހަތް މަސް ވެފައިވާއިރު އާއިލާއާއި ދަރިންނަށް ކާންދޭނެ އެއްވެސް ލާރިއެއް ނެތެވެ. އެ މައްސަލާގައި ގިނަ އުނދަގޫތަކެއްވެ، "ބޯ ހަލާކުވެފައިވާ" ކަމަށް އޭނާ ބުންޏެވެ.

އެ ޝަަކުވާތައް ރިޒް ކުންފުންޏާ ހިއްސާ ކުރުމުން އެ މީހުން މާލެ ފޮނުވާލާނެ ކަމުގެ އިންޒާރު ދިން ކަމަށް އޭނާ ބުންޏެވެ. ދެން ވެސް ގިނަ ދުވަހު މަޑު ކުރުމަށް ފަހު އަނެއްކާ ވެސް އެ ޝަކުވާތައް ކުރުމުން އެ މީހުން ތުޅާދޫ އިން ބަޔަކު ގެނެސް މަރާލާނެ ކަމަށް ބުނި ކަމަށް އެ ބިދޭސީ މީހާ ބުންޏެވެ.

"މުސާރަ ދޭން ބުނީމަ ތުޅާދޫ އިން ޕާޓޭއިން ގެނެސް ވަޅި ހަރާ މަރާލާނެއޭ ބުނީ،" އޭނާ ބުންޏެވެ.

ފުލުހުން ވަނީ އެ މީހުންނަށް މާރަމާރީ ހިންގުމާއި މުދަލަށް ގެއްލުން ދިނުމާއި ޓެރަރިޒަމް އަދި ވައްކަމުގެ ދައުވާ ވެސްކޮށްފަ އެވެ. އެހެން ނަމަވެސް ހައްޔަރުކޮށްގެން ކޯޓަށް ގެނައި އެންމެން ވެސް ވަނީ މާރަމާރީ ހިންގި ކަމަށް އިންކާރުކޮށްފަ އެވެ. އެ މީހުން ބުނި ގޮތުގައި ފުލުހުންނާ ކުރިމަތިލާ މާރަމާރި ހިންގި އިރު އެ މީހުން ތިބީ ބަދިގޭގަ އެވެ. އަދި އަނެއްބައި މީހުން ތިބީ ކޮޓަރީގަ އެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބައެއް ބިދޭސީން ވަނީ މުދަަލަށް ގެއްލުން ދިން ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެއްވެސް މާރަމާރީއެއް ހިނގި ކަމަށް އެ މީހުން އެއްބަހެއް ނުވެ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ ރަހީނު ކުރި ދިވެހިންނާއި ބައެއް ބިދޭސީންގެ ވެސް ހެކި ބަސް ނެގުމަށް ފަހުގައި ކަމަށެވެ. އަދި އެކަމާ ގުޅޭ ވީޑިއޯ އަދި އޯޑިއޯތަކެއް ވެސް ހުރި ކަމަށާއި ތަހުގީގު ތެރޭ އެތަކެތި އެނަލައިޒް ކުރުމަށް ފަހު އިތުރު މައުލޫމަތު ލިބޭނެ ކަމަށް ފުލުހުން ބުންޏެވެ.

ބޮޑުފިނޮޅަކީ ސީލް މޯލްޑިވްސް ކުންފުނީގެ ފަރާތުން ތަރައްގީ ކުރަމުންދާ ރިސޯޓެކެވެ. އެ ރިސޯޓްގެ މަސައްކަތް ކުރަމުން ދަނީ ރިޒް ޕްރައިވެޓް ލިމިޑެޓުންނެވެ. ރިޒް ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސް ކުންފުނީގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކޮންމެ މަސައްކަތު މީހަކަށް 7،000 ރުފިޔާ އާއި ކެއުމުގެ ހަރަދު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެ މުސާރަތައް ދެމުން ނުދާ ކަމަށެވެ.

އެކަމަށް ރައްދުދީ ސީލް މޯލްޑިވްސް ކުންފުނީގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނީ ރިޒް ކުންފުނިން ފައިސާ ނުދޭ ކަމަށް ބުނެފައިވީ ނަމަވެސް އެއްބަސްވުމުގައި ބުނާ އަދަދަށްވުރެ އިތުރަށް ވެސް އެ ކުންފުންޏަށް ސީލް މޯލްޑިވްސްގެ ފަރާތުން ފައިސާ ދީފައިވާނެ ކަމަށެވެ. އެފޮތުން ރިޒް ކުންފުނިން ހަވާލުވި މަސައްކަތަށް 12 މިލިއަން ރުފިޔާ އެއްބަސްވުމާ އެއްގޮތަށް ދޭން ޖެހޭއިރު މިހާތަނަށް 21 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައިވާނެ ކަމަށެވެ.

ރިޒް ކުންފުންޏަކީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުންޏެވެ. އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ރިސޯޓްގެ ވަރަށް ކުޑަ މިންވަރެއްގެ މަސައްކަތް ކަމަށް ވެސް ރިސޯޓް ޑިވެލޮފާ ކުންފުނި، ސީލް މޯލްޑިވްސްއިން ބުނެ އެވެ.

ރިޒް ކުންފުނީގެ މުވައްޒަފުންނަށް މަހު މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސްގެ ޒިންމާއެއް ކަމަށް އެ ކުންފުނިން ބުނި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށް ސީލް މޯލްޑިވްސްއިން ބުންޏެވެ. ސީލް މޯލްޑިވްސްއިން ބުނީ އެއްބަސްވުމުގައިވާ ގޮތުން މަހު މުސާރައިގެ އިތުރުން މުވައްޒަފުން އިންޝުއަކޮށް މުވައްޒަފުންގެ ބޭސް ފަރުވާ އާއި ވިސާ ނެގުން ފަދަ އެންމެހާ ކަންކަމެއް ބަލަހައްޓައި އެކަމުގެ ހަރަދު ކުރާނީ ކޮންޓްރެކްޓަރު ކަމަށެވެ.