ދިވެހި ރާއްޖެ އަލުން ހުޅުވާލުން

ބޯޑަރު ހުޅުވަން އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް

ބޯޑަރު ހުޅުވުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މާދަމާ ހާއްސަ ރަސްމިއްޔާތެއް ބާއްވަން ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި ބޯޑަރު ހުޅުވުމުގެ ގޮތުން ވީއައިއޭގައި މާދަމާ ހެނދުނު ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ސަރުކާރުގެ ވަޒީރުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ބޯޑަރު ހުޅުވުމުގެ ގޮތުން ފުރަތަމަ ރާއްޖެއަށް ޖައްސާނީ ގަތަރު އެއާވޭސްގެ ބޯޓެވެ. އެ ބޯޓުން އަންނަ މީހުންނަށް މަރުހަބާ ކިއުމުގެ ގޮތުން ބޯޓު ޖެއްސުމާއެކު ވޯޓާ ސެލިއުޓެއް ދޭނެ އެވެ. އަދި އެ ފްލައިޓުން އަންނަ ކޮންމެ މީހަކަށް މާބޮނޑިއެއް ހަދިޔާ ކުރާނެ އެވެ. އެނގިފައިވާ ގޮތުގައި މި ފްލައިޓުން 150 އަށް ވުރެ ގިނަ މީހުން ރާއްޖެ އާދެ އެވެ.

ގަތަރު އެއާވޭސްގެ އިތުރުން މާދަމާ ރާއްޖެއަށް ޖައްސާނީ ސްރީލަންކަން އެއާލައިންސް އެވެ.

ކޮވިޑް-19 އިގެ ބަލި ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައިވަނީ މާޗް 27 ވަނަ ދުވަހު އެވެ. މާދަމާ އަލުން ރާއްޖެއިން އޮން އެރައިވަލް ވިސާ ދޭން ފަށަނީ ވީއައިއޭގައި ސިއްހީ ގޮތުން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅު ތަކެއް އަޅައިގެންނެވެ.

ކޮންމެ ބޯޓެއް ޖައްސާ ފުރުމުގެ ކުރިން އެއާޕޯޓު ޑިސްއިންފެކްޓް ކުރާނެ އެވެ. އަދި އެއާޕޯޓުގައި ވަނީ ސޯޝަލް ޑިސްޓެންސިންގައި ހިދުމަތް ދެވޭ ގޮތަށް ބަދަލު ގެނެސްފަ އެވެ. ކުރިން އެއް ފަހަރާ 1،000 މީހުންނަށް ހިދުމަތް ދޭ އިންޓަނޭޝަނަލް އެރައިވަލް ހޯލުގައި މިހާރު ހިދުމަތް ދޭނީ 577 މީހުނަށެވެ. އަދި އިންޓަނޭޝަނަލް ޑިޕާޗާ ޓާމިނަލްގައި ކުރިން 1200 މީހުންނަށް ހިދުމަތް ދިން ނަމަވެސް ހުޅުވުމުން ހިދުމަތް ދޭނީ 750 މީހުންނަށެވެ.

ބޯޑަރު ހުޅުވާއިރު 11 އެއާލައިނެއް ރާއްޖެ އަންނަން ވަނީ ޝެޑިއުލްކޮށްފަ އެވެ. ރާއްޖެއަށް މި މަހު ތެރޭގައި ޖައްސަން ޝެޑިއުލްކޮށްފައި ވަނީ ތިން އެއާލައިނަކުންނެވެ. އަންނަ މަހުގައި ހަ އެއާލައިންއެއް އައުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. އަދި ސެޕްޓެމްބަރު މަހު ދެ އެއާލައިނެއް އަންނާނެ އެވެ. އަދި އޮކްޓޫބަރު އަންނާނީ އެންމެ އެއާލައިނެކެވެ.

ގައުމީ ޔުނިވާސިޓީ އިން ދާދި ފަހުން ކުރި ދިރާސާ އިން ދެއްކި ގޮތުގައި މިމަހު ރާއްޖެ އަށް އަންނާނީ 10،595 ޓޫރިސްޓުންނެވެ. އަދި މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖެ އަށް އަންނާނެ ކަމަށް ލަފާ ކުރެވެނީ 450،134 މީހުންނެވެ.