ރާއްޖޭގެ ރިޒާވް ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު މަދުކަމުން، ކުރީގެ ފިނޭންސް މިނިސްޓަރު އަދި ގަވަރުނަރު، މުހައްމަދު ޖަލީލް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން ބޭއްވި ވެބިނާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ފިނޭންސް މިނިސްޓަރު ކަމާއި މަރުކަޒީ ބޭންކުގެ ގަވަރުނަރުކަން އަދި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޖަލީލް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގައި ރިޒާވް، ހާއްސަކޮށް ބޭނުންކުރެވޭ ރިޒާވް އެންމެ ކުޑަ އެއް ގައުމު ކަމަށެވެ. ރާއްޖެ އަށް ވުރެ މާކުދި ގައުމުތަކުގެ ރިޒާވް ބޮޑުކަން ފާހަގަ ކުރައްވައި އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
"ރާއްޖޭގައި އެންމެ ގިނައިން ވެސް މި ހުންނަނީ ހަތަރު މަހުގެ ރިޒާވް. އެކަމަކު، ބާބެޑޯސް ނޫނީ މޮރިޝަސް އާއި ސީޝެލްސް އަދި ބޫޓާން އާއި ސާމޯއާ ފަދަ ގައުމުތަކުގައި ވެސް އަށް މަސް ދުވަހުގެ އިމްޕޯޓަށްވާ ފައިސާ ރިޒާވްގައި ހުރޭ،" ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ސީނިއާ އެޑްވައިޒަރުކަން ކުރެއްވި ޖަލީލް ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ގިނައިން ވެސް މި ހުންނަނީ ހަތަރު މަހުގެ ރިޒާވް. އެކަމަކު، ބާބެޑޯސް ނޫނީ މޮރިޝަސް އާއި ސީޝެލްސް އަދި ބޫޓާން އާއި ސާމޯއާ ފަދަ ގައުމުތަކުގައި ވެސް އަށް މަސް ދުވަހުގެ އިމްޕޯޓަށްވާ ފައިސާ ރިޒާވްގައި ހުރޭމުހައްމަދު ޖަލީލް | ކުރީގެ މިނިސްޓަރު
އޭނާ ވިދާޅުވީ ރާއްޖޭން އަބަދު ވެސް ވިސްނަނީ ކަމެއް ދެމެހެއްޓުމަށް ނޫން ކަމަށާއި، މީގެ ބަދަލުގައި މިއަދު ކުރާ ކަންތަކުގެ މައްޗަށް ކަމަށެވެ.
"އަޅުގަނޑުމެން ނުވިސްނާ މާދަމާ އަކަށް، މާދަމާ ވާނެ ގޮތަކަށް،"
ރާއްޖޭގެ ރިޒާވް އެންމެ ދަށްވީ ކޮން އަހަރަކު؟
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ރާއްޖޭގެ މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖޭގެ ގްރޮސް އިންޓަނޭޝަނަލް ރިޒާވް ނުވަތަ އެންމެންނަށް އެނގޭ އާއްމު ބަހުރުވައިން ބުނާނަމަ ޖުމްލަ ރިޒާވްގައި ހުރީ 836.94 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 54 ބިލިއަން ރުފިޔާ ) އެވެ. މި އަދަދަކީ އޭގެ ކުރީގެ މަހުގެ މި މުއްދަތުގައި ހުރި 889.39 މިލިއަން ޑޮލަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 5.9 ޕަސެންޓުގެ ދަށްވުމެކެވެ. ނަމަވެސް އަހަރު އަހަރަށް އަޅާ ކިޔާނަމަ މިއަދަދު ވަނީ މަތިވެފަ އެވެ.
ޖުމްލަ ރިޒާވް ހުރި މިންވަރު ވޭތުވެ ދިޔަ ހަތް އަހަރު ދުވަހަށް ބަލާނަމަ އެންމެ ބޮޑަށް ދަށްވެފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ޑިސެމްބަރު މަސް އަދި 2017 ގެ ޖެނުއަރީ މަހު އެވެ. އަދި 2017 ގެ މެއި މަހާއި އޮކްޓޫބަރު މަހު އެވެ. މިދިޔަ ހަތް އަހަރު ދުވަހު ޖުމްލަ ރިޒާވް އެންމެ ބޮޑަށް ދަށްވެފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ ފަހަރު ރިޒާވް 343.50 މިލިއަން ޑޮލަރަށް ޖުމްލަ ރިޒާވް ވެއްޓިގެން ދިޔަ އެވެ.
ރާއްޖެއަށް ބޭނުން ޖެހޭ ހާލަތުގައި ބޭނުން ކުރެވޭ ގޮތަށް ހުންނަ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގައި އާއްމުކޮށް ހުންނަނީ ތިން މަސް ނޫނީ ދެ މަހުގެ އެކްސްޕޯޓަށް ބޭނުންވާ ވަރަށް ފައިސާ އެވެ. ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ހަތް އަހަރު ތެރޭ ހުރި މިންބަރު އެންމެފަހުން ބޮޑުތަން ދަށްވެފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި އޮކްޓޫބަރު އަދި ނޮވެމްބަރު މަހު އެވެ. އެ އަހަރު ރިޒާވް 162.9 މިލިއަން ޑޮލަރަށް ވެއްޓިފައިވެ އެވެ. ދެން އެންމެ ބޮޑަށް ދަށްވެފައިވަނީ އެ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މެއި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބަލާއިރު ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގައި ހުރީ 201 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3.1 ބިލިއަން ރުފިޔާ) އެވެ.