ރިޕޯޓް

މަސައްކަތު ގަޑި މަދުކުރުން: ޕްރައިވެޓް ސެކްޓާއަށް އޮތީ ކޮން ފައިދާއެއް؟

ސަރުކާރު މުވައްޒަފުންގެ ގަޑި މިވަނީ ހަ ގަޑިއިރަށް ކުރުކޮށްފަ އެވެ. ސަރުކާރު މުވައްޒަފުންގެ މަސައްކަތުގެ ގަޑި ކުރުކުރުމަށްފަހު، ސަރުކާރުން ބުނެފައި ވަނީ މީގެ މަގުސަދަކީ މުވައްޒަފުންނަށް އެ މީހުންގެ އާއިލާތަކާއެކު ވަގުތު ހޭދަކުރަން ވަގުތު ދިނުމެވެ. ނަމަވެސް މި ބަދަލުގެ އަސަރު އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށްވެސް ކުރާނެ އެވެ. މި ބަދަލުގެ ސަބަބުން ޕްރައިވެޓް ސެކްޓާއަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟

"މީގައި އޮންނާނެ ދެކޮޅު. ރަނގަޅަށް ހީވާގިކަމާއެކު މަސައްކަތް ކުރަން ފަށައިފިނަމަ ޕްރޮޑަކްޓިވިޓީ ފެނިގެންދާނެ. މިގޮތަށް މަސައްކަތް ކޮށްފިނަމަ އޭގެ ފައިދާ ފެންނާނެ،" ސަރުކާރު ކުންފުންޏެއްގެ ވެރިއަކު ބުންޏެވެ.

ސަރުކާރުގެ މުވައްޒަފުން ކުރިން މަސައްކަތް ކުރީ ހެނދުނު 8-3 ޖެހުމާ ހަމައަށެވެ. އަށް ގަޑި އިރެވެ. ނަމަވެސް މިހާރު ކޮންމެ ދުވަހެއްގެ މެންދުރު ފަހު ދޭއް ޖަހާއިރަށް ސަރުކާރު މުވައްޒަފުންގެ ރަސްމީ މަސައްކަތް ނިމޭނެ އެވެ. މިބަދަލާމެދު މުވައްޒަފުން ދެކެނީ ވަރަށް ޕޮޒިޓިވް ކޮށެވެ. ނަމަވެސް މިކަމުގައި ދެކޮޅު ވެސް އެ ބައޮތް ކަމަށް އިގްތިސާދީ ދާއިރާގެ ބޭފުޅުނާއި އަމިއްލަ ވިޔަފާރިވެރިން ގަބޫލުކުރެ އެވެ. އެފަދަ ބޭފުޅުންގެ ނަޒަރުގައި މަސައްކަތުގެ ގަޑި މަދުކޮށްފިނަމަ، ހިދުމަތް އަވަސް ކުރަންޖެހޭނެ އެވެ. އެހެންނޫންނަމަ މީގެ ސަބަބުން ކުރާ ފައިދާއަށް ވުރެ ގެއްލުން ބޮޑު ވާނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަންގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ މަސައްކަތްކުރާ ވަގުތަށްވުރެ މުހިންމީ މަސައްކަތުގެ ކޮލިޓީ ކަމަށެވެ.

"މީގައި މުހިންމުވަނީ ވަގުތެއް ނޫން. ކޮލިޓީ ނެރެވެންޏާ އެއީ މައްސަލައެއް ނޫން،" ޖަނާހު ވިދާޅުވި އެވެ.

މިހާރު، ސަރުކާރުގެ ގިނަ އޮފީސްތަކުގެ މަސައްކަތްކުރަމުން އައިގޮތަށް ބަލައިލާނަމެވެ. ހެނދުނު އަށެއް ޖަހާއިރު އޮފީހަށް ދާގޮތަށް ދެން ދާނީ ހެނދުނު ސަޔަށެވެ. އަދި ސައި ނިމިގެން އޮފީއަށް އަންނައިރު އޮންނާނީ 9.30 ވެފަ އެވެ. ދެން މަސައްކަތް ފަށާނީ އެވެ. އަދި މެންދުރު 12 ޖެހުމާއި ދެމެދު ލިބޭ ބްރޭކް ވަގުތު ކޮޅުގައި ގިނަ މުވައްޒަފުން "ކޮފީ ބްރޭކް" ނަގާނެ އެވެ. އަދި 12 ޖަހާއިރު އޮންނަ ބްރޭކް ގަޑި ނިންމާފައި އެކެއް ޖަހަންވާއިރަށް އޮފީހަށް ދާން ޖެހެ އެވެ. ނަމަވެސް ގިނަ މުވައްޒަފުން ދާނީ ގަޑި ޖެހިގެންނެވެ. އަދި މަސައްކަތް އެހާ ސްލޯވާނެ އެވެ. މިކަމުގެ ސަބަބުން ޕްރައިވެޓް ސެކްޓާއިން ހޯދަން ޖެހޭ ހިދުމަތްތަކުގައި އަބަދުވެސް ޝަކުވާ ގިނަ އެވެ.

