ބިދޭސީން

ބިދޭސީ ހަމަނުޖެހުންތަކަށް ޒިންމާވާން ޖެހޭނީ ސަރުކާރު: އަދުރޭ

ބިދޭސީން ހިންގަމުންދާ ހަމަނުޖެހުންތަކަށް ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މުސާރަ ނުދޭ މައްސަލާގައި ބިދޭސީން ސިލްސިލާކޮށް މުޒާހަރާތައް ކުރަން ފަށާފައި ވެއެވެ. އަދި މި މުޒާހަރާތައް ކޮންޓްރޯލްކޮށް ހުއްޓުވަން ދާ ފުލުހުންނާއި ކުރިމަތިލާ ހަމަލާދީ ފުލުހުންގެ ވެހިކަލްތަކަށް ވެސް ދަނީ ގެއްލުން ދެމުންނެވެ.

މިކަމާ ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިދޭސީ ބަޔަކު ދިވެހި ފަސްގަނޑުގައި ދިވެހިންނާއި ދެކޮޅަށް މުޒާހަރާކޮށް، ފުލުހުންނަށް އަނިޔާކޮށް ދައުލަތުގެ މުދަލަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ނުރައްކާތެރި ބިރުވެރި ކަމެއް ކަމަށާއި މިކަމުގެ ޒިންމާ މި ސަރުކާރުން ނަގަން ޖެހޭނެ ކަމަށެވެ.

ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ 198 ބިދޭސީންނަށް މުސާރަ ނުދޭތާ ހަ މަސް ވުމުން އެ މީހުން ވަނީ އެ ރަށުގައި ތިބި ދިވެހިން ރަހީނުކޮށް، އެކަން ހުއްޓުވަން އައި ފުލުހުންނާ ކުރިމަތިލާ ހަމަނުޖެހުން ހިންގައިފަ އެވެ.

މީގެ އިތުރުން އިއްޔެ ހުޅުމާލޭގައި ވަނީ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންތަކެއް ވަނީ މުޒާހަރާކޮށް، އެކަން ކޮންޓްރޯލް ކުރަން ދިޔަ ފުލުހުންތަކަށް ޖިސްމާނީ އަނިޔާ ލިބޭ ފަދަ ގޮތަކަށް ކުރިމަތިލާފަ އެވެ. ބައެއް ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ވެހިކަލަށް ގެއްލުންވެފައިވެސް ވެއެވެ. މި ބިދޭސީންތައް މީގެ ކުރިންވެސް ވަނީ ހުޅުމާލޭގައި މުޒާހަރާކޮށްފައެވެ. ނަމަވެސް އެ މުޒާހަރާގައި ހަމަނުޖެހުމެއް ހުނގާފަ އެއް ނުވެ އެވެ.