ހަބަރު

އަނިޔާގެ މައްސަލަތަކަށް އިސްކަންދެން، ޒިންމާއަދާނުކުރާ ކަމަށް ބުނާތީ ކަންބޮޑުވޭ: ފުލުހުން

Jul 11, 2020
3

ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް ބައެއް ފަރާތްތަކުން ނުކުމެ މަސައްކަތް ކުރަން ޖެހުނީ ފުލުހުން ޒިންމާ އަދާ ނުކުރާތީ ކަމަށް ބުނާތީ ކަންބޮޑުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަނިޔާގެ މައްސަލަތަކަކީ ފުލުހުން އަބަދުވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ދެކޭ، ހާއްސަ ސަމާލު ކަމެއް ދީގެން ތަހުގީގު ކުރާ މައްސަލަތަކެއް ކަމަށެވެ. އަދި އެފަދަ ކުށުގެ އަމަލުތަކާމެދު ރައްޔިތުން ހޭލުންތެރި ކުރުވައި، އެފަދަ ކުށްތަކުން، ކުޑަކުދިންނާއި އަންހެނުން ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި ކުރަމުންދާ ކަމަށެވެ.

"އެގޮތުން، ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ކުރާ ކުށްތަކުގެ މައްސަލަތައް ތަހުގީގުކުރުމަށް ވަކިބަޔަކު ކަނޑައެޅި އެބާވަތްތަކުގެ މައްސަލަތައް ތަހުގީގުކުރުމަށް ބޭނުންވާ ހާއްސަ ހުނަރުތައް ދަސްކޮށްދީ، އެހުނަރުތައް ޒަމާނާއި ކުށާއި ކުށްކުރުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއްގޮތަށް ތަރައްގީކުރުމާއި، އެފަދަ ތަހުގީގުތައް ހިންގުމުގެ ނިޒާމު ބޭނުންވާ ވަސީލަތްތައް އިތުރުކުރުމަކީ އަބަދުވެސް ސަމާލުކަންދޭ، އަދި މިހާރު އަމަލުކުރެވެމުންދާ ސްޓްރެޓީޖިކް ޕްލޭންގައިވެސް އިތުރު އިސްކަމެއް ދީފައިވާ ކަންކަމެވެ." ބަޔާނުގައިވެ އެވެ.

އަދި މިބާވަތްތަކުގެ ކުށްތަކާމެދު ހޭލުންތެރިކުން އިތުރުކުރުމުގެ ގޮތުން، މުޖުތަމަޢުގެ އެކިދާއިރާތަކާ ފަރުދުންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ހިންގައި މައްސަލަތައް ރިޕޯޓް ކުރެވޭނޭ ފަސޭހަގޮތްތައް ތައާފަފްކޮށް، މިފަދަ ކުށްތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ތަހުގީގުމަރުހަލާއިން ފެށިގެން ލިބެމުންދާނޭ އިންތިޒާމް ހަމަޖެހި، މިކަންކަން އިތުރަށް ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށެވެ. މިއެންމެހާ ކަންކަމަކީ މިދާއިރާތަކުގައި މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމްއިއްޔާތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ބޭރު ގައުމުތަކުގެ ފުލުހުންގެ އިދާރާތަކުގެވެސް އެހީތެރިކަމާ އެކު ކުރެވެމުންދާ ކަންކަން ކަމަށް ފުލުހުން ބުންޏެވެ.

"ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށްޓަކައި އިތުރަށް ކުރަންޖެހިފައި ހުރިކަންކަން ހުރިކަމާއި ނަތީޖާ ހާސިލުވާނޭގޮތަށް އިންތިޒާމުތައް ބަދަލުކޮށް، ގުޅިގެން، އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފުލުހުން ވެސް ފާހަގަކުރަމެވެ. އަދި މުޖުތަމައުގައި ހުރި މިފަދަ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމާއި އިންސާފު ހޯދުމާއި އަނިޔާލިބޭ ފަރާތްތަކުގެ ހައްގުތައް ޖަމިއްޔާތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ތަރުހީބުދެމެވެ." ބަޔާނުގައިވެ އެވެ. "އެހެންނަމަވެސް، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް ބައެއް ފަރާތްތަކުން މަސައްކަތްތައް ކުރަންޖެހުނީ ފުލުހުން ޒިންމާ އަދާނުކުރާތީ ކަމަށްބުނެ މީޑިއާގެ ބައެއްވަސީލަތްތައް މެދުވެރިކޮށް ވާހަކަދައްކަވަމުން ގެންދާތީ އެކަމާމެދު މިސާވިސްއިން ކަންބޮޑުވުން ފާޅުކުރަމެވެ."

ފުލުހުން ބުނީ ޒިންމާދާރު ގޮތަކީ ކޮންމެކަމެއްގައިވެސް އެކަމެއްގެ ފުރިހަމަ މައުލޫމާތު އެކަމަކާ ގުޅޭ ފަރާތްތަކުން ސާފުކުރެއްވުމަށް ފަހުގައި ނޫނީ އެކަމަކާ ގުޅޭގޮތުން ވާހަކަ ނުދެއްކެން ކަމަށެވެ. އަދި ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރަކުރުންފަދަ މުޖުތަމައުގެ ކަންބޮޑުވުން ވަރަށް މަތީ ދަރަޖައަކަށް އޮތް، މިފަދަ ހައްސާސީ ކަންކަމުގައި، ވަކިން ހާއްސަކޮށް، ކަމުގެ ހަގީގަތް ނުއޮޅޭނޭގޮތަށް ވާހަކަދެއްކެވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މަސައްކަތްކުރުމުގައި މަތިކުރެވިފައިވާ ގާނޫނީ ޒިންމާތައް އަދާކުރުމުގައި އެއްވެސް ފަސްޖެހުމެއްނެތި، އިސް ސަފުގައި މަސައްކަތްކުރަމުން ގެންދާނޭކަމުގެ ޔަގީންކަންދޭ ކަމަަށް ވެސް ބުންޏެވެ. އަދި މިރޮގުން، އެކި ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ދެވެން އޮތްއެންމެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.