ހަބަރު

މާބައިދޫ އާ ނެރުގެ ބޮޑުބައި ނިންމައިފި

ލ. މާބައިދޫގެ އާ ނެރު ހެދުމުގެ މަސައްކަތުން 79 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހަވާލުކޮށް އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ކުރިން ކަނޑާފައި އިން ނެރު ބެއްދުމުގެ މަސައްކަތާއި އާ ނެރެއް ކެނޑުމުގެ މަސައްކަތް ވަނީ މިހާރު މުޅިން ނިމިފައި ކަމަށް އެ ކުންފުނިން މިއަދު ބުންޏެވެ.

އަދި ބްރޭކްވޯޓާ ހެދުމުގެ މަސައްކަތުގެ 63 ޕަސެންޓް ނިންމިފައިވާ ކަމަށްވެސް ބުންޏެވެ.

އިތުރަށް ބުނީ މި އެ މަޝްރޫއުގެ ޕްރޮޖެކްޓް ސްކޯޕްގެ ދަށުން 17،503.96 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ލުމާއި، 19 މީޓަރުގެ ސަރަހައްދެއްގައި ސަބް މާޖް ބްރޭކްވޯޓާ ލުމާއި، 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި ފާލަން އެޅުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
.
ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝަރޫއުގެ އަގަކީ 16.4 މިލިއަން ރުފިޔާ އެވެ.

އެމްޓިސީސީން ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި، މުޅިން ނިންމާލެވޭނެ ކަމަށް ލަފާ ކުރެވެނީ އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ކަމަށެވެ.