ރިޕޯޓް

ޑޮލަރުގެ އަގު މައްޗަށް، ސަރުކާރު ހިމޭނުން!

ބޯޑަރުގައި އެޅުވި ބޮޑު ތަޅާއެކު ރާއްޖޭގެ އިމްޕޯޓް ވެއްޓިއްޖެ އެވެ. އިގްތިސޯދު ހުއްޓުމާއެކު އިމްޕޯޓަށް ޑޮލަރު ބޭނުންވާ އަދަދު ދަށްވެއްޖެ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުންނަމަ މާޗް މަހާއި މެއި މަހުގެ ނިޔަލަށް ރާއްޖޭގެ އިމްޕޯޓް ވަނީ 311.3 މިލިއަން ޑޮލަރަަށް ދަށްވެފަ އެވެ. އެންމެ ގިނައިން ޑޮލަރު ބޭނުންވާ، ހައްޖު މޫސުން މި އަހަރަކު ނެތެވެ. ބޯޑަރު ބަންދު ކޮށްފައި އޮތުމުން ދިވެހިން ބޭރަށް ދާން ޑޮލަރު ހޯދާކަން ނުޖެހެ އެވެ. ބޭސް ފަރުވާއަށް ބޭރުގައި ކުރަން ޖެހޭ ހޭދައެއް މި ވަގުތަކު ނެތެވެ. ބިދޭސީން ވެސް ޑޮލަރު ބޭރު ކުރުން އޮތީ މިދިޔަ ދެ މަހަކު ހުއްޓިފަ އެވެ.

އެކަމަކު މިހާރުގެ ހަގީގަތަކީ ޑޮލަރުގެ އަގު ވަރަށް ބޮޑަށް މަތިވެއްޖެ ކަމެވެ. ރާއްޖޭގައި އޮންނަ އެންމެން ދަންނަ ޑޮލަރުގެ "ސިއްރު ރޭޓް" ދަނީ މަތި ވަމުންނެވެ. އާއްމު އެކްސްޗޭޖް ރޭޓަކީ 15.42ރ. އެވެ. އެކަމަކު މިހާރު ޑޮލަރެއްގެ އަގު 17.75ރ. އާއި 18ރ. އަށް އުފުލިއްޖެ އެވެ. ޑޮލަރުގެ ރޭޓް މަތިވަމުން ދަނީ ކީއްވެގެން ހެއްޔެވެ؟ ޑޮލަރު މަތި ވާން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑޮލަރުގެ ރޭޓް މަތިވާ އެއް ސަބަބެއް ދެކެވޭ ބޭކާރު ވާހަކަތައް. އެކި ދިމަދިމާލުގައި ތަފާތު ވާހަކަ ފަތުރައިގެން ސްޕެކިއުލޭޓް ކުރޭ. މިކަން ކުރަނީ ޑޮލަރު މަތި ކުރަން. އަނެއް ސަބަބަކީ މި ވަގުތުގެ އިގްތިސޯދީ ހާލަތު. އިގްތިސޯދު އޮތް ހާލަތުގެ ސަބަބުން ކުރި އަށް ވާނެ ގޮތެއް ނޭނގުން. އެހެންވެ، ޑޮލަރު ހުރި މީހުން ވެސް ހިފަހައްޓާލައިގެން ތިބީ،" އިގްތިސޯދީ މާހިރަކު ވިދާޅުވި އެވެ.

ޑޮލަރުގެ އެކްސްޗޭންޖް ރޭޓް މަތި ކުރުމަކީ ގާނޫނީ ކުށެވެ. ރާއްޖޭގައި ވިއްކާ އާއްމު ރޭޓަށްވުރެ މަތިން ވިއްކައި އަނދިރި ބާޒާރެއްގައި މާރު ކުރުމަކީ އަބަދު ލިބޭނެ ކަމެކެވެ. އެމްއެމްއޭ އިން މިހާތަނަށް ހުއްދަ ދީފައިވާ ބައެއް "މަނީ އެކްސްޗޭންޖް" ކުރާ ތަންތަނުގެ ހުއްދަ ވެސް މިފަދަ ކަންކަމާ ހެދި ބާތިލު ކޮށްފަ އެބަހުއްޓެވެ. އެހެން ނަމަވެސް ހަގީގަތަކީ އެކަށީގެންވާ ވަރަށް ފިޔަވަޅު ނާޅާތީ ޑޮލަރުގެ އަނދިރި ބާޒާރެއް އޮންނަ ކަމެވެ. މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި އޮންނަ ބާޒާރެކެވެ. އެކަމަކު ރާއްޖޭގެ ތަފާތަކީ ޑޮލަރަށް އިގްތިސޯދު ބޭނުންވެފައިވާ މިންވަރެވެ. ބަރޯސާވުން ބޮޑު ކަމެވެ.

