ބޯޑަރު ހުޅުވުމަށްފަހު މިމަހު ރާއްޖެއަށް 10،595 ޓޫރިސްޓުން އަންނާނެ ކަމަށް ގައުމީ ޔުނިވާސިޓީގެ ދިރާސާ އިން ދައްކައިފި އެވެ.
ގައުމީ ޔުނިވާސިޓީ ކޮވިޑުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ކޮށްފައިވާ އަސަރުގެ މައްޗަށް ބަލައި ހެދި ދިރާސާ އިން ދެއްކި ގޮތުގައި ވޯސް ކޭސް ސިނާރިއޯގައި ކޮންބައިކޮށް ބަލާނަމަ މިމަހު ރާއްޖެއަށް 10،595 ޓޫރިސްޓުން އަންނާނެ އެވެ. އަދި އަންނަ މަހު 11،172 މީހުން އަންނައިރު، ސެޕްޓެމްބަރު މަހު އަންނާނީ 9،430 މީހުންނެވެ. މީގެ އިތުރުން އޮކްޓޫބަރު މަހު 11،373 މީހުން އަންނައިރު، ނޮވެމްބަރު މަހު 11،058 މީހުން އަންނާނެ އެވެ. އަދި ޑިސެމްބަރު 13،738 އަށް އިތުރުވާނެ އެވެ.
އެމްއެންޔޫ ދިރާސާގެ ކޮންބައިން މޮޑެލް ނަތީޖާ ދައްކާ ގޮތުގައި މި އަހަރުގެ ބާކީ އޮތް ބައިގައި ރާއްޖެ އަށް ޖުމްލަ އަންނާނެ ކަމަށް ލަފާ ކުރެވެނީ 450،134 މީހުންނެވެ. އަދި ބޭސިކް މޮޑެލް އިން ބަލާނަމަ އަންނާނީ އެއް މިލިއަން މީހުންނެވެ.
ސާވޭގައި ބައިވެރިވި ޓޫރިޒަމް ސިނާއަތުގެ ވިޔަފާރި ތަކުން ބުނެފައިވާ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް ލަފާކުރެވޭ އެވްރެޖު އާމްދަނީއަކީ 4.1 މިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް މިއީ އެ ފަރާތްތަކަށް މިދިޔަ އަހަރު ލިބުނު ލިބުނު އާމްދަނީއަށްވުރެ 25 ޕަސެންޓް ދަށްވުމެކެވެ.
ޖަވާބު ދިން ފަރާތްތަކުގެ 42 ޕަސެންޓް މީހުން ބުނެފައި ވަނީ މި އަހަރު ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީ 100 ހާސް ޑޮލަރަށް ވުރެ މަދުން އެވެ. އަދި 15 މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރާ ދެމެދު ލިބޭނެ ކަމަށް ތިން ޕަސެންޓް ވިޔަފާރިން ބުނެފައިވެ އެވެ. 40 މިލިއަނާއި 50 މިލިއަނާ ދެމެދު ލިބޭނެކަމަށް ބުނެފައިވަނީ އެންމެ ދެ ޕަސެންޓް ވިޔަފާރި އެވެ.
ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ 27 މާޗު ގަ އެވެ. މި އަހަރު ޖެނުއަރީން އެޕްރީލް މަހުގެ ނިޔަލަށް ރާއްޖެ އެތެރެވެފައިވާ ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 382،760 އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 646،092 މީހުންނާ އަޅާ ބަލާއިރު 40.8 ޕަސެންޓް ދަށްވުމެކެވެ.
ގައުމީ ޔުނިވާސިޓީގެ ދިރާސާ ދައްކާ ގޮތުގައި އެންމެ ރަނގަޅު ސިނާރިއޯގައި މި އަހަރު ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު ހުންނާނީ 9.6 މިލިއަނުގަ އެވެ. އެންމެ ގޯސް ސިނާރިއޯގައި ހުންނާނީ 2.3 މިލިއަނުގަ އެވެ.
ގައުމީ ޔުނިވާސިޓީގެ ދިރާސާ ހަދާފައިވަނީ އެ ޔުނިވާސިޓީގެ ރިސާޗް ޓީމުންނެވެ. މީގެ އިތުރުން އެމްއެމްއޭގެ ފަރާތުން އެ މުއައްސަސާގެ ފަންނީ ޓީމަކުން ވެސް ދިރާސާގެ ބައެއްގައިވެފައިވެ އެވެ. މި ދިރާސާގައި ހެދުމުގައި އިންޑަސްޓްރީގެ 14 ބޭފުޅަކު ބައިވެރިވެފައިވެ އެވެ. މީގެތެރޭގައި އޭގެތޭގައި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރުގެ އިތުރުން ކުރީގެ ގަވަރުނަރު، ފަޒީލް ނަޖީބު ވެސް ހިމެނެ އެވެ. މި ދިރާސާ ހެދިއިރު ބަލާފައިވަނީ މައި ހަތަރު ކަމެއްގެ މައްޗަށެވެ. އެއީ ކިތާބީ މުރާޖިއާކުރުމާއި ސަވޭކުރުމާއި އިންޓަވިއު ކުރުމާއި، ތަހުލީލީ ދިރާސާކުރުމެވެ. ސާ ވޭކުރުމަށް އަމާޒުކުރީ ޓޫރިޒަމް ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ޓޫރިޒަމް ވިޔަފާރީގެ ބައިތަކުގެ ތެރެއިން ރިސޯޓާއި ގެސްޓް ހައުސްއާއި، އުޅަނދުފަހަރާއި ހޮޓާތަކަށެވެ. އިންޓަވިއުކުރުމަށް އަމާޒުކުރީ ފަތުރުވެރިކަމުގެ ވިޔަފާރީގެ ހިންގުމުގެ ފަންތީގެ މީހުންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ޖަމްއިއްޔާތަކަށެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ޓޫރިޒަމް ސިނާއަތުން މިދިޔަ އަހަރު ރާއްޖެ އަށް 2.3 ބިލިއަން ޑޮލަރު ލިބިފައި ވެއެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 65 ޕަސެންޓެވެ. ރާއްޖޭގެ އެކުސްޕޯޓު އާމްދަނީގެ ނިސްބަތުން 84 ޕަސެންޓް އެވެ. ޓޫރިޒަމް ދާއިރާ އިން ސީދާ ގޮތުން ސަރުކާރުގެ ބަޖެޓަށް އާމްދަނީގެ ގޮތުގައި 2019 ގައި ލިބިފައިވާ ޖުމުލަ 8.7 ބިލިއަން ރުފިޔާ އަކީ ސަރުކާރުގެ އާމްދަނީގެ 35 ޕަސެންޓް އެވެ.
އެމްއެންޔޫގެ ސާވޭގައި ރާއްޖޭގައި ރާއްޖޭގެ ޓޫރިޒަމްގައި ރަޖިސްޓްރީކޮށްފައިވާ 736 ތަނުގެ ތެރެއިން 246 ތަނުން ބައިވެރިވެފައިވެ އެވެ. ރާއްޖޭގެ 146 ރިސޯޓުގެ ތެރެއިން 46 ތަނަކުން ބައިވެރިވެފައިވެ އެވެ. އަދި 11 ހޮޓަލުން ބައިވެރިވެފައިވަނީ ތިން ތަނަކުންނެވެ. އަދި 562 ގެސްޓްހައުސްގެ ތެރެއިން ބައިވެރިވީ 153 ތަނުންނެވެ. އަދި 154 އުޅަނދުގެ ތެރެއިން 45 އުޅަނދެވެ.