އެމްޓީސީސީ

ކެލާ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ

ހއ. ކެލާ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު ޖޫން 30 ގަ އެވެ. އެމްޓީސީސީން މިއަދު ބުނީ، މަސައްކަތް ހަވާލު ކުރުމުން، ކެލާގައި އަމަލީ މަސައްކަތް ފަށާފައި ވަނީ 13 ސެޕްޓެމްބަރުގައި ކަމަށެވެ.

މި ޕްރޮޖެކްޓާ ގުޅިގެން އެ ކުންފުނިން ބުނީ، ކެލާގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެސަރަޙައްދެއް ފުންކޮށް، 12،768 ކިއުބިކް މީޓަރުގެ ނެރު ފުންކުރި ކަމަށެވެ. އަދި 30 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި އަދި 220 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި 1445 އަކަ މީޓަރުގެ ޕޭވްމަންޓް އަކާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫއު ގެ ދަށުން ވަނީ ހިންގާފަ އެވެ.

17.4 މިލިއަން ރުފިޔާ ހަރަދު ކުރި މި މަޝްރޫއު ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 410 ދުވަހެވެ.

ކޮވިޑް-19 ގެ ދުވަސްވަރުވެސް، އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގެ ބަނދަރުގެ މަސައްކަތްކާއި ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްގެންދަމުންެވެ. އެގޮތުން މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ހުރި ބައެއް ރަށްރަށުގެ މަސައްކަތްތައް ނިންމާ މިދިޔަ ދެ މަސް ތެރޭ ވަނީ ހަވާލުކޮށްފަ އެވެ.