ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅޭ ގެ ފުލުހުން ބަލާ ފާސްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެ އިދާރާއިން ތަހުގީގު ކުރަމުންދާ ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅޭ ގެ ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އެ ގެ ބަލާ ފާސްކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ.
ނަމަވެސް އެ އޮޕަރޭޝަންގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އަދި އެ ގެއިން އެއްޗެއް ގެންދިޔަ ކަމެއްވެސް ސާފެއް ނުވިއެވެ.
އަލީ ވަހީދަށް ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ޖިންސީ ގޯނާގެ ތުހުމަތުކޮށްފަ އެވެ. އެ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ތުހުމަތުތަކާއި ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވުމަށް އަލީ ވަހީދަށް އަންގަވާފައެވެ.
ނަމަވެސް މަގާމުން އިސްތިއުފާ ދެއްވުމަށް ދެކޮޅު ހެއްދެވުމުން ބުރާސްފަތި ދުވަހު އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ޓޫރިޒަމް ހިންގުން ވަގުތީ ގޮތުން މިނިސްޓަރު ފައްޔާޒުއާ ހަވާލު ކުރެއްވިއެވެ.
ފުލުހުން ކުރީގެ މިނިސްޓަރު އަލީ ވަހީދު ދިރިއުޅޭގެ ފާސްކުރަމުންދާއިރު ސަރުކާރުގެ ބައެއް ވެރިންނާއި ގުޅުންހުރި ވީޑިއޯތަކަކާއި ބައެއް މައުލޫމާތުތައް ލީކްކޮށްލާނެ ކަމުގެ އިންޒާރު ދަނީ ދެމުންނެވެ. ފޮރުވިގެން ތިބެ އިންޒާރު ދޭ އެމީހުން ދަނީ ސަރުކާރުގެ އިސްވެރިން ފަލީހަތް ކޮށްލާނެ ކަމަށް ބުނަމުންނެވެ.
އެކަމުގެ އަޑީގައި ހުންނެވީ އަލީ ވަހީދު ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ. އަދި އަލީ ވަހީދުގެ އަތުގައި އެފަދަ ގިނަ މައުލޫމާތާއި ބައެއް ވީޑިއޯ އެބަހުރި ކަމަށްވެސް ބުނެއެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އަދި ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުންވެސް ފަހުން އަލީ ވަހީދު އެއްވެސް ވާހަކައެއް ނުދައްކައެެވެ.
މަގާމުން އިސްތިއުފާ ދެއްވަން އެންގެވި ރޭ އަލީ ވަހީދު ޓްވިޓާ މެދުވެރިކޮށް ރާއްޖޭގެ ކަނޑުތަކާއި ޗާޓް ރަމްޒުވާ ފޮޓޯއެއް ޕޯސްޓް ކުރެއްވި އެވެ. އެ ފޮޓޯގައި ދިވެހި ބަހުން ލިޔެފައި ވަނީ "މި ދުވަސް ވެސް ހިނގައިދާނެ" މިހެނެވެ.
މާނަ ހުރި އެ ފޮޓޯއާއެކު އޭނާ ވިދާޅުވެފައި ވަނީ އިހުލާސްތެރި ކަމާއެކު ގައުމަށް ހިދުމަތްކޮށް ދެވުނީތީ ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. ވަގުތު ޖެހުމުން ހުރިހާ ކަމެއް ސާފުވާނެ ކަމަށެވެ. އަދި ހައްގަށް ނަސްރު ލިބޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.