މިހާރު ޑޮލަރު މަތިވެފައިވީ ނަމަވެސް، ބޭންކް ތަކަށް ވިއްކާ ޑޮލަރުގެ އަދަދު މަދުކޮށްފައި ނުވާނެ ކަމަށް މަރުކަޒީ ބޭންކް އިން ވަނީ ބުނެފަ އެވެ. އެގޮތުން ޑޮލަރުގެ މާކެޓް ހަމައަކަށް އެޅުވޭތޯ ގިނަ ފިޔަވަޅު ތަކެއް ވެސް އެމްއެމްއޭއިން ވަނީ އަޅާފަ އެވެ.

އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޔޫއެސް ޑޮލަރު އެމްއެމްއޭ އިން ވަނީ ހޯދާފަ އެވެ. ބީއެމްއެލް އަށް ލިބޭ ޑޮލަރު އިތުރުވުން އިންޓަނޭޝަނަލް ފިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ބީއެމްއެލަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ވަނީ ނިންމާފަ އެވެ. މީގެ ތެރެއިން 20 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. މީގެ އިތުރުން ދުނިޔޭގެ ގިނަ މާލީ އިދާރާތަކުން ޑޮލަރުން ދޭ ލޯނު ތަކަކީ ވެސް ޑޮލަރުގެ މާރުކޭޓް ހަމައަކަށް އަޅުވަން ލިބިގެންދާނެ "ކޮންމެ ވެސް ވަރެއް" ގެ އެހީ އަކަށް ވާނެ އެވެ.

މުދަލުގެ އަގު ބޮޑު ވެދާނެ ސަބަބެއް

އިގްތިސޯދުގައި މި ހުރިހާ ކަމެއް މިގޮތުގައި ހުރި ނަމަވެސް ޑޮލަރުގެ އަގު ދަނީ އުފުލެމުންނެވެ. މީގެ ސަބަބުން މުދާ އެތެރެ ކުރާ ވިޔަފާރި ތަކަށް އިތުރު މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. ވިސްނަން ޖެހޭ ކަމަކީމި އެވެ.

ރާއްޖެއަށް ގިނަ އަދަދަށް މުދާ އެތެރެ ކުރާ އެއް ކުންފުނީގެ އިސްވެރިއަކު ނަން ނުޖެހުމަށް އެދި ވަޑައިގެން ވިދާޅުވި ގޮތުގައި އޭނާ ގަބޫލު ކުރައްވާ ގޮތުގައި މިހާރު ކުރިމަތިވެފައިވާ މައްސަލައަކީ ޑޮލަރު ނުލިބުމުގެ މައްސަލަ އެވެ.

"އަޅުގަނޑުމެން އިމްޕޯޓް ކުރަން މަހަކު އެންމެ މަދުވެގެން ބޭނުންވޭ ދޭއް ނޫނީ ތިން މިލިއަން ޑޮލަރު. އެއްވެސް ޒަމާނެއްގައި ބޭންކުން ބޭނުންވާ ހުރިހާ ޑޮލަރެއް ނުދޭ. އާއްމުކޮށް ހަދާ ޓީޓީގެ 80 ނޫނީ 70 ޕަސެންޓް ދީފައި ބާކީ އޮތް 30 ޕަސެންޓް ހޯދަން މި ޖެހެނީ ވިޔަފާރިވެރިން. މިހާރުގެ މައްސަލައަކީ މި 30 ޕަސެންޓް ހޯދާއިރު އަގު މަތިވެފައި ހުރުން. ޑޮލަރެއް 18ރ. އަށް ލިބޭނަމަ މީގެ އިމްޕެކްޓް މުދަލުގެ އަގަށް އަންނާނެކަން ޔަގީން،" އޭނާ ވިދާޅުވި އެވެ.

އިގްތިސޯދީ މާހިރުން ގަބޫލު ކުރައްވާ ގޮތުގައި އިގްތިސޯދުގެ ތެރޭގައި ދިވެހި ރުފިޔާ އިތުރުވުމަކީ ވެސް ޑޮލަރުގެ އަގު މަތިވުމުގެ ސަބަބެއް ކަމަށްވުން އެކަށީގެންވެ އެވެ. އެކަމަކު މިވަގުތު އެފަދަ ހާލަތެއް ނެތް ކަމަށް ބައެއް މާހިރުން ގަބޫލު ކުރައްވަ އެވެ.

"ސަރުކާރުން އެމްއެމްއޭއިން ކުރި އޯވަޑްރޯގެ ސަބަބުން ކުރިމަތިވާ އިމްޕެކްޓް ފެންނަ އަދި ދުވަސް ނަގާނެ. މިއީ ވެސް ސަބަބަކަށް ވުން ގާތް،" ބޭފުޅަކު ވިދާޅުވި އެވެ.

