ވިޔަފާރި

އަދަދު ބޮޑުކޮށް ދައުލަތަށް ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލަނީ

ދައުލަތަށް ބޮޑެތި އަދަދު ތަކުން ދައްކާ ނަގުދު ފައިސާ ބަލައި ގަތުން އޮކްޓޫބަރު މަހުން ފެށިގެން ހުއްޓާލައި، އެ ފައިސާ ހަމައެކަނި އޮންލައިންކޮށް ބަލައިގަންނަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައިވާ ގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ހިދުމަތްތައް ކުރިއަރުވައި، ރާއްޖޭގެ އިގްތިސޯދުގައި ޗެކާއި ނަގުދު ފައިސާ އަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން އެމްއެމްއޭގެ ފަސް އަހަރުގެ ސްޓްރެޓަޖިކް ޕްލޭން ގައިވާ ކަންކަން ފިޔަވަހި ތަކަކަށް ބަހާލައިގެން ތަންފީޒު ކުރަން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގައި ނަގުދު ފައިސާ ބޭނުން ކުރުން މަދު ކުރުމުގެ ގޮތުން ފުރަތަމަ ފިޔަވަހީގައި ދައުލަތުގެ އޮފީސް ތަކުން ފައިސާ ބަލައިގަތުމުގައި ބޮޑެތި އަދަދު ތަކުން ދައްކާ ފައިސާ ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ބަލައިގަތުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ފިނޭންސުން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 100،000ރ. އާއި 5،000 ޑޮލަރުން މަތީގެ އަދަދުގެ ފައިސާ ބަލައިގަންނާނީ ހަމައެކަނި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށެވެ. މީގެ ތެރޭގައި އާއްމުންނާއި ވިޔަފާރި ތަކުން ޓެކްސް އަދި ޑިއުޓީ އާއި އެކިއެކި ފީގެ ގޮތުގައި ދައްކާ ފައިސާ ވެސް ހިމެނޭ ކަމަށެވެ.

ރާއްޖޭގައި ނަގުދު ފައިސާ ގެންގުޅުން މަދު ކުރުމުގެ ގޮތުން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދަނީ ރާއްޖޭގެ ގައުމީ ޕޭމަންޓްސް ނިޒާމެއް ގާއިމް ކުރަން މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ބޭންކްތަކާއި ވޯލްޑް ބޭންކް އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ފަދަ ބޭރުގެ ޖަމިއްޔާތަކާ ގުޅިގެން ހަދާ މި ސިސްޓަމް ނިމުނުން ފަސޭހަ ކަމާއެކު ފޯނުން ފައިސާ ދައްކައި ބަލައިގަތުން ފެށިގެންދާނެ އެވެ.