ހަބަރު

ޔުނިފޯމު ބަދަލު ކުރީ ހަރަދު ކުޑަ ކުރަން: އައިޖީއެމްއެޗް

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް ނަރުހުންގެ ޔުނިފޯމް ބަދަލު ކުރީ ކުރިން ބޭނުން ކުރަމުން ދިޔަ ޔުނިފޯމަށް އެކި ބާވަތުގެ ޝަކުވާތައް އައުމާއި ޔުނިފޯމަށް ކުރި ހަރަދު ކުޑަ ކުރުމުގެ ގޮތުން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ދެ އަހަރަށް ފަހުން އައިޖީއެމްއެޗު ނަރުހުންގެ ޔުނިފޯމް/ސްކްރަބްސް އަނެއްކާވެސް ބަދަލު ކުރުމުން އެ ހޮސްޕިޓަލަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މީގެ ކުރިން ބޭނުން ކުރި ޔުނިފޯމާމެދު ފެށުނީއްސުރެ އެކި ބާވަތުގެ ޝަކުވާ އައި ކަމަށެވެ. އަދި އަލުން ހަމަޖެއްސި ޔުނިފޯމަކީ، ނަރުހުންނާއި ދާއިރާގެ އެކި ފަރާތްތަކުގެ މަޝްވަރާ އާއެކު ފަރުމާ ކޮށް ޔުނިފޯމާ މެދު ހުށަހަޅާފައިވާ ޝަކުވާތަކަށް ހައްލު ލިބޭ ޔުނިފޯމެއް ކަމަށެވެ.

އިތުރަށް ފާހަގަ ކުރީ، މީގެ ކުރިން ނަރުހުންގެ ޔުނިފޯމް ފަހަނީ އައުޓްސޯސް ކޮށްގެން ކަމުން އެކަމަށް ބޮޑު ހަރަދެއް ހޭދަވާ ކަމަށެވެ. ނަމަވެސް، މިހާރުގެ ޔުނިފޯމަކީ ރާއްޖޭން ބޭރުން ފޮތި ގެނެސް އަމިއްލަ އަށް ފަހާ ޔުނިފޯމެއް ކަމަށެވެ.

"މި އާ ޔުނިފޯމުގެ ސަބަބުން، މި ކަމަށ ދައުލަތުން ކުރަމުން ދިޔަ ހަަރަދުން ގިނަ އަދަދެއްގެ ފައިސާ ސަލާމަތް ކުރެވިފައިވޭ.." ބަޔާނުގައި ވެ އެވެ.

އަދި ޔުނިފޯމަކީ އަހަރަކު އެއްފަހަރު ފޯރުކޮށްދޭ އެއްޗެއް ކަމުން، ޝަކުވާތަކަށް ހައްލު ލިބި ރަނގަޅު އުފެއްދުމެއް މިހާރު ލިބިފައި ކަމަށެވެ. ކުޑަ ހަރަދަކުން މިފަދަ ކަންކަން ކުރުމަކީ ހޮސްޕިޓަލުގެ މެނޭޖްމަންޓުން އިސްކަންދޭ ކަމެއް ކަމަށެވެ.

އައިޖީއެމްއެޗުން އެންމެ ފަހުން ނަރުހުންގެ ޔުނީފޯމް ބަދަލުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ މެއި މަހު އެވެ. އޭރު ބަދަލު ކުރީ ވިލު ނޫ ކުލައަކަށް ދާ ޔުނީފޯމަކަށެވެ. އޭގައި ހުދު ކުލަ އާއި ވިލު ނޫ ކުލައިގެ މާތަކެއް ހުރެ އެވެ. އަލަށް ބޭނުންކުރާ ޔުނިފޯމު ވެސް ވިލު ނޫ ކުލަައިގައި ހުރި ނަމަވެސް، އޭގައި އެއްވެސް ޑިޒައިނެއް ނެތެވެ. އަދި ޔުނީފޯނުގެ ކުލަ ވެސް ވަނީ ކުޑަކޮށް މަޑުކޮށްފަ އެވެ.

ދެހާސް އަށާރައިގެ ކުރިން އެ ހޮސްޕިޓަލްގެ ނަރުހުންގެ ރަސްމީ ޔުނީފޯމެއްގެ ގޮތު ބޭނުން ކުރަމުން އައީ މަޑު ނޫކުލައިގެ ޕްލެއިން ޔުނީފޯމެކެވެ. އެއީ އެންމެ ކުރިން އެ ހޮސްޕިޓަލުން ބޭނުން ކުރަމުން އައި ހުދު ޔުނީފޯމް ބަދަލުކޮށް 2016 ވަނަ އަހަރު ތައާރަފުކުރި ޔުނީފޯމެކެވެ.