މިހާރުގެ ހާލަތަށް ބަލާއިރު ހަގީގީ ބޮޑު މަންޒަރުން ފެންނާނީ ރާއްޖެއަށް ލިބޭ ބޭރު ފައިސާ މަދުވުމުން ކަމަށް ބުނެވިދާނެ އެވެ. ސަބަބަކީ ޓޫރިޒަމް ނެތި ހަތަރު މަސް ރާއްޖޭން ހޭދަ ކުރަން ޖެހުމެވެ.

އެމްއެމްއޭގެ ސީނިޔަ މަގާމުތަކެއް ފުރުއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި މިހާރު އިގްތިސޯދުން ފެންނަ އަލާމަތް ތަކަކީ ބޭރު ފައިސާ މަދުވެފައިވުމުގެ އަލާމާތްތަކެވެ.

"ޓުއާ އޮޕަރޭޓަރުންގެ އަތުން ޕޭމަންޓްތައް އަންނަން ވެސް ވަގުތު ނަގާ. އެހެންވެ ކުރިން ވިއްކި ތަންތަނުގެ ޕޭމަންޓްތައް މިހާރު ލިބި އެވާނީ މާރުކޮށްފައި. އެހެންވެ، މާކެޓް ޑްރައިވަމުން ދާ ކަމަށް ގަބޫލު ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ހިމޭންކަން

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވުމުން ޑޮލަރު ބޭނުންވާ އަދަދު ގިނަވެ އެވެ. މި ހާލަތުގައި ޑޮލަރު މަތި ކުރުމުގައި ބައެއް ސިޔާސީ ފަރާތް ތަކުން އިސް ދައުރެއް އަދާ ކުރެ އެވެ. ހާއްސަކޮށް މަޖިލީހާއި އެހެން ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ ތަކަކީ ވެސް ޑޮލަރު މަތިވުމުގެ ސަބަބަކަށް ވެއެވެ.

"ސިޔާސީ މީހުން އެއް ދުވަހަކު މި ބުނަނީ ޑޮލަރު ރޭޓް މަތިވެއްޖެއޭ. އެހެން ބުނާ ދުވަހު އަޅުގަނޑުމެން ޑޮލަރު ހޯދަން މަސައްކަތް ކުރާއިރު، އެނގޭ އިމްޕެކްޓް ކުރާކަން. މިއީ ވެސް ސަބަބަކަށް ވެދާނެ،" ރިސޯޓު ވެސް ހިންގާ، ރާއްޖެ އަށް މުދާ އެތެރެކުރާ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި އެވެ.

ޑޮލަރު ރޭޓް މަތިވުމުގެ އަނެއް ސަބަބަކީ މިކަމަށް ސަރުކާރާއި މަރުކަޒީ ބޭންކުން ބަސް ބުނުން މަދުވުމެވެ. ސަރުކާރުން އަބަދު ވެސް ޔަގީންކަން ދޭންޖެހޭ ކަމަކީ މިކަން މިގޮތަށް ނުވާނެ ކަމެވެ. ރާއްޖޭގައި ޑޮލަރު ހުރި ވަރާއި ބޭރު ފައިސާ ހޯދަން މަސައްކަތް ކުރަމުންދާ ވަރު ތަކުރާރުކޮށް ސަރުކާރުން ކިޔައިދޭން ޖެހެ އެވެ.

ކިޔައި ދިނުމުގެ ބަދަލުގައި ފެންނަނީ ސަރުކާރު ހިމޭނުން އޮންނަ ތަނެވެ. ސަރުކާރު ހިމޭންނުން އޮންނަ ނަމަ މިކަން ދާނީ ޕަބްލިކަށް އޮޅެމުންނެވެ. ހާއްސަކޮށް ޑޮލަރުގެ އަގު ގަސްތުގައި ބޮޑު ކުރަން ދައްކާ ވާހަކަތަކުގެ އިމްޕެކްޓް ބޮޑު ވަމުންނެވެ. އޭގެ ނަތީޖާއަކީ ޑޮލަރުގެ އަގަށް އަންނަ ބޮޑުވުން މުދަލުގެ އަގުން ފެންނާން ފެށުމެވެ.

އަގު ބޮޑުކޮށް ޑޮލަރު ގަންނަން ޖެހޭނަމަ މުދާ އަގު ބޮޑުވާނެ އެވެ. ބާޒާރުން މިހާރު ވެސް އެކަން އެބަ ފެނެ އެވެ. އާއްމުކޮށް 15.4ރ. އަށް ޑޮލަރު ލިބޭނަމަ 18ރ. އަށް ޑޮލަރު ގަނެގެން މުދާ އެތެރެކުރާނަމަ އެވްރެޖުކޮށް 16 ނޫނީ 17 ޕަސެންޓުގެ ބޮޑުވުމެއް ދައްކާނެ އެވެ. މި ބަޔަކީ ރައްޔިތުން ހިފަން ޖެހޭ ބައެކެވެ. ނޫނީ ހިފާނީ މުދާ ގަންނަ މީހާ އެވެ.