ޖަނާހު ވިދާޅުވި ގޮތުގައި މަދުވަގުތު ކޮޅެއްގެ ތެރޭގައި ޓައިމް ވޭސްޓް ނުކުރުން މުހިންމު ކަމަށެވެ.

"ޓާގެޓެޑް ޕްލޭން ހަދައިގެން މަސައްކަތް ކޮށްފިނަމަ ރަނގަޅުވާނެ. މަސައްކަތު ގަޑި މަދު ކުރުމުން ކުރިން ސަރުކާރު އޮފީސްތަކުން ދެ ދުވަހުން ދޫކުރާ ހުއްދަތައް އެއް ދުވަހުން ދޫކުރާ ކަހަލަ ގޮތެއް ހެދިއްޖެނަމަ މިވާނީ ބޮޑު ކުރި އެރުމަކަށް،" ޖަނާހު ވިދާޅުވި އެވެ.

ސަރުކާރު މަސައްކަތު ގަޑި މަދުކުރުމާއެކު މުވައްޒަފުން ނަށް މި ވަނީ އިތުރު ދޮރުތަކެއް ހުޅުވިފަ އެވެ. މިކަން މުވައްޒަފުން ބަލައި ގަންނަނީ ޝުކުރުވެރިކަމާއެކުގަ އެވެ. މުވައްޒަފުން ނަށް ލިބުނު މި ފުރުސަތާއެކު ކިޔެވުމަށް މިވަނީ އިތުރު ވަގުތު ލިބިގެން ގޮސްފަ އެވެ. މީގެ އިތުރުން އިތުރު ވަޒީފާއެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ހުޅުވިގެންދާނެ އެވެ. މިކަން ވެގެންދާނީ ހަމަ ގައިމު ވެސް ޕްރައިވެޓް ސެކްޓާ އަށް ލިބޭނެ ފަސޭހަ އަކަށެވެ. މީގެ އެއް ސަބަބަކީ ފިހާރަތަކުގެ ސޭޓުންގެ ގޮތުގައި ބިދޭސީނަށް ނުތިބެވޭ ގޮތަށް ހަމަޖެއްސުމާއެކު ސޭޓުންގެ ގޮތުގައި ގިނަ ވަޒީފާތަކެއް ހުސްވެގެން ދިއުމެވެ. މީގެ ތެރެއިން ބައެއް ފިހާރަތަކަށް އަދި ވެސް ދިވެހި ސޭޓުން ނުލިބެ އެވެ. އެހެންކަމުން މި އޮތީ 2 ޖަހާއިރު އޮފީސް ނިންމާފައި ގޮސް "ޕާޓްޓައިމްކޮށް" އަދާކުރަން ރަނގަޅު ވަޒީފާ އެކެވެ.

"ސިވިސް ސާވިސްގައި އެ ބަތިބި ޕްރައިވެޓް ސެކްޓާގައި ވެސް މަސައްކަތް ކުރެވޭނެ މީހުން. ލިބޭ ހުސް ގަޑީގައި ކޭޝިއަރުންނަށް ވެސް ތިބެވި ދާނެ. ސިވިސް ސާވިސްގައި އެ ބަތިބި އެކައުންޓެކްސީ ކުދިން. އެ ފަދަ ކުދިންގެ ފައިދާ ޕްރައިވެޓް ސެކްޓާއަށް ނެގިދާނެ. އެފަދަ ކުއްޖަކު އައިސް ތިން ގަޑިއިރު ވަރު ޕްރައިވެޓް ތަނެއްގައި މަސައްކަތް ކޮށްލީ. އެހެން ވެއްޖެނަމަ އެއީ ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ކަމެއް،" ޖަނާހު ވިދާޅުވި އެވެ.

"އާއިލާގެ އިންކަޕް އަޕް ލިސްޓްކުރަން ވެސް ރަނުގެ ފުރުސަތެއް މިއީ. ވިޔަފާރިއެއް ފަށައިގެން އުޅޭ ކުދިންނަށް ވެސް ވިޔަފާރީގައި އުޅުމަށް އެ ލިބެނީ ރަނގަޅު ފުރުސަތެއް."

ސަރުކާރު މުވައްޒަފުންގެ މަސައްކަތު ގަޑި މަދު ކުރުމަކީ ޕްރައިވެޓް ސެކްޓާއަށް ފައިދާ ނެގޭނެ ކަމެކެވެ. ނަމަވެސް މިކަން ވާނީ މަސައްކަތުގެ ސްޕީޑް އަވަސްކޮށްގެންނެވެ. މިއާއެކު ޕްރޮޑަކްޓިވިޓީ ވެސް އިތުރުވާން އެބަ ޖެހެ އެވެ.