ހަބަރު

ކުއްޖަކަށް ބިރުދައްކާ ބްލެކްމެއިލް ކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އުމުރުން 17 އަހަރުގެ ކުއްޖަކަށް ބިރުދައްކާ ބްލެކްމެއިލްކޮށް ގެސްޓް ހައުސްއަކަށް އެކުއްޖާ ގެންގޮސް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ނ. ލަންދޫ، ޗިޗަންޑާގެ، އިބްރާހީމް ނިހާނު 22އ. އެވެ.

ނިހާނު ހައްޔަރުކޮށްފައިވަނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަަށް ބިރުދައްކައި، ބްލެކްމެއިލްކޮށް، އެ ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް ޖިންސީގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 15 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ މައްސަލައަކަށްވެފައި، ނިހާނު ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބަލައި ޝަރީއަތް ނިމެންދެން އޭނާ ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން އިތުރަށް ބުނީ ކުޑަ ކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.