އިކޮނޮމީ ހިންގަން ފެށުމުން އިތުރު ބިރެއް

މި ވަގުތު ސަރުކާރުން ބޮޑެތި އިމްޕޯޓަރުންނަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސައި ދޭން ޖެހެ އެވެ. ނޫނީ ކުރިއަށް އޮތް ހަ މަސް ދުވަހު ބޮޑު ދަތިކަމެއް ކުރިމަތިވާނެ އެވެ. ސަބަބަކީ ރިސޯޓުތައް މި މަހުގެ 15 ގައި ހުޅުވި ނަމަވެސް އޮކިއުޕެންސީ 20 ޕަސެންޓުގައި ހުރެ، އިމްޕޯޓު މަތިވެއްޖެނަމަ، ޑޮލަރުގެ ޑިމާންޑް އިތުރުވުމުގެ ފުރުސަތު ބޮޑުވުމެވެ. ވިޔަފާރިތައް ހިންގަން ފެށުމާއެކު ބިދޭސީން ބޭރަށް ފޮނުވާ ޑޮލަރުގެ އަދަދު އިތުރު ވެގެން ދާނެ އެވެ. މިއީ ސަރުކާރުން ވިސްނަން ޖެހޭ ކަންކަމެވެ.

އަނެއް ކަމަކީ ރާއްޖޭގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތައް މަދުވުމެވެ. ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓް މަސައްކަތް އިތުރު ކުރަން މަސައްކަތް ކުރަން ޖެހެ އެވެ. އެކަމަށް އިތުބާރު އުފައްދައި، އެހީ ދޭން ޖެހެ އެވެ.

މިއީ އަލަށް ދިމާވާ މައްސަލައެއް ނޫން

ރާއްޖޭގައި ޑޮލަރު ރޭޓް މަތިވުމަކީ އަލަށް ދިމާވާ މައްސަލައެއް ނޫނެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މި ހާލަތު އައެވެ. އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެނެސް، ޑޮލަރުގެ އެކްޗޭންޖް ރޭޓް މަތިކޮށް، ބޭންކިން ސިސްޓަމާ "ކުޅުމުގެ" ނަތީޖާއަކީ ޑޮލަރެއްގެ އަގު 20ރ. އަށް މަތިވެގެން ދިއުމެވެ. މީގެ ސަބަބުން މުދަލުގެ އަގު ބޮޑުތަން އުފުލުމެވެ.

ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރީކޮޅުގައި މި މައްސަލަ ހަމައަކަށް އެޅުވި އެވެ. އޭރު އެޅި އެއް ފިޔަވަޅަކީ ދިވެހިން ބޭރަށް ދާން އެއާޕޯޓުން ބޭނުންވާ މީހާއަށް ޑޮލަރު ލިބޭނެ ގޮތް ހެދުމެވެ. ސަރުކާރު ކުންފުނިތަކުން "ބްލެކުން" ޑޮލަރު ހޯދުން ހުއްޓުވާލި އެވެ. ސަރުކާރު ކުންފުނި ތަކަށް މަރުކަޒީ ބޭންކުން ޑޮލަރު ފޯރުކޮށްދޭން ފެށި އެވެ. މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރުގެ އަގު 16.75ރ. އަށްވުރެ މަތިވެފައެއް ނުވެ އެވެ. އެހެންވެ މި ވޭތުވެދިޔަ ހަ އަހަރު ވެސް އާއްމު ރޭޓް އަކަށްވީ 15.75ރ. އެވެ.

ސަރުކާރުން "އެކްޓިވްކޮށް" މަސައްކަތް ކުރަން އެބަޖެހެ އެވެ. ވާނުވާ ރަނގަޅަށް ބުނެ ދޭން ޖެހެ އެވެ. އިގްތިސޯދަށް ޔަގީންކަން ދޭން ޖެހެ އެވެ. ޑޮލަރުގެ އަގު މަތިވުމުގެ އެއް ސަބަބަކީ މިހާރު އޮތް ބިރެ އެވެ. އަނެއް ސަބަބަކީ އިތުބާރު ކުޑަވުމެވެ. ބިރު ނައްތާލައި އިގްތިސޯދާ މެދު އޮތް އިތުބާރު މަތި ކުރެވިއްޖެނަމަ މިކަމަށް ކޮންމެ ވެސް ހަލެއް ގެނެވިދާނެ އެވެ.