ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންނަށް 18.1 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ކޮވިޑް-19 އިގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ދަތިކަމުން ވަޒީފާ ގެއްލި އަދި ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ "އިންކަމް ސްޕޯޓް" ރިޕޯޓުގައިވާ ގޮތުން މި މަހުގެ 16 ވަނަ ދުވަހާ ހަމަ އަށް 4,525 މީހަކަށް ވަނީ ފައިސާ ދޫކޮށްފަ އެވެ. ދޫކުރި ފައިސާގެ ޖުމްލަ އަދަދަކީ 18.1 މިލިއަން ރުފިޔާ އެވެ.
އިކޮނޮމިކް ރިލީފް ޕެޖޭޖުގައި ހިމަނައިގެން އިންކަމް ސްޕޯޓުގެ ގޮތުގައި ދޫކުރަނީ 5،000ރ. އެވެ. މި އެހީ ދެނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ.
ސަރުކާރުގެ އިންކަމް ސަޕޯޓް ދޫކުރަން ފެށުމާ ގުޅިގެން، ވޯލްޑް ބޭންކުން ވެސް ވަނީ 12.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 197 މިލިއަން ރުފިޔާ) ދޫކުރަން ނިންމާފަ އެވެ. ވޯލްޑް ބޭންކުގެ މި އެހީ ލިބުމާއެކު ވަޒީފާ ގެއްލި ނުވަތަ އަސަރު ކޮށްފައިވާ ގާތްގަނޑަކަށް 13،000 މީހުނަށް އެލަވަންސް ދިނުމުގެ ގާބިލުކަން ލިބިގެން ދާނެ އެވެ.
އިންކަމް ސަޕޯޓުގެ ފައިސާ ދޫކުރަނީ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކޮށްގެންނެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފަ އެވެ. ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ހަދާފައިވާ ދިރާސާއެއްގައިވާ ގޮތުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 45،000 ވަޒީފާ އަކަށް އަސަރުކޮށްފައިވެ އެވެ. ޓޫރިޒަމް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާ އެއް ކަމަށްވާ ޓޫރިޒަމް އިމްޕްލޯއީމަންޓް އެސޯސިއޭޝަން (ޓީމް) އިން ބުނެފައިވާ ގޮތުގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 11،000 އަށްވުރެ ގިނަ މުވައްޒަފުން ވަނީ "ނޯޕޭ ލީވް" ދީ ގެއަށް ފޮނުވާލާފަ އެވެ. އަދި ގައުމީ ޔުނިވާސިޓީން ކުރި ދިރާސާ އަކުން ދެއްކި ގޮތުގައި ސާވޭގައި ބައިވެރިވި ވަޒީފާތަކުގައި މަސައްކަތް ކުރާ މިހުންގެ ތެރެއިން ކޮންމެ 10 މީހަކުން ފަސް މީހެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފަ އެވެ.